ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މާލެއަތޮޅު ހިންމަފުށި ކައުންސިލަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ހިންމަފުށީގެ ކައުންސިލަރުންވަނީ އެ ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން، ހިންމަފުށީގެ ފެންފަށަލަ ތަޣައްޔަރުވެފައިވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަށް ހިއްސާކޮށް، ނަރުދަމާ ނިޒާމްގެ މަސައްކަތް އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ސިއްހީ ހިދުމަތް އިތުރަށް ތަރައްޤީކުރުމާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާކުރެއްވި އެވެ. މީގެ އިތުރުން ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކުގެ އިތުރުން ރަށުގެ ބަނދަރު ބޮޑުކުރުމާއި މަރާމާތަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރައްވާފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ހިންމަފުށީގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އައްސަވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހިންމަފުށީގެ ކައުންސިލަރުން އެދިވަޑައިގެންނެވި މުހިންމު ކަންކަމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ރައީސް ވަނީ ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ.

ކ ހިންމަފުއްޓަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ރަށަކަށް ވާއިރު، އެ ރަށުގެ ފެންފަށަލަ ހަލާކުވަމުންދާ މައްސަލައަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި އެހެންމެ ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ރަށަކަށް ވާއިރު، އެ ރަށުން އެކަށީގެންވާ ގޮތެއްގައި ސިއްހީ ހިދުމަތް ލިބެން ނެތުމަކީ ވެސް އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.