ރާއްޖޭގެ ގިނަ ބަޔަކު ވެރިރަށް މާލޭގައި ދިރިއުޅެމުންދާއިރު އެންމެންގެވެސް ޝަކުވާއަކީ ކުއްޔަށްދޭ ތަންތަނުގެ ޝަކުވާއެވެ. އެއްބަޔަކު ބޮޑު އަގުގައި ކުއްޔަށް ތަންތަން ހިފައިގެން އުޅޭއިރު، ކުއްޔަށް އުޅޭ ތަނުގެ މުއްދަތު ހަމަވެ، އެޑްވާންސަށް ނެގި ފައިސާ ނުލިބިގެން އެހެން ތަނަކަށް ނުދެވިފައި ތިބެން ޖެހެއެވެ. ކުއްޔަށް ދިން ފަރާތް ވީނުވީ ތަނެއް ނޭނގިގެން އުޅެން ޖެހެއެވެ. ނުވަތަ ކުއްޔަށް ދިން ފަރާތުން އެޑްވާންސަށް ނަގާ ފައިސާ ނުދީގެންވެސް އެތައް އާދޭހެއް ކުރަންޖެހެއެވެ.

މީގެ އަނެއްކޮޅަކީ ކުއްޔަށް ހިފާ ފަރާތެވެ. ކުއްޔަށް ދިން ފަރާތަށް އަންގާވެސް ނުލާ ނުކުމެގެން ދާއިރު އިމާރާތަށާއި އިމާރާތުގައިވާ ތަކެއްޗަށް ގެއްލުންދީފައި ހުރެއެވެ. ބިލުތައް ނުދައްކައެވެ. ނޫނީ ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމަށްފަހު އެމީހުންގެ އަތުން ފައިސާތަކެއް ނަގައެވެ. މިކަހަލަ ކިތަންމެ ކަމެކެވެ. ނަމަވެސް މިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް މިހާރު މިވަނީ ފެށިފައެވެ.

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅާފައެވެ. މިއީ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ބަޔާންކުރުމާއި ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނާއި އެތަންތަނުގެ ކުއްޔާއި ހާލަތާއި އަދި އެނޫންވެސް ކަމަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ޝަކުވާތައް އަވަސްގޮތެއްގައި ބަލާ ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކުރުމުގެ މަގްސަދުގައި ހަދާފައިވާ ބިލެކެވެ.

ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރެވެ.

ކުއްޔަށް ދޭ ތަންތަނުން އެޑްވާންސް ފައިސާގެ ގޮތުގައި ބޮޑެތި އަަދަދުތަކުން ނަގަމުން ދާއިރު މިކަމަށް ހައްލެއް މިވަނީ މި ބިލުން ހޯދިފައެވެ. މިހާރަށް ބަލާ ކަމުގައިވާނަމަ ޑިޕޮސިޓް ފައިސާގެ ގޮތުގައި ލައްކައިން މައްޗަށް ފައިސާ ނަގަމުންދާއިރު މިކަން ކޮންޓްރޯލް ކުރެވޭނެ ގޮތް މި ބިލުގައި ވަނީ ހިމަނާފައެވެ. ބިލުގައިވާ މި މާއްދާ ބުނާގޮތުން އެންމެ ގިނަވެގެން ޑިޕޮސިޓް ފައިސާގެ ގޮތުގައި ނެގޭނީ ދެ މަސް ދުވަހުގެ ކުއްޔެވެ. މި ފައިސާ ޖަމާކުރަން ޖެހޭނީ ޓެނެންސީ ބޯޑުގެ ނަމުގައި ހުޅުވާފައި ހުންނަ ޚާއްސަ އެކައުންޓަކަށެވެ. ކުއްޔަށް ހިފާ ތަން ދޫކޮށްލުމުން އެ ފައިސާ ދޫކުރާނީވެސް ޓެނެންސީ ބޯޑުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ޓެނެންސީ ބޯޑަކީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމަށް ރައިސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހޭ 3 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

މި ބިލުގައިވާ އިތުރު ކަންތައްތަކަށް ބަލާއިރު ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީކޮށް ދަފުތަރެއް އެކުލަވާލަން ޖެހޭ ގޮތަށް ހަދައި އެކަން މޮނީޓާރުކުރަން ޖެހޭ ގޮތަށް ވަނީ ބަޔާންކޮށްފައެވެ.

ކުއްޔަށް ދޭ ތަންތަން ދަފުތަރު ކުރުމާއި ހުއްދަ ހޯދަންޖެހޭ ގޮތަށް ބަލާއިރު ކުއްޔަށްދިނުމުގެ ހުއްދަ ނެތި އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ދިނުމަކީ މަނާކަމެެކެވެ. މި ގާނޫނު ހިނގާ އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ކުއްޔަށް ދެވޭނީ މި ގާނޫނުގައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކުއްޔަށްދިނުމުގެ ހުއްދައަށް އެދި ސިޓީއެއް ނަމަ ސިޓީކައުންސިލަށް އަދި ރަށެއްގައި ނަމަ ރަށު ކައުންސިލަށް ހުށަހަޅައި ކުއްޔަށް ދިނުމުގެ ހުއްދަ ހޯދައި އެތަން ކުއްޔަށްދޭ ތަނެއްގެ ގޮތުގައި ދަފުތަރު ކުރުމަށްފަހުގައި ކަމަށް މި ބިލުގައި ވެއެވެ. ހަމައެއާއިއެކު ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައްވެސް މި ބިލުގައި ވެއެވެ.

ކުއްޔަށް ބަދަލު ނުގެނައުމާއި ކުލީގެ ރެކޯޑެއް ބެލެހެއްޓުމާއި މިކަންކަން ތަފްސީލުކޮށް ހިމަނާފައިވާއިރު ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ހިމަނާފައިވަނީ 10 އަހަރެވެ. އަދި އެޑްވާންސްކޮށް ކުލި ނުނެގުމަށް ބުނެފައިވާއިރު ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދިނުމުގެ ޖުމްލަ މުއްދަތަށް އެކުގައި ކުލި ނަގާ ހާލަތް ފިޔަވާ، ކުއްޔަށްދޭ ތަަނަކުން ކުލި ނުވަތަ އެނޫންވެސް ފައިސާއެއް ކުއްޔަށް ހިފާ ފަރާތުގެ އަތުން އެޑްވާންސްކޮށް ނަގައިގެން ނުވާނެ ކަމަށް މި ބިލުގައި ވެއެވެ.

މި ބިލުގައިވާގޮތުން އެއްބަސްވުން ހަމަނުވަނީސް، އަމިއްލަ ބޭނުމަކަށް ކަމަށް ބަޔާންކޮށް ކުއްޔަށްދޭ ފަރާތުން އެއްބަސްވުން ބާތިލް ކުރުމަށްފަހު އެއް އަހަރު ދުވަހުގެ ތެރޭގައި އެތަން އެހެން ފަރާތަކަށް ކުއްޔަށް ދީފިނަމަ ނުވަތަ އެނޫން ބޭނުމަކަށް ބޭނުންކޮށްފިކަމުގެ ޝަކުވާ ޓެނެންސީ ބޯޑަށް ހުށަހަޅައިފިނަމަ އެކަމެއް ބެލުމަށްފަހު 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ކުއްޔަށް ދޭ ފަރާތް ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ހަމަ އެހެންމެ އެއްވެސް ސަބަބެއް ނެތި އެއްބަސްވުން ބާތިލްކުރުންވެސް ވަނީ މި ބިލުގެ ދަށުން މަނާކޮށްފައެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. މި ބިލުގެ ސަބަބުން ކުއްޔަށް ދޭ ފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތްތަކުގެ މެދުގައި މިހާރު ޖެހޭ ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެއެވެ.