ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑާއި ބާސެލޯނާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން އެއްވަރުވުމުން ބާސާ ތާވަލުގެ އެއްވަނައިގައި އޮތީ 17 މެޗުން 35 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 16 މެޗުން ވަނީ 34 ޕޮއިންޓު ލިބިފައެވެ. އެހެންކަމުން ލީގުގައި މިރޭ ވެލެންސިއާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ރެއާލަށް އޮންނާނެ އެވެ.

ރޭ ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މިކެލް އޮޔާރްޒަބަލް އެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ސޮސިއެޑާޑްގެ ޑިއޭގޯ ލޮރެންޓޭއަށް ބާސާގެ ސާޖިއޯ ބުސްކެޓްސް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގެ ކުރީކޮޅު ސޮސިއެޑާޑުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. 38 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ.

އަދި ދެވަނަ ހާފުގެ ފަށައިގެން ހަތަރުވަނަ މިނެޓުގައި ލިއޮނެލް މެސީ ދިން ބޯޅައަކުން ސުއަރޭޒް ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ. ސޮސިއެޑާޑުން މެޗުގައި ނަތީޖާ އެއްވަރުކުރީ 62 ވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެލެގްޒާންޑާ އައިސަކް އެވެ.

ލީގުގައި ރޭ ކުޅުނު މެޗުން ބާސާ އެއްވަރުވިއިރު، ދެން ލީގުގައި އެޓީމު ބައްދަލުކުރާނީ ވާދަވެރި ރެއާލް މެޑްރިޑާއެވެ. މި މެޗު ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.