ކުޑަކުދިންނަށް ޚާއްސަކޮށްގެން ވާހަކަ ފޮތްބައެއް ނެރެފިއެވެ.

”މަވެށި“ ނަމުގައި ތައްޔާރުކޮށްފައިވާ ވާހަކަ ފޮތްބައި ނެރެދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.

"މަވެށި" ފޮތް ބަޔަކީ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހުދީ ލިޔުއްވާފައިވާ ފޮތްތަކެކެވެ، މި ފޮތްބައިގައި ޖުމްލަ ފަސް ފޮތެވެ. އެއީ ”އެކުވެރި ތިން މިޔަރު“، ”ބުއްދިވެރި ފިނދަނަ“، ”ނަސީބުދެރަ ކޮވެލި“، ”ކިބުރުވެރި ބުޅާ“، ”ކޮކާލުގެ ހުވަފެން“ އެވެ.

މިއިން ކޮންމެ ފޮތެއްގައިވެސް އިބްރަތަކާއެކު އާ ބަސްތައް ދަސްކޮށްދީފައިވާނެ ކަމަށް ޝަހުދީ ވިދާޅުވިއެވެ. އަދި ތިމާވެށީގެ މުހިންމުކަން ފާހަގަކޮށްދިނުމާއެކީ ކުލަގަދަ ގިނަ ކުރެހުންތަކާއެކު މިފޮތްތަކަކީ ކުދިންނަށް ޝައުގުވެރި ފޮތްތަކަކަށް ވާނެ ކަމަށް ޝަހުދީ ވިދާޅުވިއެވެ.

ވާހަކަ ފޮތްބަޔާ ގުޅޭ ގޮތުން ވާހަކަ ދައްކަަވަމުން ޝަހުދީ ވިދާޅުވީ އެ ވާހަކަތަކަކީ އޭނާގެ ދަރިންނަށް ނިދާ ގަޑީގައި ކިޔައިދިން ވާހަކަތަކެއް ކަމަށެވެ. ވާހަކައެއް ސިފައެއްގައި ފޮތްތައް ލިޔުނީ އެހެން ކުދިންނަށް ވެސް އެމެސެޖްތައް ފޯރުކޮށްދެން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުޑަކުދިންނަށް ހާއްސަކޮށް ދިވެހިން ވާހަކަ ފޮތްތައް ނެރުން ވަރަށް މުހިންމު ކަމަށެވެ. އެއީ އަބަދުވެސް ހިތްވަރު ދެއްވާނެ ކަމެއް ކަމަށެވެ.

ކުޑަކުދިން އަބަދު އިނގިރޭސި ވާހަކަ ދައްކައި ދިވެހި ބަސް ދެކެ ފޫހިވަމުންދާއިރު މިފަދަ ވާހަކަ ފޮތްތަކުން ކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް ޝައުގުވެރިކަން އުފެއްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.