ނޭޕާލްގައި ނިމިދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ނަތީޖާތަކާމެދު ޖުމްލަގޮތެއްގައި ހިތްހަމަޖެހޭ ކަމަށާއި ސަރުކާރުން މި ގޭމްސްއަށް ކުރި ހަރަދާއި ކުރެވުނު މަސައްކަތާއި އަޅާބަލާއިރު ނަތީޖާ ރަނގަޅުކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ އެހެން ފަހަރުތަކުގައި ރާއްޖެއިން ވާދަކުރި ގޭމްސްގައި ނެރުނު ނަތީޖާތަކަަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެފައެވެ. އަދި މިއީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާއެވެ. މި ގޭމްސްގަައި ރާއްޖެއިން ވަނީ 5 މެޑަލް ހޯދާފައެވެ.

މިނިސްޓަރ މަހުލޫފު ވިދާޅުވީ މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ގޭމްސްއަށް ތައްޔާރުވުމަށް ހުރިހާ އެސޯސިއޭޝަންތަކުން ރިކުއެސްޓްކުރި ހުރިހާ ކަމެއް ކޮށްދިން ކަމަށެވެ. އެގޮތުން ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްދީފައިވާނެ ކަމަށާއި އެ ކުރެވުނު ހަރަދުތަކާ ބަލާފައި ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް އެހެން ކުޅިވަރުތަކާއި ހިލާފަށް ފުޓުބޯޅައިން ނެރުނު ނަތީޖާއަކީ އެންމެ ހީކުރިގޮތަށް ނެރުނު ނަތީޖާއެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގޭމްސްއިން ރަންމެޑަލް ހޯދި ސާއިދު އާއެކު މިނިސްޓަރ މަހުލޫފު

މިނިސްޓަރު ވިދާޅުވީ ހަގީގީ ފޯކަސް އަކީ 2021 ވަަނަ އަހަރުގެ ގޭމްސް ކަމާށާއި ދެ އަހަރު ފަހުން ރަނގަޅު ޓްރެއިނިންނާ އެކު ރަނގަޅު އިންފްރާސްޓްރަކްޗާގައި ކުޅުންތެރިންގެ ޑިވެލޮމަންޓަށް ވިސްނައިގެން މަސައްކަތްތަކެއް ކޮށްގެން ހީނުކުރާފަދަ ނަތީޖާތަކެއް ރާއްޖެއަށް ނެރެވިދާނެ ކަމަށެވެ.

ބްރޮންޒް ހޯދި އަންހެން ބާސްކެޓް ޓީމާއެކު މިނިސްޓަރ މަހުލޫފު -- ފޮޓޯ: އެމްއޯސީ/ އަބީދު

ސައުތު އޭޝިއަން ގޭމްސްގެ 35 އަހަރުވީ ދިގު ތާރީހުގައި މިހާތަނަށް ރާއްޖެއަށް ހޯދިފައިވަނީ އެންމެ ހަތަރު މެޑަލް އެވެ. ނަމަވެސް މިއަހަރުގެ ގޭމްސްގައި ރާއްޖެއިން ހޯދި ފަސް މެޑަލްއާއެކު އަދިވެސް ގިނަ މަސައްކަތްތަކެެއް ކުރިޔަށް އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ޝޫޓިން ޓީމާއެކު މިނިސްޓަރ މަހުލޫފު -- ފޮޓޯ: އެމްއޯސީ/ އަބީދު

މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް މި ސަރަހައްދުގެ ގޭމްސްއަކުން ރަން މެޑަލް ހޯދާފައެވެ. މި މެޑަލް ހޯދާފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ. މީގެއިތުރުން ރާއްޖެއިން ދެން ހޯދާފައިވަނީ ބްރޮންޒް މެޑަލްތަކެވެ. އެއީ އެތްލެޓިކްސްގެ 200 މީޓަރު ދުވުމުން ހަސަން ސާއިދު އާއި އަންހެން ފުޓުބޯޅަ ޓީމާއި އަންހެން ބާސްކެޓް ޓީމުގެ އިތުރުން އަންހެން ޓީޓީ ޓީމެވެ. އަންހެން ޓީޓީ ޓީމު ބްރޮންޒް މެޑަލް ހޯދާފައިވަނީ ޓީމު އިވެންޓުންނެވެ.

މީގެއިތުރުން ރާއްޖެއިން ވަނީ ގިނަ ރެކޯޑުތަކެއްވެސް އާކޮށްފައެވެ. އަދި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.

ރާއްޖޭގެ ކްރިކެޓުގެ އިސްވެރިންނާއެކު މިނިސްޓަރ މަހުލޫފު -- ފޮޓޯ: އެމްއޯސީ/ އަބީދު

މިފަހަރުގެ ގޭމްސްގައި މިނިސްޓަރ މަހުލޫފު ވަނީ ރާއްޖޭގެ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި ކޯޗުންނާއި ވަރަށް ކައިރިން ހަރަކާތްތެރިވެފައެވެ. އަދި ރާއްޖެ ކުޅޭ ވީހާވެސް ގިނަ މެޗުތަކެއް ބެލުމުގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންނާއި ބައްދަލުކޮށް ވަނީ ހިތްވަރުދީފައެވެ.