ގެއަށްބޭނުންވާ ސާމާނާއެކު އިހުސާން ފިހާރައިގެ އައު ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

ލޮނުޒިޔާރަތް މަގުގައި ހުޅުވި އިހުސާން ހޯމް އިން ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުރެއެވެ. މިފިހާރަ ހުންނާނީ އިހުސާން ފިހާރަ ދޭއްގެ އިރުން ލޮނުޒިޔާރަތް މަގުގައެވެ.

އިހުސާން ހޯމް ހުޅުވުމުގެ ރަސްމިއްޔަތަށްފަހު އެފިހާރައިގެ މެނޭޖަރ އާދަމް ފަހުމީ ވިދާޅުވީ، އިހުސާން ހޯމް އިން ބަދިގޭގައި ގެންގުޅޭ ސާމާނާއި ގެތެރެއަށް ބޭނުންވާ ސާމާނުގެ އިތުރުން ކުޑަކުދިން ކުޅޭ ސާމާނުވެސް ލިބެން ހުންނާނެ ކަމަށެވެ.

ފަހުމީ ވިދާޅުވީ އެފިހާރައިން ލިބެން ހުންނަ ހުރިހާ އެއްޗެއްވެސް ވަރަށް އަވަހަށް ހޯލލްސޭލްކޮށް ވިއްކަން ފަށާނެ ކަމަށެވެ. އޭގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ އިހުސާން ފިހާރަތަކުން އެހެން ފިހާރަތަކަށްވުރެ އަގު ހެޔޮކޮށް އަބަދުވެސް އެއްޗެހި ވިއްކަމުން ގެންދާ ކަމަށާއި، އެގޮތުން އިހުސާން ހޯމް އިންވެސް އެހެން ފިހާރަތަކަށްވުރެ އަގުހެޔޮކޮށް އެއްޗެހި ލިބެން ހުންނާނެ ކަމަށެވެ.

އިހުސާން ކުންފުނިން ހުޅުވާ ކޮންމެ ފިހާރައަކުންވެސް މަސައްކަތްކުރަނީ އާންމުކޮށް އެހެން ފިހާރަތަކުން ލިބެން ހުންނަ ވަރަށްވުރެ އަގުހެޔޮކޮށް ތަކެތި ވިއްކޭތޯ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި އަބަދުވެސް އުންމީދަކީ ރައްޔިތުންނަށް އަގުހެޔޮކޮށް ތަކެތި ފޯރުކޮށްދިނުން ކަމަށްވެސް ވިދަޅުވިއެވެ.

ފަހުމީ ވިދާޅުވީ އިހުސާން ފިހާރައިގެ އެހެން ފިހާރަތަކުންވެސް ކަސްޓަމަރުންނަށް ދޭ ޕޮއިންޓު ކާޑު އެފިހާރައިންވެސް ދޭނެ ކަމަށެވެ. ޕޮއިންޓް ކާޑު މެދުވެރިކޮށްވެސް ވިޔަފާރިކުރެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިތުރު ފިހާރަތަކެއްވެސް ހުޅުވިގެން ދާނެ ކަމަށާއި، އަބަދުވެސް މަސައްކަތްކުރަނީ އެއް ހިދުމަތަށްވުރެ އަނެއް ހިދުމަތް ތަފާތުކުރެވޭތޯ ކަމަށެވެ.