ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި ޖުވެނައިލް ކޯޓުގެ މިހާރުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ސަސްޕެންޑް ކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ ސުލޫކީ މައްސަލަ ބެލުމަށާއި، ފަނޑިޔާރުކަމުގެ މަސައްކަތުން މިއަދުން ފެށިގެން ވަގުތީގޮތުން ދުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން އަބްދުލް ބާރީ ޔޫސުފްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭވަރަށް މައުލޫމާތު ލިބިފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

އަދި ބާރީގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިއަދުން ފެށިގެން ފަނޑިޔާރުކަމުގެ މަސައްކަތުން އޭނަ ވަގުތީގޮތުން ދުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކްރމިނަލް ކޯޓުގެ އިސް ގާޒީކަމުން ކުއްލިގޮތަކަށް ވަކިކުރައްވާ ޖުވެނައިލް ކޯޓަށް ގާޒީ ބާރީ ބަދަލުކުރައްވާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްސަލާގައި ހުކުމް ނުކޮށް އެމައްސަލަ އަނބުރާ ފޮނުވާލެއްވުމާ ގުޅިގެންނެވެ.

ގާޒީ ބާރީ އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ސިޔާސީ ބޭފުޅުންގެ މައްސަލަތައް ނިންމެވި ފަނޑިޔާރެކެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ގިނަ ފަނޑިޔާރުންތަކަށް ލިބިފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި، މިވަގުތު މަގާމުގައި ތިއްބެވި ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިސާމް ވަނީ ވިދާޅުވެފައެވެ.