ރާއްޖެއަކީ ކުރިން މިޔަރުމަހާއި މިޔަރު އުރަހަ ލޮނުއަޅައި ހިއްކައިގެން ވިއްކައި އަދި ގިނަ އަދަކަށް ބޭރަށް އެކްސްޕޯޓް ކުރި ގައުމެއް ނަމަވެސް، އެކަން ދިވެހީން ހުއްޓާލިތާ ކިތަންމެ ދުވަހެކެވެ. ސަބަބަކަށްވީ، ރާއްޖޭގެ ކަނޑުތަކުން މިޔަރު ހުސްވެދާނެކަމުގެ އަލާމާތްތައް ފެންނާން ފެށުމާ ގުޅިގެން ކަމާބެހޭ ތަޖުރިބާކާރުންވެސް ލަފާގެމަތިން ދިވެހި ސަރުކާރުން މިޔަރު ހިމާޔަތް ކުރުމާއި، މިޔަރުގެ މަސްވެރިކަން ކުރަމުން އައި ފަރާތްތަކަށް އެހެން ގޮތްތަކެއް ހޯދައިދިނުމުންނެވެ.

މިޔަރު ހިމާޔަތްކުރުމާއި، މިޔަރުގެ މަސްވެރިންކަން ނުވަތަ މިޔަރު އުރަހައިގެ ބޭނުމުގައި މިޔަރު ބާނައި ހިފައި ހެދުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުންވެސް މަނާކޮށްފައި އޮންނަ ކަމެކެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ހިފުން، ބޭނުން، ނެގުން ނުވަތަ މެރުން މަނާކުރާ ތަކެއްޗާބެހޭ ގަވާއިދުގައި، އެގަވާއިދާ ޚިލާފްވާ ފަރާތްތަކާ ދެކޮޅަށް ބޮޑެތި އަދަބުތަކެއްވެސް ކަނޑައަޅާފައި ވެއެވެ.

އެ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅުއަޅާ 7 ވަނަ މާއްދާގެ (ނ) ގައި، ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ހިފުން، ބޭނުން، ނެގުން ނުވަތަ މެރުން މަނާކުރާ ބާވަތެއްކަމުގައި ކަނޑައަޅާފައިވާ އެއްވެސް ބާވަތެއް ހިފައިފިނަމަ ނުވަތަ ބާނައިފިނަމަ ނުވަތަ ނަގައިފިނަމަ ނުވަތަ މަރައިފިނަމަ ނުވަތަ އެފަދަ ބާވަތަކަށް ގެއްލުމެއް ނުވަތަ ގޯނާއެއް ކޮށްފިނަމަ ނުވަތަ ގެއްލުމެއް ނުވަތަ ގޯނާއެއް ދޭން މަސައްކަތް ކޮށްފިނަމަ ނުވަތަ ގަވާއިދުގެ ދަށުން ސައްހަ ހުއްދައެއްނެތި ގެންގުޅެން އުޅެފިނަމަ ނުވަތަ އެފަރާތުގެ ބެލުމުގެދަށުގައި ބަހައްޓާއިފނަމަ އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައި ވެއެވެ.

އެގޮތުން، ފުރަތަމަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި، ދެވަނަ ފަހަރު އެފަދަ ކުށެއް ކޮށްފިނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި، ތިންވަނަ ފަހަރަށް ކުށެއް ކޮށްފިނަމަ އަދި އޭގެފަހުން ކުށްކުރާ ކޮންމެ ފަހަރަކު ތިންލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން ގަވާއިދުގައި ހިމެނެއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ހިފުން، ބޭނުން، ނެގުން ނުވަތަ މެރުން މަނާކުރާ ތަކެއްޗާބެހޭ ގަވާއިދާއެކު އާންމުކޮށްފައިވާ ޖަދުވަލު 1 ގައި 11 ބާވަތެއް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ، ކޯމަހާއި، ބޮޑުމަހުގެ ބާވަތްތަކާއި، ދިގުމިނުގައި 25 ސެންޓިމީޓަރު ހަމަނުވާ އިހި އަދި ބަނޑުދޮށުގައި ބިސްހުންނަ އިހި، ސަންގު، ގާހަކަ، އެންދެރި، ފެހުރިހި، މާހުޅުނބު ލަނޑާ، ވެލާ އަދި ކަހަނބުގެ ބާވަތްތައް އަދި އެބާވަތްތަކުގެ ބިސް، މިޔަރު އަދި މަޑީގެ ބާވަތްތަކެވެ.

މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެއްގެގޮތުގައި ދިވެހި ސަރުކާރުން އިޢްލާންކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. "ނޭޝަނަލް ޕްލޭން އޮފް އެކްޝަން ފޮރ ދަ ކޮންޒަރވޭޝަން އެންޑް މެނޭޖްމަންޓް އޮފް ޝާރކްސް އިން ދަ މޯލްޑިވްސް" ގެ ދަށުން މިޔަރު ހިމާޔަތް ކޮށްފައިވަނީ ހަތަރު އަހަރުދުވަހުގެ މުއްދަތަށެވެ. އެމުއްދަތު މިހިނގާ 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 30 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. މިކަމުގެ މުއްދަތު ހަމަވި ނަމަވެސް، މިކަމާ ގުޅޭގޮތުން ދެން އަޅަން ގަސްތުކުރާ ފިޔަވަޅަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަދި ވަކި ގޮތެއް ނިންމައި ހާމަކުރިކަމެއް ނޭނގެއެވެ.

މިހާރު ޔަގީންވާ އެއްކަމަކީ، މިޔަރު ހިމާޔަތްކޮށްފައި އޮންނަތާ ހަތަރު އަހަރަށްވުރެ ގިނަދުވަސްވުމުން، ރާއްޖޭގައި މިޔަރުގެ އަބާދީ ވަރަށްބޮޑަށް އިތުރުވެފައިވާ ކަމެވެ. އެކަމަށް ކަނޑުފަޅުތަކަށް މަސްވެރިކަމަށް ނުކުންނަ އެންމެންވެސް އިއްތިފާގުވެއެވެ.

މި އާޓިކަން ލިޔާންޖެހުނީ އެވާހަކަ ދައްކާކަށެއް ނޫނެވެ. މި އާޓިކަން ލިޔުނީ، ރާއްޖޭގައި ޚާއްސަކޮށް ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުން ކުރާ ޝަކުވާތައް ގިނަވެ އަޑުގަދަވާން ފެށުމުންނެވެ. އެފަދަ ފަރާތްތަކުގެ ޝަކުވާތައް މައިގަނޑުގޮތެއްގައި ފެންނަނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުންނެވެ.

ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގައި ކުޅިވަރަށް، މުނިފޫހިފިލުވަން އަދި އާމްދަނީ ހޯދަން ފަރުމަސްވެރިކަންކުރާ ބައެއް ފަރާތްތަކުން ބުނަނީ، ރާއްޖޭގައި މިޔަރުގެ އަބާދީ ގިނަވުމުގެ ސަބަބުން މިޔަރުގެ އުނދަގޫ މިހާރު ވަރަށް ބޮޑުވެއްޖެ ކަމަށެވެ. އެގޮތަށް އެފަދަ ފަރާތްތަކުން ބުނަނީ ހެއްކާވެސް އެކުގައެވެ. އެމީހުން ބަނާ ފަރުމަހަށް މިޔަރުގެ ހަމަލާތައް އަމާޒުވެފައި ހުންނަ މަންޒަރު ފެންނަ ފޮޓޯއާވެސް އެކުގައެވެ. ވަރަށް ގިނަބަޔަކު މިކަމުގެ ޝުއޫރު ފާޅުކުރަމުން ގެންދެއެވެ.

ފަރުމަސްވެރިކަމަށް ނުކުންނަ ފަރާތްތަކަށް ކޮންމެ ދަތުރެއްގައިހެން ކަހަލަގޮތަކަށް މަހުގެ ބޯބުރި ލިބޭ ފަހަރުތައް ދަނީ ގިނަވަމުންނެވެ. މިޔަރަށް އެއްބުރި، މަސް ބޭނިމީހާއަށް އެއްބުރި ލައްވާލާ ފަހަރުތައްވެސް ދަނީ ގިނަވަމުންނެވެ.

ފޮޓޯ: ސޯޝަލް މީޑިއާ

"ބޯ ބޭނުން، ކެޔޮޅަށް ބޯބުރި، މިޔަރަށް މަސްބައި-ކެޔޮޅަށް ބޯބުރި، ކެޔޮޅު ރޮއްވި، ޓެކްސްޑް، އިންކަމް ޓެކްސް، ބައިބުރިމަސް" މިއީ، މިޔަރުގެ ހަމަލާ އަމާޒުވެފައިވާ ފޮޓޯތަކަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކޮށްފައިހުރި ބައެއް ކޮމެންޓެވެ. އެމީހުން އެކަން ސިފަކުރާ ގޮތެވެ. ކުރު ބަސްތަކުންނެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ، މިގޮތަށް ބާނާ ފަރުމަހަށް މިޔަރު ހަމަލާދެނީ، ފަސޭހައިން ކާނޭ އެއްޗެއް އަތުޖެހޭގޮތް ވުމުން ކަމަށެވެ. ފަހާ އަތުލައިގެން ކެއުމަށްވުރެ ނަނުގައި ގަނެގެން ދަމަމުންދާ މަސް އަތުލައިގަންނަން ފަސޭހަވުމުން ކަމަށެވެ. އެއީ، މިޔަރު ގިނަވެގެން ދިމާވާ ކަމެއް ނޫންކަމަށެވެ. ބައެއް މަސްވެރިން ކަންބޮޑުކުރަނީ ކަމަށްވެސް ބައެއްމީހުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައި އެބަހުއްޓެވެ.

ފޮޓޯ: ސޯޝަލް މީޑިއާ
"މިޔަރުގެ އާބާދީ ރިކަވަރ ވަނީ. ޔެސް. އެކަމަކު މިޔަރުގެ އާބާދީ ބޮޑުވީތަ؟ މިޔަރަކީ މަސްކައިއުޅޭ އެއްޗެއް، އެހެންކަމުން މިޔަރު ކާނީ މަސް"
ފިޝްއެމްވީ ޓްވިޓަރ އެކައުންޓް

އެކަމަކު މިވާހަކައާ ދެކޮޅު މީހުން ވަރަށް ގިނައެވެ. އެމީހުން ބުނަނީ ހަގީގަތުގައިވެސް ރާއްޖޭގެ ކަނޑުތަކުގައި މިޔަރު ގިނަވެއްޖެ ކަމަށެވެ. އެއާއެކު މިޔަރުގެ އުނދަގޫވެސް ބޮޑުވެއްޖެ ކަމަށެވެ. މަހަށް ނުކުމެލުމުން އެކަން ވަރަށް ރަނގަޅަށް ޔަގީންވާނޭ ކަމަށްވެސް ބުނެއެވެ.

ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގައި އާންމުގޮތެއްގައި ފަރުމަހުގެ މަސްވެރިކަމަށް ނުކުމެއުޅޭ އެކަމުގެ ތަޖުރިބާހުރި މަޝްހޫރު އަހްމަދު ސައީދު (ގަހާ ސައީދު) އާ މިކަމާ ގުޅޭގޮތުން ސުވާލު ކޮށްލުމުން ވިދާޅުވީ، މާބޮޑަށްވެސް މިޔަރުގެ އުނދަގޫ ބޮޑުވެއްޖެ ކަމަށެވެ. އެކަން މިހާރުވެސް ތަޖުރިބާ ކުރަމުންގެންދަވާ ކަމަށް ވިދާޅުވިއެވެ.

"އެކަން ތަޖުރިބާކުރަމު ރިސޯޓްތަކަށް މަސްވިއްކަން މަސްބާނަންދާ މީހުންނާއެކު މަހަށްދާއިރު. މިޔަރުގެ އުނދަގުލާހެދި މަސްބަނާ ތަން ބަދަލުކުރަން ކިތަންމެ ފަހަރަކު"
ގަހާ ސައީދު

ގަހާ ސައީދުގެ މިވާހަކަތައް ޚުދު އަޅުގަނޑުވެސް ގަބޫލުކުރަމެވެ. ސަބަބަކީ އަޅުގަނޑަކީވެސް އާންމުކޮށް ފަރުމަސް ބާނަން ގޮސްއުޅޭ މީހަކަށްވާތީ، ކުރެވިފައިހުރި ތަޖުރިބާގެ މައްޗަށް ބުރަވެއެވެ. މިޔަރުގެ ހަމަލާތަކުގެ ސަބަބުން މަހުގެ ބޯބުރި ބޭނޭފަހަރު ކިތަންމެހާވެސް ގިނައެވެ. އަދި މިޔަރު އަރައިފިނަމަ އެހިސާބުން މަހެއް ނުބޭނިގެން އެހެން ދިމަދިމާއަށް ގޮސްފައިވާ ފަހަރުތައްވެސް މަދެއްނޫނެވެ.

ފޮޓޯ: ސޯޝަލް މީޑިއާ

މިޔަރުގެ ހަމަލާތައް އަމާޒުވެފައި ހުންނަނީ ފަރުމަހުގެ މަސްވެރިންނަށް އެކަންޏެއް ނޫނެވެ. ކަނޑުމަހަށް މާކަނޑަށް ނުކުންނަ ފަރާތްތަކަށްވެސް އެކަން ކުރިމަތިވަމުންދާކަން ފޮޓޯތަކުން އެނގެއެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ ރާއްޖޭގައި މިޔަރުގެ އާބާދީ ބޮޑުވެއްޖެކަން އަދި އޭގެ އުނދަގޫ މަސްވެރިކަމަށް ފޯރަމުންދާކަން ފިޝަރީޒް މިނިސްޓްރީން ގަބޫލުކުރޭތޯއެވެ. އެކަމަށް އެއްވެސް ފިޔަވަޅެއް މިނިސްޓްރީން އަޅަން ވިސްނާތޯއެވެ.

ފޮޓޯ: ސޯޝަލް މީޑިއާ

މިކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅަކާ ވާހަކަ ދައްކާލުމުން ވިދާޅުވީ، މިޔަރު ހިމާޔަތް ކޮށްފައި އޮތްއޮތުން ދޫކޮށްލުމުގެ ވިސްނުން މިނިސްޓްރީންވެސް ގެންގުޅޭ ކަމަށެވެ. އެކަމާގުޅޭ ޕްލެޓްފޯމެއްގައި ލަފާދެވިފައިވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

އޮފިޝަލްގެ ވާހަކައިން އަޅުގަނޑަށް އެނގުނީ، މިޔަރުގެ މައްސަލާގައި ފިޝަރީޒް މިނިސްޓްރީގައި އޮތީ އެންމެ ކަންބޮޑުވުމެއް ކަމެވެ. އެއީ، މިޔަރު ހިމާޔަތްކޮށްފައި އޮތް އޮތުން އުވާލައި މިޔަރުގެ މަސްވެރިކަން ކުރަން އާންމުކޮށް ހުޅުވާލައިފިނަމަ ކަނޑުގައި އުޅޭ އެފަދަ ދިރޭތަކެތި ބަލަން ރާއްޖެއަންނަ ފަތުރުވެރިން މަދުވެ، ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް ރާއްޖޭގެ އިގްތިސާދުގެ މުހިންމު ސިނާއަތަކަށް ލޮޅުން އަރާފާނެކަމުގެ ކަންބޮޑުވުމެވެ. މިޔަރަށް ޚާއްސަ ސަރަހައްދުތައްވެސް ރާއްޖޭގައި ހުރެފައި، އެފަދަ ސަރަހައްދުތައް ހިމާޔަތްކުރެވި ފަތުރުވެރިންގެ މެދުގައިވެސް މަގްބޫލް ތަންތަނަށް އެފަދަ ތަންތަން ވެފައިވުމުން، މިޔަރުގެ މަސްވެރިކަން އާންމުކޮށް ހުޅުވާލައިފިނަމަ އޭގެ ގެއްލުން ލިބޭނޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ދެކެއެވެ.

ފޮޓޯ: ސޯޝަލް މީޑިއާ

އެހެން ވެއްޖެއްޔާ މިޔަރުގެ އާބާދީ އެކަށީގެންވާ މިންވަރަށްވުރެ ގިނަވެއްޖެކަމަށް ބެލެވޭނަމަ އެކަމުގައި ދެން އެޅޭނީ ކޮން ފިޔަވަޅެއް ހެއްޔެއެވެ. ޔަގީންވާ ކަމަކީ މިޔަރުގެ އުނދަގޫ ބޮޑުވެއްޖެކަމެވެ.