އޭސީސީއަށް ހާޒިރު ކޮށް ސުވާލު ކޮށްފައިވާކަމަށް ދެކެވޭ ވާހަކަތައް، މާލެސިޓީ މޭޔަރު ޝިފާ މުހައްމަދު ދޮގު ކުރައްވައިފި އެވެ.

މި ދިޔަ ހަފްތާގެ ބުދަ ދުވަހު މާލެސިޓީ ކައުންސިލަށް އޭސީސީން ވަދެފައިވާކަމަށާއި، އަދި ހަމަ އެރޭ މާލެސިޓީގެ މޭޔަރު ޝިފާ މުހައްމަދު އޭސީސީއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާކަމަށް ސިޓީކައުންސިލްގެ ބައެއް މެންބަރުންވަނީ ބުނެފައެވެ.

އޭސީސީން ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގައި ވެސް މާލެސިޓީ ކައުންސިލަށް ވަދެ ލިޔެކިއުންތަކެއް ބަލާ ފާސްކޮށްފައެވެ. އެއީ ކޮން މައްސަލައަކާއި ގުޅިގެންކަން އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

އޭސީސީން މާލެސީޓީ ކައުންސިލަށް ވަދެފައިވަނީ ލޮނުޒިޔާރަތް ކޮޅުގައި ތަރައްގީ ކުރަމުންދާ ޕާކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިގަމުންދާކަމަށް ބުނެ ފެންމަތިވި މައްސަލަތަކާއި ގުޅިގެންކަމަށް ކައުންސިލްގެ ބައެއް މެންބަރުން އޭރު ވަނީ ބުނެފައެވެ. އަދި ބުދަ ދުވަހު، އޭސީސީއަށް މޭޔަރު ހާޒިރުކޮށް ސުވާލު ކުރައްވާފައިވަނީ ވެސް އެ މައްސަލައިގައި ކަމަށް ސިޓީކައުންސިލްގެ ބައެއް މެންބަރުން ވަނީ ބުނެފައެެވެ.

މި މައްސަލައިގައި މާލެސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭސީސީއަށް ހާޒިރު ކޮށްފައި ނުވާކަމަށާ، އެއީ ބަދުނާމު ކުރުމުގެ ބޭނުމުގައި ބަޔަކު ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި އޭސީސީއަށް ހާޒިރުކޮށް ސުވާލު ކުރަން ޖެހޭފަދަ ކަމެއް މިހާތަނަށް ކުރައްވާފައި ނުވާނެކަމަށާ، ދުވަހަކުވެސް ވައްކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު އޭސީސީ އަކަށް ނުގެންދޭ. އަދި އަޅުގަނޑަކީ ދުވަހަކުވެސް އޭސީސީއަށް ހާޒިރުކޮށް ސުވާލު ކުރަންޖެހޭފަދަ ކަމެއް ކުރި މީހެއްނޫން. ސަތޭކަ ޕަސެންޓް ޔަގީންކަން މިދެނީ އަޅުގަނޑު ވައްކަމެއް ނުކުރަން ނުވެސް ކުރާނަން. އެކަން މާލޭގެ ގިނަ ރައްޔިތުން ގަބޫލް ކުރާނެ. މިހާރު ކުރާ ތުހުމަތު ތަކަކީ އަޅުގަނޑު ބަދުނާމު ކުރުމަށް ދައްކާ ވާހަކަ. އެ ވާހަކަތަކަށް އަޅުގަނޑު ސަމާލުކަމެއް ނުދޭނަން
މޭޔަރު ޝިފާ މުހައްމަދު

ޝިފާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އަސްލެއް ނެތް ތުހުަމަތުތަކެއްގައި އޭސިސީއަށް ހާޒިރު ކުރިކަމަށެވެ. އެހެންނަމަވެސް އެ ތުހުމަތުތަކުން ސާބިތުކޮށް ދެވުނު ކަމެއް ނެތްކަމަށެެވެ. އަދި މިހާރު ކައުންސިލްގެ ތެރެއިން ބައެއް މެންބަރުން މަސައްކަތް ކުރައްވަނީ ސިޓީކައުންސިލްގެ އަގު ވައްޓާލަންކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކުރާ ޕާކުގެ މައްސަލަ އޭސީސީން ބަލަމުންދާކަމަށް މާލެ ސީޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ވަނީ ވިދާޅުވެފައެވެ. ޝަމާއު ވީނިއުސްއަށް ވިދާޅުވީ ލޮނުޒިޔާރަތްކޮޅު ޕާކުގެ މަސައްކަތް މުޅިން ނިމިފައި ވާކަމަށެވެ. އެހެންނަމަވެސް ނުހުޅުވި ލަސްވަނީ އެތަނުގެ މައްސަލައިގައި އޭސީސީން ވަކި ގޮތެއް އަންގާފައި ނުވާތީކަމަށެވެ.

މި މައްސަލައިގައި އޭސީސީގެ ބަހެއް ހޯދުމަށް ވީނިއުސްއިން މަސައްކަތްކުރި ނަމަވެސް ފޯނަށް ޖަވާބުނުދޭތީ އެ ކޮމިޝަނުގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.