ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެންމެ ދަށް ފެންވަރުގެ ވަޒީފާއެއް އަދާކުރާ މީހާއަށްވެސް ގާނޫނެއްގެ ދަށުން އެމީހާއަށް ލިބެންޖެހޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައި ވެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް އަދިވެސް ކަނޑައެޅިފައެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީ މަސައްކަތްތެރިންނަށް ދޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅައި، މިކަން ތަންފީޒުކުރާނެ ކަމުގެ ވައުދާއެކުއެވެ.

ސަރުކާރަށް މާގިނަ ދުވަސްތަކެއްނުވެ މިނިމަމް ވޭޖް ކަނޑައަޅަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ މަަސައްކަތް ވަނީ ފަށާފައެވެ. މިކަމަށް ޚާއްސަކޮށް ބޯޑެއް އެކުލަވާލާއި، މި ބޯޑުގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވަނީ ޖޫންމަހުގެ 20 ވަނަ ދުވަހުއެވެ. މި ބޮޑު މަސައްކަތް ފެށުމާއެކު އިކޮނޮމިކް މިނސްޓަރު ފައްޔާޒު އިސްމާއީލް ވަނީ މިނިމަމް ވޭޖް ކަނޑައެޅުމުގައި ކުރަންޖެހޭ ދިރަސާތައް ކޮށް މިނިމަމް ވޭޖް ކަނޑައަޅައި، ޑިސެމްބަރު މަހުގެ ތެރޭގައި އެކަމާ ގުޅޭ ބިލް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުން މި ބިލް ފާސްވުމާއެކު އަންނަ އަހަރުގެ ކުރީކޮޅު މިނިމަމް ވޭޖް ކަނޑައެޅިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ ބޯޑުން ޑިސެމްބަރު މަހަށް މި ބިލްގެ މަސައްކަތްތައް ނިންމައި، މި ބިލް ފާސްކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތަކުގައާއި، އެކި މުއައްސަސާތަކާ ބައްދަލުކޮށް މިކަމާ ގުޅޭ މަޝްވަރާތައް ކޮށްފައި ވެއެވެ. އެހެންނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިންމާލުމަށްފަހު ޑިސެމްބަރު 7 ވަނަ ދުވަހު ރައޔްިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިގަތް އިރުވެސް މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު މަޖިލީހަށް ހުށައަޅާފައެއް ނުވެއެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމަށް ދިރާސާކުރުމަށް އެކުލަވާލާފައިވާ ބޯޑުގެ މަސައްކަތްތައް ވެސް ނިމިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މުސާރައާއި ކުޑަ އުޖޫރައާ ގުޅޭ ގޮތުން ލަފާ ދިނުމަށް އެކުލަވާލާފައިވާ ބޯޑުގެ ޗެއާޕާސަން މަރިޔަމް ޚާލިދާ ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް މިހާރު އޮތީ ނިމުމުގެ މަރުހަލާގައި ކަމަށެވެ. އަދި ކޮމިޓީގެ ރިޕޯޓު އަންނަ ހަފުތާގެ ތެރޭގައި މިނިސްޓަރުގެ ލަފަޔަށް ހުށައަޅުއްވާނެ ކަަމަށެވެ. އެއަށްފަހު މިނިސްޓަރު ފައްޔާޒު މި ރިޕޯޓް ދިރާސާކުރެއްވުމަށްފަހު މިނިމަމް ވޭޖް ކަނޑައަޅުއްވައި، މިނިމަމް ވޭޖްގެ ބިލް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަހަރުގެ މަސައްކަތް ނިންމަވައި ޗުއްޓީއަށް ވަޑައިގެންފައިވާއިރު ދެން އެންމެ އަވަހަށް ވެސް މިނިމަމް ވޭޖުގެ ބިލު ހުށަހެޅޭނީ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރަށެވެ. އަންނަ އަހަރުގެ ޖަލްސާތައް ފެށޭނީ ފެބްރުއަރީ މަހުއެވެ.

ސަރުކާރުގެ ވައުދަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ ކުރިން މިނިމަމް ވޭޖްގެ ބިލް މަޖިލީހަށް ހުށައެޅުމެވެ. މި ވައުދާއެކު އަންނަ އަހަރުގެ ކުރީކޮޅު މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމުގެ ހުވަފެން ގިނަ ރައްޔިތުން އައީ ދެކެމުންނެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް މަޖިލީހަށް ބިލު ހުށަނޭޅި އޮތުމުން އަންނަ އަހަރު ކުރީކޮޅު ވެސް މިނިމަމް ވޭޖް ކަނޑައެޅިދާނެ ކަމާމެދު ބައެއް މީހުން ސުވާލު އުފައްދައެވެ.