މާލޭގައި އިމާރާތް ކުރަމުންދާ މިސްކިތްތައް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މާލޭގައި މިހާރު އިމާރާތްކުރަމުންދާ މިސްކިތްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް އިސްމާއިލް އަފްރާހު ވިދާޅުވީ މާލޭގައި އިމާރާތް ކުރެވެމުންދާ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތައް ނުނިމި ލަސްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މިސްކިތް އިމާރާތް ކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަފްރާހު ވިދާޅުވިއެވެ. އަދި މިކަމަކީ ވަރަށް ޚާއްސަ އިސްކަމެއް ދީގެން މިނިސްޓްރީން ބަލަމުންދާ ކަމެއް ކަމުގައި އަފްރާހު ވިދާޅުވިއެވެ.

މިހާރު މާލޭގައި އިމާރާތް ކުރަމުންދާ މިސްކިތްތަކުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން އަފްރާހު ވިދާޅުވީ މާފަންނު އާމިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެމިސްކިތުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކަމަށް އަފްރާހު ވިދާޅުވިއެވެ.

އަދި މާވެޔޮމިސްކިތުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށް އަފްރާހު ވިދާޅުވިއެވެ. އޭގެ ތެރޭގައި ގްލާސް ޕެނަލްތައް ހަރުކުރުމާއި ކަރަންޓް ސްވިޗްތަކާއި ސެޓްތައް ހަރުކުމުގެ މަސައްކަތް ހިމެނޭ ކަމަށް އަފްރާހު ވިދާޅުވިއެވެ. މީގެ އިތުރުން ކުލަލައި ނުނިމި ހުރި ތަންތަނުގައި ކުލަލުމާއި، ކާޕެޓް އެޅުމާއި ކެލިގްރަފީގެ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް އަފްރާހު ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މިސްކިތްތައް ބެލެހެއްޓުން ވަނީ ކައުންސިލްތަކާ ހަވާލުކޮށްފައެވެ. މިއީ ޚާއްސަކޮށް އަތޮޅުތަކުގެ މިސްކިތްތައް ބެލެހެއްޓުމުގައި ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ގެނެވުނު ބަދަލެކެވެ. ކައުންސިލްތަކުން މިސްކިތްތައް ބަލަހައްޓަމުން އަންނައިރު، މިސްކިތްތަކުގެ މަރާމާތުތައް ކުރުމުގެ ބާރު ކައުންސިލްތަކަށް އޮންނަނީ ދީފައެވެ. އެހެންނަމަވެސް ދީނީގޮތުން ހިފަހައްޓަން ޖެހޭ މިންގަނޑުތަކާއި އުސޫލުތަކެއް ހުރުމުގެ ސަބަބުން އަލަށް މިސްކިތެއް އިމާރާތް ކުރުމާއި މިސްކިތަށް ބޮޑު ބަދަލެއް ގެނައުން ފަދަ ކަންކަން ކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.