އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލީޙް ތަސްދީގު ކުރައްވައިފި އެވެ.

ލާމަރުކަޒީ ގާނޫނު ރައީސް ތަސްދީގު ކުރެއްވުމާއެކު އެ ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށައެޅުއްވި މިބިލް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 76 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލީހުން މިބިލް ފާސްކޮށްފައިވަނީ ބޮޑެތި އިސްލާހުތަކަކާއި އެކުގައެވެ. އެގޮތުން ޖުމްލަ 13 އިސްލާހެއް ހުށައަޅާ އެ ހުރިހާ އިސްލާހެއްވެސް ވަނީ ފާސްކޮށްފައެވެ.

ސަރުކާރުން ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ ބޭނުމަކީ މާލީގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުން ކަމަށެވެ. އަދި ރަށްތަކުގެ ގުދުރަތީ އަދި ޢުމްރާނީ ވަސީލަތްތަކާމެދު ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމުގެ އިތުރުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސް ކުރުން ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ކައުންސިލް ގޮނޑިތަކުގެ ތެރެއިން 33 އިންސައްތަ ގޮނޑިތައް އަންހެނުނަށް ޚާއްސަކުރުމަށް ހުށައެޅިފައިވާ އިސްލާޙް ފާހަގަކޮށްލެވެއެވެ. މި އިސްލާހަށް މަޖިލީހުގެ ގިނަ މެންބަރުންވަނީ ތާއީދު ކުރައްވާފައެވެ.

މި އިސްލާހުގެ ތެރެއިން ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާގޮތަށް ގެނެސްފައިވާ ބަދަލުވެސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މިބިލްގައި ކައުންސިލުތަކަށް އާމްދަނީ އިތުރުވާނެ ގޮތްތަކަށް މަގުފަހި ކޮށްދިނުމަށް އިސްލާހު ހުށަހަޅާފައި ވެއެވެ. އެގޮތުން މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖައްސާފައިވެއެވެ. އަދި 5 މިލިޔަނަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫޢުތައް ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ރަށު ކައުންސިލުތަކަށް ބަދަލުކުރުމަށް ގާނޫނުގައި ވަނީ ހިމަނާފައެވެ.