ކެއްކުމުގެ ބޭނުންތަކަށް ކޮންމެ ގޭބިސީއަކުންވެސް އެންމެ ގިނައިން ގަންނަ އެކައްޗެއްގެ ގޮތުގައި ފިޔާ ހިމެނޭއިރު، މީގެކުރިން ފިޔައަކީ ވަރަށް ހެޔޮ އަގުގައި ބަޒާރުން ލިބެން ހުންނަ އެއްޗެކެވެ. އެހެންނަމަވެސް މިހާރު ބާޒާރު މައްޗަށް ގޮސް ބަލާލީމަ ފެނިގެންދަނީ ފިޔާގެ އަގު މީގެކުރިން ފިޔާ ލިބެންހުރި އަގުގެ ތިންގުނައަށް އުފުލިފައިވާ ތަނެވެ. މިކަމުގެ ސަބަބުން އާންމުންގެ ނިމުމެއް ނެތް ޝަކުވާތައް އިވިގެންދެއެވެ.

ރާއްޖެއިން ފިޔާ ގަންނަން ލިބޭ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު، މިއީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ކަމެއް ނޫނެވެ. އިންޑިއާއިން ފިޔާ އިމްޕޯޓްކުރާ މިސަރަހައްދުގެ ގިނަ ގައުމުތަކުން ވަނީ ފިޔާގެ އަގު ބޮޑުވުމުގެ މައްސަލައާ ކުރިމަތިލާންޖެހިފައެވެ. ޚުދު އިންޑިއާގައި ފިޔާ ވިއްކާ އަގުވެސް ވަނީ އިންޑިއާގެ ރައްޔިތުން ކަންބޮޑުވާ ވަރަށް ބޮޑުވެފައެވެ.

މިދިޔަ އޮގަސްޓްމަހު އިންޑިއާއަށް ކުރި ވިއްސާރައިގެ ސަބަބުން އިންޑިއާގެ ވަރަށް ގިނަ ފިޔާ ދަނޑުތަކެއް ވަނީ ހަލާކުވެފައެވެ. އެހެންކަމުން އިންޑިއާއިން ފިޔާ އުފައްދާ މިންވަރު ދަށްވެ، ފިޔާ އެކްސްޕޯޓްކޮށް، ވިއްކާ އަގު ވަނީ ވަރަށް ބޮޑުތަނުން އުފުލިފައެވެ. އެހެންކަމުން ރާއްޖެއަށް ފިޔާ އެތެރެކުރާ ފަރާތްތަކުން ފިޔާ އެތެރެކޮށް، ރީޓެއިލްކޮށް ވިއްކާ ފަރާތްތަކަށް ފިޔާ ވިއްކަމުންދަނީ ވަރަށް ބޮޑުއަގުގައެވެ. މިހެންވުމުގެ ސަބަބުން އާންމު ރައްޔިތުމީހާއާއި ހިސާބަށް ފިޔާަ އަންނައިރު ފިޔާގެ އަގު އޮންނަނީ އެތައް ގުނައަކުން އިތުރުވެފައެވެ.

ބާޒާރުމައްޗަށް ގޮސް ބާޒާރު މަތީ ފިޔާ ވިއްކަންތިބި ވިޔަފާރިވެރިންނާ ވާހަކަަދައްކާލުމުން، މީގެކުރިން ފިޔާ ކިލޯއެއް ލިބެން ހުންނަ އަގު ކަމަށްވާ 10ރ. ނުވަތަ 15ރ. އިން އޭގެ ތިން ހަތަރު ގުނައަށް އިތުރުވެފައިވާކަން އެނގުނެވެ. އެގޮތުން މިހާރު ބާޒާރު މަތީގައި ފިޔާ ކިލޯއެއްގެ އެންމެ ކުޑައަގެއްގައި ލިބެން ހުންނަނީ 45ރ. އަށެވެ. އަދި 55ރ. އާއި 60ރ. އާ ދެމެދުގެ އަގެއްގައި ފިޔާ ކިލޯވިއްކާ ވިޔަފާރިވެރިންނާވެސް ދިމާވެފައިވެއެވެ. ބާޒާރުމަތީގައި ތިބި ވިޔަފާރިވެރިންނާ ވާހަަކަދައްކާލުމުން އެފަރާތްތަކަށް ފިޔާ ލިބުމުގައި ދަތިތަކެއް ހުރިކަމާއި، ފިޔާ ލިބޭ އަގުވެސް ބޮޑުކަމަށް އެމީހުން ބުނެއެވެ.

ފިޔާގެ އަގު ރައްޔިތުން ކަންބޮޑުވާވަރަށް އުފުލިގެން ގޮސްފައިވާއިރު މީގެކުރިން މިފަދަ ކަންކަން ދިމާވުމުން ސަރުކާރުގެ ފަރާތުން މިކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެންކަމުން ފިޔާގެ އަގު ކޮންޓްރޯލް ކުރުމުގައާއި، ހެޔޮ އަގުގައި ފިޔަ އާންމުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ ރޯލް ވަރަށްވެސް ބޮޑެވެ.

މިކަމާ ގުޅިގެން ވީނިއުސްއަށް މައުލޫމާތުދެމުން އެސްޓީއޯއިން ބުނީ ފިޔާގެ އަގު އަތްނުފޯރާފަަށަށް އެރުމުން މީގެކުރިން އެސްޓީއޯއިން ބޮޑު އަގުގައި ފިޔާ ގެނެެސް، އެސްޓީއޯއަށް ފައިދާއެއް ނުވާ ގޮތަށް ހެޔޮ އަގުގައި ވިއްކާފައިވާނެ ކަމުގައެވެ. އެހެންނަމަވެސް މިފަހަރު އެސްޓީއޯއިން މިފަދައިން ފިޔާ ގެންނަން އަދި ނިންމާފައި ނުވާ ކަމަށެވެ. އެސްޓިއޯއިން ފިޔާ ކިލޯއެއް ވިއްކާ އަގުވެސް މިހާރު 60ރ. އަށް ބޮޑުވެފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

ފިޔާގެ އަގު މިހާ ބޮޑުވެގެންދިޔައިރު، އަގު ކޮންޓްރޯލްކޮށް، ހެޔޮ އަގުގައި ފިޔާ ވިއްކުމަށް ދައުލަތުން މަސައްކަތެއް ނުކޮށް، ދިގުލައިގެންދާ ކަމަށްބުނެ ގިނަބަޔަކު އަންނަނީ މިކަމަށް ފާޑުވެސް ކިޔަމުންނެވެ.

މިކަމާގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނީ ފިޔާގެ އަގު ކޮންޓްރޯލްކޮށް، ހެޔޮ އަގުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމުގައެވެ. އެގޮތުން ފިޔާގެ އަގު މޮނިޓަރ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން ބުނީ ފިޔާގެ އަގު ކޮންޓްރޯލްކުރުމަށް ދެން ކުރެވެން އޮތް ކަމަކީ ސަރުކާރުން ބޮޑު އަގުގައި ފިޔާ ގެނެސް، ހެޔޮ އަގުގައި ވިއްކުން ކަމަށެވެ.

އިންޑިއާގެ ނޫހެއްގައި ބުނެފައިވާ ގޮތުގައި ފިޔާގެ އަގު ކޮންޓްރޯލްކުރެވޭނެ ކަމަށް އެގައުމުން ލަފާކުރަނީ އަންނަ މަހުއެވެ. އިންޑިއާއިން ވަނީ ފިޔާ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ޔަމަން އަދި ޗައިނާފަދަ ގައުމުތަކުން ފިޔާ އެތެރެކޮށްފައެވެ. އެހެންނަމަވެސް ފިޔާގެ އަގު ކޮންޓްރޯކުރުމަށް އިންޑިއާއަށް ކުރި މިމަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.