- ފުޓްބޯޅައިގެ ހުރިހާ ކަމަކުން ވިކްޓަރީ ސަސްޕެންޑް ކުރީ މުސާރައިގެ މައްސަލައިގައި
- ސަސްޕެންޝަނާ ގުޅިގެން ދިވެހި ޕްރިމިއާ ލީގު އަލުން ފަށާއިރު ވިކްޓަރީއަށް ވާދަނުކުރެވޭނެ
ވިކްޓަރީ ސްޕޯޓްސް ކްލަބު ސަސްޕެންޑް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
ވިކްޓަރީ ސަސްޕެންޑް ކުރަން އެފްއޭއެމުން ނިންމިކަން ރަސްމީކޮށް އަންގާފައިނުވި ނަމަވެސް، އެ އިދާރާގެ އިސް އޮފިޝަލަކު ވަނީ ވިކްޓަރީ ސަސްޕެންޑްކުރިކަން ވީސްޕޯޓްސްއަށް ކަށަވަރުކޮށްދީފައެވެ.
ވިކްޓަރީ ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ަދުވަހު އެ ކްލަބަށް އިންޒާރު ދިނުމަށްފަހު އެވެ. ވިކްޓަރީ ސަސްޕެންޑްކުރީ އެ ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި، މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އާއި ކޯޗުންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކުޅުންތެރިންނާ ކޯޗުން އެފްއޭއެމަށް ހުށަހަޅާފައިވާ މައްސަލަ އާއި، ކްލަބު ލައިސަންސިން އާއި ގުޅޭގޮތުން ހަމަކުރަންޖެހޭ ލިޔުންތައް ހަމަކޮށްފައިނުވާތީ އެ މައްސަލަތައް ބެލުމަށްފަހު އެވެ.
އެފްއޭއެމްއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީ ބައްދަލުވުމެއްގައި މި މައްސަލަ ބެލުމަށްފަހު، ނޮވެމްބަރު މަހުގެ 15 ގެ ކުރިން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދީ ޚަލާސްކުރުމަށް އެ ކްލަބަށް އަންގާ ކަމަށެވެ. އަދި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 13 ވަނަ މާއްދާގެ (1) (a) އާއި އެއްގޮތްވާ ގޮތުގެ މަތިން އެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އަސާސީ ގަވާއިދުގެ 35 ވަނަ މާއްދާގެ (3) (o) އަދި 37 ވަނަ މާއްދާގެ (1) އާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގަވާއިދުގެ 14 ވަނަ މާއްދާގެ (1) އިން އެ އެސޯސިއޭޝަނުގެ އެގްޒެކްޓިވް ކޮމިޓީއަށް ލިބިދޭ ބާރުގެ ތެރެއިން ވިކްޓަރީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރާނެ ކަމަށެވެ.
މީގެ އިތުރަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ މެޗުތަކަށް ހާޒިރުނުވެ، އެކަން ތަކުރާރުކޮށްފައިވާތީ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 9 ވަނަ މާއްދާގެ (އ) ގެ ދަށުން "ޓްރާންސްފާ ހުއްޓުވުމަށް" މީގެ ކުރިން ނިންމިއިރު، މި ސަސްޕެންޝަނާއެކު ދެން ދިވެހި ޕްރިމިއާ ލީގުގައި އެ ކްލަބަށް ވާދައެއް ނުކުރެވޭނެއެވެ.
ވިކްޓަރީ ސަސްޕެންޑް ކުރިއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަހަރު ވިކްޓަރީ ނުކުޅެ ދިޔަ މެޗުތަކުގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. އެގޮތުން ތިންފަހަރު އެ ކުށް ތަކުރާރުކުރުމުން އެފްއޭއެމުން އޭރު ވަނީ ބޮޑު އަދަދަކުން އެ ޓީމު ޖޫރިމަނާވެސް ކޮށްފައެވެ.
ވިކްޓަރީގެ ހާލަތާއި ބެހޭ ގޮތުންއެ ކްލަބުގެ ޗެއާމަން ޑރ. އިބްރާހީމް ނާޝިދު (ނާޝް) މީގެ ކުރިން ވިދާޅުވީ ބަޔެއް ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ހަތަރު މަސް ދުވަހަށް އަރާފައިވާ ކަމަށެވެ. ލީގުގައި މިއަހަރު ވާދަކުރި ވިކްޓަރީ ޓީމުން 12 މެޗެއް ކުޅެފައިވާއިރު، އަދި އެޓީމަށް ޕޮއިންޓެއްވެސް ލިބިފައެއް ނުވެއެވެ.