އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާއި، ގައުމުތަކުގެ މިނިވަންކަމުގެ ތެރެއަށް ވަނުމަކީ ޕާކިންތާނުން ގެންގުޅޭ ސިޔާސަތާ ހިލާފު ކަމެއް ކަމަށް ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ބުނެފިއެވެ.

ޕާކިސްތާނުން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށްބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމަކަށް ރައްދުދީ ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ނެރެފައިވާ ބަޔާނެއްގައި ވަނީ ޕާކިސްތާނުން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާއި، މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖެއަކީ ޕާކިސްތާނާ އެއްފަދައިން މުސްލިމް ގައުމަކަށްވެފައި، ގައުމުތަކުގެ މިފަދަ ކަންކަމާ ބެހުމަކީ ޕާކިސްތާނުން ގެންގުޅޭ ސިޔާސަތާ ހިލާފުކަމެއްކަން ފާހަގަކޮށްފައި ވެއެވެ.

އަދި ބައެއް ގައުމުތަކާ ހިލާފަށް ޕާކިސްތާނުގެ އިންޓެލިޖެންސްގެ މީހުން ރާއްޖޭގައި ބައިތިއްބާފައި ނުވާނެ ކަމަށާއި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ޕާކިސްތާނުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ޕާކިސްތާނު އެމްބަސީން ބުނެފައި ވެއެވެ. އަދި ދިވެހި ދައުލަތުގެ އިސް ވަފްދުތަކަށް ޕާކިސްތާނުން ދައުވަތުދީ ދެގައުމުގެ ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރާކަންވެސް ފަހަގަކޮށްފައި ވެއެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް މފަދަ ވަފުދުތައް ޕާކިސްތާނަށް ގޮސްފައިވާ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.

މިފަދަ ވަފުދުތަކުގެ އިތުރުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ޕާކިސްތާނަށް ވަޑައިގަތުމަށް ދައުވަތު ދީފައިވާ ކަމަށް ޕާކިސްތާނު އެމްބަސީން ވަނީ ބުނެފައެވެ. އެހެންކަމުން ދިވެހި ނޫހެއްގައި ޝާއިއުކޮށްފައިވާ މި ލިޔުމަކީ ދޮގު މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެއް ކަމާއި، މިފަދައިން ވަފުދުތަކަށްވެސް ދައުވަތު ދެނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ކަމަށް އެމްބަސީން ބުނެއެވެ.

އަދި މި ލިޔުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު މަސްބޯޓަކުން މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައިވެސް ޕާކިސްތާނުގެ އަތެއްވާކަމަށް ބުނެފައިވާ ބުނުމަށް ރައްދުދީ ޕާކިސްތާނު އެމްބަސީން ބުނީ އެ ބޯޓުގައި ތިބީ އީރާނަށް ނިސްބަތްވާ އީރާނުގެ ރަށްވެހިން ކަމުގައާއި، މިކަމުގައި ޕާކިސްތާނުގެ އަތެއް ނުވާ ކަމުގައެވެ. އަދި މި ނޫހެއްގައި ލިޔެފައިވާ ލިޔުމަކީ ޕާކިސްތާނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތަކުން ސްޕޮންސާކޮށް، ޕާކިސްތާނުގެ އަގު ވައްޓާލުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ޕާކިސްތާނު ސަރުކާރުން ސިފަކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޕާކިސްތާނާއި ޗައިނާ ސަރުކާރުން، ރާއްޖޭގައި މިހާރު މިއޮތް އެމްޑީޕީގެ ވެރިކަން ބަދުނާމުކުރުމަށް މަސައްކަތްކުރާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް ދޮގުކޮށް، ޕާކިސްތާނު އެމްބަސީން ބުނީ މިއީ ސަރުކާރުތަކުގެ މެދުގައާއި، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން ހިންގުމަށް ބަޔަކު ރާވައިގެން ކުރަމުން ގެންދާ ކަމެއް ކަމުގައެވެ.

ޕާކިސްތާނު އެމްބަސީން ބުނީ ދިވެހިރާއްޖެއަކީވެސް ސައްތައިންސައްތަ މުސްލިމް ގައުމަކަށް ވެފައި، ޕާކިސްތާނާއި ދިވެހި ސަރުކާރާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމުގައެވެ. އަދި ރާއްޖޭގައި އޮންނަ އިސްލާމީ ވަހުދަތާއި، މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ޕާކިސްތާނުން ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.