އައްޑޫސިޓީގައި ހަދާފައިވާ އާ ހޮސްޕިޓަލު ނިމުމާގުޅިގެން އެކަމުގެ މުނާސަތުގައި އެ ސިޓީގެ ރައްޔިތުން، ދެކުމާ ހިނގައްޖެއެވެ. އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ހަދާފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލުކޮށް ހުޅުވަން ހަމަޖެހިފައިވަނީ މާދަމާއެވެ.

މި މުނާސަބަތާ ގުޅުވައިގެން އެ ސިޓީގެ ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު ވަނީ މިއަދު ހަވީރު ދެކުމާއިގެން އެސަރަހައްދަށް ގޮސްފައެވެ.

ދެކުމާ ދިއުމަކީ ބޮޑެތި މަސައްކަތްކުރާއިރު އެކަމަށް ތަރުހީބު ދިނުމުގެ ގޮތުން ގިނަބަޔަކު އެއްވެގެން ހަދިޔާ ހިފައިގެން އެތަނަކަށް ދިއުމެވެ. އެގޮތުން އެމަސައްކަތެއް ކުރި ބަޔަކަށް ހަދިޔާއެއްގެ ގޮތުގައި އެމީހަކަށް ލިބުނު އެއްޗެއް ހަދިޔާކުރެއެވެ. މިއީ ރާއްޖޭގެ ދެކުނުގައި އެންމެ އިހު ޒަމާނުއްސުރެ އޮންނަ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދެކުމާއިގެން އެ ސިޓީގެ ކުދި ބޮޑު ގިނަބަޔަކު ދިޔައިރު، ފެނިގެން ދިޔައީ ކުލަކުލައިގެ ސަގާފީ ހެދުމުން ޖަރީވެފައިވާ މަންޒަރެކެވެ.

އައްޑޫގެ އާ ހޮސްޕިޓަލަށް ދެކުމާ ދިއުން/ ފޮޓޯ: އައިޝަތު މުޙައްމަދު

އައްޑޫސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމް ކޮށްގެން ބޭއްވި މި ހަރަކާތުގައި އައްޑޫ ސިޓީގެ ކޮންމެ ރައްޔިތަކަށްވެސް ބައިވެެރިވެވޭނެކަމަށް ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ފާހަގަވެފައިވަނީ ޒަމާނުއްސުރެ ރާއްޖޭގައި ހުރި އެންމެ ޒަމާނީ ސިއްހީ ޚިދުމަތްދޭ ހޮސްޕިޓަލެއް ގާއިމްވެފައިވާ ތަނެއްގެ ގޮތުގައެވެ.