އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން ފަސޭހަކަމާއެކު މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ލީގުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 3-0 އިންނެވެ.

މި މަހުގެ 10 ވަނަ ދުވަހު ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް އާސެނަލުން 42 އަހަރު ތެރޭ އައި އެ ޓީމުގެ މޮޅުނުވުމުގެ އެންމެ ދިގު ސިލްސިލާ އަށް ނިމުމެއް ގެނައި ނމަވެސް، ރޭގެ މެޗުގައިވެސް އެޓީމު ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ.

އެގޮތުން ރޭގެ މެޗުގައި ފެނިގެންދިޔަ ތިން ގޯލުވެސް ސިޓީން ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. ގެބްރިއަލް ޖީސޫސްގެ އެހީއާއެކު މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޭނާއެވެ.

އަދި 15 ވަނަ މިނެޓުގައި ސިޓީން ވަނީ ލީޑު ފުޅާކޮށްފައެވެ. ކެވިން ޑި ބްރޭނާ ތަަވަސްކޮށްދިން ފުރުސަތަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މި މެޗުގައި ސިޓީން ކާމިޔާބުކުރި ތިންވަނަ ގޯލް އެޓީމުން ޖަހާފައިވަނީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މި ގޯލް އެޓީމށް ކާމިޔާބުކޮށްދިނީ މި މެޗުގައު މޮޅު ކުޅުމެއް ދެއްކި ކެވިން ޑި ބްރޭނާއެވެ.

ރޭގެ މޮޅާއެކު ސިޓީ ތާވަލުގެ ތިންވަނައިގައި އޮތީ 35 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 49 ޕޮއިންޓު ލިބިފައިވާއިރު، ސިޓީ އާއި ލިވަޕޫލާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ރޭގެ މެޗުން ބަލިވި އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައި 22 ޕޮއިންޓާއެކުއެވެ.

ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން ---

މީގެ އިތުރުން ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ އެވަޓަންއިންނެވެ. މި ގޯލަކީ 36 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ވިކްޓަ ލިންޑެލޯފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގައި ޔުނައިޓެޑުން ނަތީޖާ އެއްވަރުކޮށްފައިވަނީ 77 ވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ފޯވާޑް މޭސަން ގްރީންވުޑްއެވެ.

ރޭގެ މެޗު އެއްވަރުވުމުން ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ ހަވަަނައިގައި 25 ޕޮއިންޓާއެކުއެވެ. ތާވަލުގެ ފަސްވަނައިގައި އޮތީ ރޭ ވުލްވްސް އަތުން 2-1 އިން މޮޅުވި ޓޮޓެންހަމްއެވެ. އެޓީމަށް ވަނީ 26 ޕޮއިންޓު ލިބިފައެވެ.