ރާއްޖޭގައި 2000 އަށްވުރެ ގިނަ ޖަމްއިއްޔާ ރަޖިސްޓަރީ ކޮށްފައިވާއިރު އޭގެ ތެރޭގައި ހަރަކާތްތެރި، ގިނަ ޖަމްއިއްޔާތަކެއް ވެއެވެ. ހަމަ އެހެންމެ އެހާ ހަރަކާތްތެރި ނޫން ޖަމްއިއްޔާތައްވެސް ހުންނަކަން ފާހަގަކޮށްލަންޖެހެއެވެ.

މިފަދަ ޖަމްއިއްޔާތައް ހަރަކާތްތެރިކުރުމަށްޓަކައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެންމެ އެކަށީގެންވާ ގޮތެއްގައި ހުރިހާ ޖަމްއިއްޔާތަކެއް މޮނިޓަރ ނުކުރެވުނު ކަމުގައިވިޔަސް ޖަމްއިއްޔާތައް ހަރަކާތްތެރިކުރުވުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް މިއަހަރު ތެރޭގައި އެކަނިވެސް ކުރިކަން ފާހަގަކުރެވެއެވެ. މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޖަމްއިއްޔާތަކަށް ޚާއްސަ މަހާސިންތާތައް ބާއްވަމުން އަންނައިރު މިފަދަ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތައް ކުރިއަށް ރޭވިފައިވާ ކަމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖަމްއިއްޔާތަކަށް ފައިސާ ދިނުމުގައިވެސް އެ މިނިސްޓްރީން ކުރިއަށް ގެންދަނީ ވަކި އުސޫލުތަކެއް ކަނޑައަޅައިގެންނެވެ. ފައިސާ ދިނުމުގައި ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބަލައެވެ. މިކަމަށް ޚާއްސަ ޓެކްނިކަލް ކޮމިޓީއެއް އޮންނައިރު ޖަމްއިއްޔާތަކަށް ފައިސާ ދޫކުރުމުގެ އުސޫލު މުރާޖައާކޮށް އަންނަ އަހަރަށް ފައިސާ ދޫކުރުމަށް އިއުލާނުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. މިގޮތުން ފައިސާ ދޫކުރަނީ ހަރަކާތްތެރި ޖަމްއިއްޔާތަކަށެވެ.

ޖަމްއިއްޔާތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅެމުން ނުދާ ކަމުގައިވާނަމަ ހާލަތު ބަޔާންކޮށް އިތުުރު ފުރުސަތަކަށް އެދި ސިޓީއެއް ހުށަހެޅުމުން ގަބޫޫލުކުރެވޭ އުޒުރެއް ނަމަ ރަޖިސްޓްރާއަށް އޮންނަ ބާރުގެ ދަށުން ޖަމްއިއްޔާއަށް އިތުރު ފުރުސަަތު ދެއެވެ.

2011 ވަނަ އަހަރުގެ ތެރޭ، ރާއްޖޭގެ މަދަނީ ޖަމްއިއްޔާތައް ހިނގާނުހިނގާ ގޮތާ ބެހޭގޮތުން މައުލޫމާތު ހޯދުމުގެ ބޭނުމުގައި، ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކުގެ ހާލަތު ދެނެގަތުމަށް ދިރާސާއެއް ވަނީ ކޮށްފައެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން ހަދާފައިވާ މި ދިރާސާއިން ދައްކާގޮތުން ތަފާތު ދާއިރާތަކަށް އަމާޒުކުރާ މަދަނީ ޖަމްއިއްޔާތަކެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު، ގިނަ ދާއިރާތަކެއްގައި މިފަދަ ޖަމްއިއްޔާތަކުން ހަރަކާތްތެރިވެއެވެ. މިގޮތުން އެ ފަރާތެއް ނިސްބަތްވާ ރަށެއް، އަވަށެއް، ނުވަތަ ޖަމާއަތެއްގެ ކުރިއެރުމާއި ތަރައްގީއާ ގުޅިފައިވާ ގިނަ ދާއިރާތަކެއްގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވެއެވެ.

އެެހެންނަމަވެސް ޖަމްއިއްޔާތައް ހިންގުމާއި މަސައްކަތް ރޭވުމުގައި ހަރަކާތްތައް ދުރާލާ ރޭވުމާއި، އެ ހަރަކާތްތައް ކުރިއަށްގެންދެވޭ މިންވަރު މޮނިޓާކޮށް ބެލުމުގެ މަސައްކަތް ޖަމްއިއްޔާތަކުން އެކަށީގެންވާ މިންވަރަކަށް ނުކުރާކަން ވަނީ ފާހަގަކޮށްފައެވެ.

މަދަނީ ޖަމްއިއްޔާތަކުގެ ދުވެލި ނެގެހެއްޓުމުގައި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކުގެ ހިއްސާ ބޮޑުކަން ފާހަގަކުރެވޭއިރު އާއްމުގޮތެއްގައި މަދަނީ ޖަމްއިއްޔާތަކުގައި ހަރަކާތްތެރިވާ މީހުންގެ ތައުލީމީ ފެންވަރަކީ އޯލެވެލް ނުވަތަ އެއަށްވުރެ ދަށް ފެންވަރެއްކަން ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކުގެ ހާލަތު ދެނެގަތުމަށް ކުރި ދިރާސާއިން ދައްކައެވެ.

މަދަނީ ޖަމްއިއްޔާތަކުން މިވަގުތަށް އެންމެ ބޮޑަށް ތަމްރީނު ބޭނުންވާ ދާއިރާތައްވެސް މި ދިރާސާގައި ބަޔާންކޮށްފައި ވެއެވެ. މިގޮތުން ޖަމްއިއްޔާ ރާވައި ހިންގުމާއި އާމްދަނީ ހޯދާނެ ގޮތްތަކުގެ ދާއިރާ ހިމެނެއެވެ.

މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ތެރޭގައި ޖަމްއިއްޔާތައް ބާރުވެރިކުރުވުން ހިމެނޭއިރު ޖަމިއްޔާތަކުގެ ރަޖިސްޓްރާ ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް، ޖަމިއްޔާތަކާ ބެހޭ ބިލެއް ވަނީ އެކުލަވާލާފައެވެ. މި ބިލުގައި ޖަމްއިއްޔާތައް ހަރަކާތްތެރިވެވޭނެ ގޮތްތައް ބުނެދީފައިވާއިރު މިހާރުގެ ސަރުކާރުންވެސް މިކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް ރާއްޖޭގައި މިހާރު ރަޖިސްޓަރީ ކޮށްގެން ހިންގާ 2000 އަށްވުރެ ގިނަ ޖަމްއިއްޔާގެ އެކަށީގެންވާ ފައިދާ މި މުޖުތަމަައަށް ކުރޭތޯ މިއީ އުފެދޭ ސުވާލެކެވެ. މި ސުވާލުގެ ޖަވާބުގައި ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާއެއް ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާރސަންސް ވިތު ޑިސްއެބިލިޓީ (އެމްއޭޕީޑީ) ގެ ޗެއަރޕާސަން އަހްމަދު މުހައްމަދު ވިދާޅުވީ ނެޓްވޯކިންގ ސިސްޓަމެއް މެދުވެރިކޮށް މަސައްކަތް ކުރެވިއްޖެނަމަ ހުރިހާ ރަށެއްގެ ބައިވެރިވުމާއިއެކު މުޖުތަމައަށް ފައިދާކުރާނެ މަސައްކަތްތަކެއް ޖަމްއިއްޔާތަކުން ކުރެވޭނެ ކަމަށެވެ.

ވަރަށް ރަގަޅަށް ހިނގާ މަދަނީ ޖަމްއިއްޔާތައް އެބަހުރި. މިފަދަ ޖަމްއިއްޔާތައް ނެޓްވޯކެއްގެ ގޮތުގައި މަސައްކަތްކޮށްފިނަމަ ޖަމްއިއްޔާތަކުގެ ފައިދާ މުޖުތަމައަށް އަދި މުޅި ގައުމަށްވެސް ލިބިގެންދާނެ
ޗެއަރޕާސަން- އެމް.އޭ.ޕީ.ޑީ

އަލަށް އެކުލަވާލާފައިވާ ޖަމްއިއްޔާތަކުގެ ބިލްގެ މަގްސަދަށް ބަލާއިރު ގާނޫނުއަސާސީން ލިބިދޭ ޖަމްއިއްޔާތައް އުފެއްދުމުގެ ހައްގު ފުރިހަމައަށް ދިނުމަށާއި އެކަމާ ގުޅޭ އުސޫލުތައް ހިންގުމާއި ޖަމްއިއްޔާތަކަށް ފައިސާ ހޯދުމާއި ދަރަންޏަށް ޒިންމާ ކުރުވުމުގެ އުސޫލުތައް ބަޔާންކުރުމުގެ އިތުރަށް އެ ތަންތަން ހިނގަމުންދާ ގޮތް ބަލައި، ޒިންމާދާރު ކުރުވުމާއި އުވައިލުމުގެ އުސޫލުތައް ބަޔާން ކުރުން ހިމެނެއެވެ.

މިހާރު އަމަލުކުރަނީ 2003 ވަނަ އަހަރު އަމަލުކުރަން ފެށި ޖަމްއިއްޔާތަކާ ގާނޫނަށެވެ.