ކައުންސިލްތަކަށް ފައިސާއާއި ބާރުތައް ދެއްވައިފި ކަމަށާއި އެހެންކަމުން ދެން ރަށްރަށުގެ ތަރައްޤީއަށް ނުކުރެވޭ ކަންކަމާމެދު ކައުންސިލްތަކާ ސުވާލު ކުރައްވާނީ ޚުދު އެމަނިކުފާނު ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭގޮތުން ދެދުވަހަށް ފެށި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސް ރޯޑްގައި ކުރިއަށްދާ މި މާަހާސިންތާގައި ރައީސް ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ކުރައްވާފައެވެ.

ލާމަރުކަޒީ ގާނޫނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެކުރިން ރައްރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ނުކުރެވިގެން އެމަނިކުފާނަށް ގިނަ ޝަކުވާތަކަކާއި ސުވާލުތަކެއް އަންނަ ކަމަށެވެ. ނަމަވެސް މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު އެ ސުވާލުތައް ދެން، ކައުންސިލްތަކާ ކުރައްވާނީ އެމަނިކުފާނު ކަމަށެވެ.

މީގެކުރިން ތިޔަބޭފުޅުން އަޅުގަނޑާ ބައްދަލުވާ ކޮންމެ ފަހަރަކު، އަޅުގަނޑާ ކުރައްވާ ސުވާލުތަކެއް ހުރޭ. ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންތައްތައް ނުކުރެވިގެން، އެކަމުގެ ޝަކުވާތައް ތިޔަބޭފުޅުން ކުރައްވާ. އެހެން ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެ ސުވާލުތައް، ދެން އަޅުގަނޑު ކުރާނީ ތިޔަބޭފުޅުންނާ. ކީއްވެގެންތޯ، ރަށުގެ މިވެނި ކަމެއް، އެވެނި ކަމެއް ނުކުރެވި އޮތީ؟ އަޅުގަނޑުމެން ފައިސާ އެބަ ދޫކޮށްލަން. އިޚްތިޔާރާއި ބާރު އެބަ ދޫކޮށްލަން. އެހެންވީމާ، އަޅުގަނޑާ ބައްދަލުވާ ކޮންމެފަހަރަކު، ތިޔައިން ކޮންމެ ބޭފުޅެއްގެ އަރިހު އަޅުގަނޑު ސުވާލުކުރާނަން، ކީއްވެގެންތޯ، މިވެނި ކަމެއް ނުކުރެވި އޮތީ؟
ރައީސް ސޯލިހް

ރައީސް ވިދާޅުވީ ވެރިކަމުގެ ލައްޒަތާއި ޖާހަތު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށްލުމަކީ، އެމަނިކުފާނު ކުރައްވާނެކަމެއް ނޫންކަމަށެވެ. ބާރުތައް މުށުތެރެއަށް ލުމަކީ، ވެރިކަން ކުރުމަށް ވަރަށް ފަސޭހަގޮތަކަށް ވެދާނެ ކަމަށާއި ނަމަވެސް އެއީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގައިވެސް އަޅުގަނޑު މި ގެންގުޅެނީ އެ އުޞޫލު. މިނިސްޓްރީތަކަށް، މިނިސްޓަރުންނަށް ބާރުތައް ދޫކޮށްލައި، މަސައްކަތް ކުރުމުގެ އިޚްތިޔާރު ދިނުން.
ރައީސް ސޯލިހް

ރައީސް ވިދާޅުވީ މި މަހާސިންތާއަކީ ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައް ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާ ކުރުމަށް ބާއްވާ މަހާސިންތާއެއް ކަމަށާއި މި ޤާނޫނު ތަންފީޒު ކުރުމުގައި، ކައުންސިލްތަކުގެ ދައުރަކަށް ވާންވާނީ، އެއްވެސް ރައްޔިތަކު ތަފާތުނުކޮށް، ބާކީނުކޮށް، އިންސާފުވެރިކަމާއެކު ކަންތައްތައް ނިންމަވަމުން ގެންދެވުން ކަމަށެވެ. ހަމަ އެއާއެކު ރައްޔިތުންގެ ފައިސާ ހެޔޮގޮތުގައި ބޭނުންކުރަމުން ގެންދިޔުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއީ ވަރަށް ގިނަ ބަދަލުތަކަކާއެކު، ޢަމަލުކުރަން ފަށާ ޤާނޫނެއް ކަމަށާއި މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ރައްޔިތުންގެ ފައިސާގެ ވަރަށް ބޮޑު ބައެއް، ކައުންސިލްތަކާ ހަވާލުކުރެވޭއިރު އެއާއެކު ރައްޔިތުންގެ ތަރައްޤީއަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ކައުންސިލްތަކާ އެބަ ހަވާލުކުރެވޭ ކަމަށާއި ރައްޔިތުންގެ މައްޗަށް ބަސްބުނެ، ގޮތް ނިންމުމުގެ ބާރުވެސް ކައުންސިލްތަކަށް ދޫކޮށްލެވޭކަމުގައި ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގިނަ، މުހިންމު ބަދަލުތަކެއް ގެނައިއިރު އަންހެން ބޭފުޅުންނަށް މިހާރަށްވުރެ އިތުރު ފުރުޞަތުތައް ހޯދައިދެވޭ ގޮތަށް އޮތް އޮތުމަށް ބައްލަވާލަށްވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ ތިންބައިކުޅައެއްބައި މިވަނީ އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރެވިފައިކަމަށާއި މިއީ މި ޤާނޫނަށް ގެނެވުނު ވަރަށް މުހިންމު ބަދަލެއް ކަމަށެވެ.

ފަސް މެންބަރުންގެ ކައުންސިލަކުން 2 ގޮނޑި އަންހެން ބޭފުޅުން ހިއްސާކުރައްވާއިރު 7 މެންބަރުންގެ ކައުންސިލަކުންނަމަ، 3 ގޮނޑި އަންހެން ބޭފުޅުންނަށް ރިޒާވް އެބަ ކުރެވޭ ކަމަށާއި އޭގެއިތުރުން، ކޮންމެ ރަށެއްގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައި 5 އަންހެން ބޭފުޅުންގެ މައްޗަށް އެކުލެވޭ، އަންހެނުންގެ ކޮމިޓީއެއް އެބަ އިންތިޚާބު ކުރެވޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ ނަތީޖާއަކީ، މީހުން ދިރިއުޅޭ 179 ރަށާއި 3 ސިޓީގައި، 384 އަންހެން ބޭފުޅުން ކައުންސިލްތަކަށް އިންތިޚާބު ކުރެވިގެން ދިޔުންކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ މިއާއިއެކު އަންހެނުންގެ ކޮމިޓީތަކަށް 929 އަންހެން ބޭފުޅުން އިންތިޚާބު ކުރެވުން ކަމަށްވެސް ރަވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ޢަދަދުތަކަށް ބަލާއިރު، ދެން ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކާ ގުޅިގެން ޖުމްލަ 1313 އަންހެން ބޭފުޅުން، އިންތިޚާބީ މަޤާމުތަކުގައި ރަށްރަށުގައި ތިއްބަވާނެއެވެ. މިއީ، އިންތިޚާބުކުރާ ޢަދަދު، ފިރިހެން ބޭފުޅުންނަށްވުރެ އިތުރު ޢަދަދަކަށް ވުމުން، މިއީ މިންތީގެ ހަމަހަމަކަމަށް މިކުރާ މަސައްކަތުގައި އިޖުތިމާޢީ ގޮތުން ގެނެވުނު ވަރަށް ރަނގަޅު ބަދަލެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.