އަނިޔާވެރިގޮތަކަށް މަރާލި ޓެކްސީ ޑްރައިވަރު، ގާސިމްގެ މަރާ ގުޅުންހުރި ހެކިތަކެއް ތަހުގީގަށް ފެނިފައިވާކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ގާސިމް މަރާލާފައިވާ ސަރައްހަދު ބަލާ ފާސްކުރި ކުރުމުގައި ފުލުހުންގެ ތަހުގީގަށް ގާސިމަށް ހަމަލާދޭން ބޭނުންކުރި ހަތިޔާރުގެ އިތުރުން ޑީއެންއޭ އަދި ފިންގާޕްރިންޓް ފެނިފައިވާ ކަމަށެވެ.

އެ ސަރަހައްދު ބަލާ ފާސްކުރި ބެލުމުން ގާސިމް މަރާލުމަށް ބޭނުންކުރި ހަތިޔާރު ފެނިފައިވަނީ އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދާ 300 ވަރަކަށް މީޓަރު ދުރުން ގަސްތަކުގެ ތެރެއިން ކަމުގައި ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ގާސިމްގެ މަރާ ގުޅުންހުރި ފިންގަރޕްރިންޓްސް އެސަރަހައްދުން ފެނިފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭގެ ސީސީޓީވީ ފޫޓެޖްތަކެއް ބަލައި ކުރި ތަހުގީގުން ގާސިމްގެ ޓެކްސީ ހުޅުމާލޭގައި ދުއްވި މަގުތައް ދެނެގަނެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލައި، ގާސިމްގެ ގާތިލުން ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ގާސިމް ހަސަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ހުޅުމާލޭގެ އަނދިރި މަގެއްކަމުގައިވާ ރީތިގަސް މަގުގައެވެ. ރީިތިގަސް މަގަށް ގާސިމް ވެއްޓިފައި އޮއްވާ ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައިވަނީ އެރޭގެ 21:07 އެހާކަށް ހާއިރުއެވެ.