އައްޑޫ ސިޓީގެ 25 ކިލޯމީޓަރުގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ޑިޒައިންކުރުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިން އާއި ލީ އެސޯސިއޭޓްސް ސައުތު އޭޝިއާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކުންފުންޏަކާ ކަމަށެވެ. 1221 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ އައްޑޫގައި 25 ކިލޯމީޓަރުގެ މަގުހެދުމާއި، އައްޑޫގެ ހަތަރު ސަރަހައްދެއްގައި ޖުމުލަ 228 ހެކްޓަރުގެ ބިން ހިއްކުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ހިތަދޫން 90 ހެކްޓަރު، މަރަދޫ އަދި މަރަދޫފޭދޫން 75 ހެކްޓަރު، ހުޅުމީދޫން 38 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ކޮންޓްރެކްޓުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަޝްރޫއުގެ ތަފުސީލީ ރިޕޯޓް ތައްޔާރުކުރުމާއި، ޕްރިލިމިނަރީ ޑިޒައިން ތައްޔާރުކުރުމާއި، ޓެންޑަރިން މަރުހަލާގެ މަސައްކަތްތަކާއި، އަދި ކޮންސްޓްރަކްޝަން ސުޕަވިޝަންގެ މަސައްކަތްތައް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާ ސަރުކާރުން ފަހިކޮށްދީފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ފަހިކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށްގެންދިޔުމަށްފަހު، ދެން ކުރިޔަށްގެންދަން ނިންމާފައިވާ މަސައްކަތަކީ މަގުތަކާއި، ބިންހިއްކުމުގެ މަސައްކަތް ކަމަށެވެ.

އިންޑިއާ އެމްބަސީން ބުނެފައިވަނީ މި ޕްރޮޖެކްޓްގެ ސަބަބުން އައްޑު އަތޮޅުގެ ރަށްތަކަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ގިނަ ރަށްރަށުގައި ފެން ހިންދާ ނިޒާމުވެސް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

މި ޕްރޮޖެކްޓް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަށް ނިންމުމަށް ވަރަށް ބޮޑަށް ބާރުއަޅާނެކަން ފާހަގަކޮށް އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ މި ޕްރޮޖެކްޓްގެ ސަބަބުން އައްޑޫ ސިޓީއަށް އިގުތިސާދީގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ވިޔަފާރިތަކަށް ކުރިއެރުން ލިބި، ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެންދާނެ ކަމަށެވެ.