ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް ރަސްމީކޮށް ހުޅުވައިފިއެވެ.

އެ ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޑަޔަލިސިސް ޔުނިޓް ހުޅުވައިދެއްވީ ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނާއިބުރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ވަރަށްބޮޑު އަހައްމިޔަތެއް ދޭ ކަމަށާއި އަދި ވަކިން ޚާއްސަކޮށް ސިއްހީ ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް މިހާރުވެސް ބޮޑު ހޭދައެއް ކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް މިފަދަ އައު ޚިދުމަތްތައް ތައާރަފުކުރުމުގެ އިތުރަށް ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނައިބު ފުވައްމުލަކު ޑަޔަލަސިސް ޔުނިޓު ހުޅުވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޏ. އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް އަންނަ މީހުންނާ ހިނިތުންވުމާއެކު މުއާމަލާތްކުރުމަށާއި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޑަޔަލިސިސް ޔުނިޓާއި ހޮސްޕިޓަލުގެ ބައެއް އެހެން ތަންތަން ބައްލަވާލައްވާފައެވެ. އަދި ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް ގޮސްތިބި ބައެއް އާންމުފަރާތްތަކާ ވެސް ބައްދަލުކުރައްވާފައެވެ.

ޏ. އަތޮޅު ހޮސްޕިޓަލުގައި އިއްޔެ ހުޅުވި ޑަޔަލިސިސް ޔުނިޓުގައި އެއްފަހަރާ ތިން މީހުންނަށް ޑަޔަލިސިސް ހެދޭވަރަށް ވަސީލަތްތައް ގާއިމު ކޮށްފައި ވެއެވެ. ޏ. އަތޮޅު ހޮސްޕިޓަލަކީ މިހާރުވެސް ދުވާލަކު އެވްރެޖުކޮށް 150 އާއި 200 އާއި ދެމެދުގެ އަދަދެއްގެ މީހުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.

ފުވައްމުލަކަށް ކުރެއްވި މި ޒިޔާރަތުގައި ނާއިބުރައީސް ވަނީ ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ވެސް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި ފުވައްމުލަކުގެ މަގުހަދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.