ގައުމެއް ގައުމަކަށް ހެދުމުގައި އާއިލީ ގުޅުމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ކުރީގެ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ޑރ. އާމާލް އަލީ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ހަރަކާތް "ރަތްފިޔަ" ގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އާމާލް މިހެން ވިދާޅުވީ ރަތްފިޔަ އިފުތިތާހުކުރުމަށް ބޭއްވި ޖަލްސާގައެވެ.

ޑރ. އާމާލް ވިދާޅުވީ ރާއްޖޭގެ މަދަރުސާތަކުން ނެރޭ ކުދިން ބޭރަށް ތައުލީމު ހާސިލްކުރުމަށް ފޮނުވި ނަމަވެސް އެނބުރި އައުމުން މަސައްކަތަށް އަހުލުވެރި ކުރުވައި، މަސައްކަތަށް ފޯރުކުރުވިއްޖެނަމަ، އެކުއްޖަކު ވާނީ މުޖުތަމައަށް ފައިދާކުރަނިިވި، ބިނާކުރަނިވި ކުއްޖަކަށް ކަމަށެވެ. މިއަދުގެ މުޖުތަމައުގައި މަސައްކަތް ކުރުމަށް ޖެހިލުންވާ ޒުވާނުން ކޮންމެވެސް ވަރަކަށް އެބަތިބި ކަމަށާއި އަދި އޭގެ ތެރޭގައި އަޅުގަނޑުމެން ނޭދޭފަދަ މަގަކުން ގެއްލިގެންދާ ޒުވާނުންތަކެއް ވެސް ހިމެނޭ ކަމަށެވެ.

ޖޭޕީގެ "ރަތްފިޔަ" އިފުތިތާހުކުރުމުގެ ޖަލްސާގައި ގާސިމް އިބްރާހީމާއި އަނބިކަނބަލުން އާއިޝަތު ނަހުލާ

އާމާލް ވިދާޅުވީ ގައުމެއް ގައުމަކަށް ހެދޭނީ މަންމައަކާއި ބައްޕަޔަކު އާއިލީ ގުޅުން ބަދަހިކުރާ ކުރުމުން ކަމަށެވެ. މިގޮތުން ބަލާއިރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ ނަމޫނާ ބޭފުޅެއް ކަމަށާއި ބައްޕައެއްގެ ހައިސިއްޔަތުން އާއިލާ ބެލެހެއްޓުމުގެ މުހިންމުކަމަށް ޖާގަދެއްވައި އަދި މަސައްކަތުގެ މޭސްތިރިއެއްގެ ހައިސިއްޔަތުން މީހުންނަށް ވަޒީފާ ދެއްވައި އަދި މީހުން މީހުންނަށް ހައްދަވައިދެއްވާ ބޭފުޅެއް ކަމަށެވެ.

ޖޭޕީގެ ވެރިކަމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުންމީދު ބޮޑުކަން ފާހަގަކުރައްވައި އާމާލް ވަނީ މިއަދު ވެސް ގައުމު ހިނގަމުންދަނީ ޖޭޕީ ހިމެނޭ ކޯލިޝަނަކުންކަން ފާހަގަކުރައްވާފައެވެ. އާމާލް ވިދާޅުވީ ސަރުކާރުގައި ތިއްބެވި ޖޭޕީއަށް ނިސްބަތްވާ ހުރިހާ ބޭފުޅުންގެ ވެސް އަމާޒަކަށް ވާންވާނީ އާއިލީ ގުޅުންތައް ބަދަހިކުރުން ކަމަށެވެ.

ސާބިތުކަމާއެކު އަޅުގަނޑުމެންގެ ކެބިނެޓް މިނިސްޓަރުން، ޖޭޕީއަށް ރަމްޒުވާ އެހެން މަގާމުތަކުގައި ތިއްބެވި ޕޮލިޓިކަލް ވެރިން، ހަމަ އެހެންމެ މަޖިލީސްގައި ތިއްބަވާ ޕޮލިޓިކަލް ވެރިން، އެ އެންމެ ބޭފުޅުންގެ މަސައްކަތްޕުޅަކަށް ވާންވާނީ އާއިލީ ގުޅުންތަކަށް އަޅުގަނޑު ހިތުން މިފަދަ އެކުވެރިކަމާއި އާރޯކަން ގެނެސްދީ ގައުމަށް ވަފާތެރި، ގައުމަށް މަސައްކަތްތެރި ރައްޔިތަކު ނެރެދެވޭތޯ
ޑރ. އާމާލް އަލީ

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޑރ. އާމާލް ވިދާޅުވީ އެންމެ މޮޅު ގޮތަކީ ބޭރުން ތައުލީމު ހާސިލްކުރުން ކަމަށް ބައެއް ފަހަރު ހީވާ ކަމަށާއި އެގޮތުން އުމުރުން އެންމެ ފަސް، ހައަހަރުގެ ކުދިން ވެސް ބޭރު ގައުމުތަކަށް ފޮނުވާލެވޭ ކަމަށެވެ. ދިހަ، ބާރަ އަހަރު ބޭރުގައި އުޅުމަށްފަހު އެފަދަ ދަރިން ގައުމުގެ މަތީ މަގާމުތަކަށް ވެސް އަންނަ ކަމަށެވެ. މިގޮތަށް އަންނައިރު އިސްލާމްދީނާއި ދިވެހިންގެ އަމިއްލަވަންތަކަން ހަރުލާފައި ހުންނަނީ ކިހާވަރަކަށްތޯ ވިސްނާލަންޖެހޭ ކަމަށެވެ.

ޑރ. އާމާލް ވިދާޅުވީ ތަފާތު ވިސްނުން މާބޮޑަށް ތަފާތު ވެއްޖެނަމަ ގައުމުގެ އެއްބައިވަންތަކަމަށް ބުރޫއަރާފާނެ ކަމަށެވެ. ކުދިންނަށް ތައުލީމު ދިނުމުގައި އެކުއްޖަކީ މި ގައުމަށް ބައްޓަންކުރެވޭ ކުއްޖަކަށް ހެދުން ވަރަށް މުހިންމު ކަމަށެވެ. މަދަރުސީ ހަޔާތުން ފެށިގެން ވެސް ކުދިން ބައްޓަންކުރަންޖެހޭނީ އެއްބައިވަންތަކަމުގެ ވިސްނުމުގެ މައްޗަށް ކަަމަށެވެ. އެކަކު އަނެކަކާ އޮންނަންޖެހޭ ގުޅުންތައް ބަދަހިކޮށް ހަރުދަނާ އާއިލީ ގުޅުމެއް ގާއިމުކުރުމަށް އާމާލް ވަނީ ގޮވާލައްވާފައެވެ.