ކުޑަކުދިންގެ ހައްގުތަކާ ކަރާމަތަށް އުނިކަން ނާންނަގޮތަށް ކުޑަކުދިންނާގުޅޭ އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މީޑިޔާއަށް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިކަމަށް ގޮވާލެއްވީ، ރާއްޖެޓީވީގެ 9 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެފަދަ ކެމްޕޭނެއްގެ ސަބަބުން އާންމުންގެ ހެލުންތެރިކަން އިތުރުވެ ދައުލަތުގެ އެކި މުއައްސަސާތަކުން އެކަމަށް ދޭ ސަމާލުކަން އިތުރުވެގެންދާނެ ކަމަށެވެ.

މިވަގުތު އެންމެ ކަންބޮޑުވާ އެއްކަމަކީ ކުޑަކުދިންނާ ގުޅުންހުރި ކަންތައްތައް ކަމަށާއި ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ކުޑަކުދިންނާމެދު އިހުމާލުވެވޭތަންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ކަން އޮންނަގޮތަކީ ކަމެއްދިމާވެއްޖެނަމަ 2 ހަފްތާއެއްހާދުވަސް ވަންދެން އެވާހަކައެއް މީޑިއާގައިވެސް ދެކެވި އެވާހަކައެއް އެހިސާބުން އޮބިގެންދިއުންކަން ފާހަގަކުރެއްވިއެވެ.

އޭގެ ބަދަލުގައި މިފަދަ ގޮތަކަށް ރޭވިގެން ދިގުމުއްދަތަކަށް އަމާޒުހިފައިގެން އާރުލާގޮތަކަށް ކުޑަކުދިންނާ ގުޅޭ މައްސަލަތައް ގެނެވިދާނެކަން ފަޒްނާ އަޙްމަދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މީޑިޔާއިން އެގޮތުން ސަމާލުކަން ދެވިދާނެ ކުޑަކުދިންނާ ގުޅޭ ބައެއް ސުރުޚީތައްވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފަޒްނާ އަޙްމަދު ވިދާޅުވީ މީގެތެރެއިން ގިނަ ކަންކަމަކީ ކުއްޖާ ވަރަށް ތުއްތުއިރު، ގޭތެރެއިން ފެށިގެން އަންނަކަންކަން ކަމަށް ބެލެވޭތީ، ބެލެނިވެރިންނަށް އަމާޒުކޮށްގެން އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ހިންގުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ހަމަ އެހެންމެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ކަންކަމާ ފުށުއަރާފަދަ ކަންކަން އިސްތިހާރުތަކުން ފެންނަކަން ފާހަގަކުރައްވައި އެއީ އެކަން ހިނގައިގެންވާނެ ގޮތެއް ނޫންކަންވެސް ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ފާއިތުވި މާޒީއަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ރާއްޖެޓީވީއަކީ "ބަދަލުގެނެސްދޭ" އަދި މީހުންނާ ހިސާބައް މައުލޫމާތު ފޯރުކޮށްދިނުމުގައި އަމިއްލަ ފުރާނަ އަތްމައްޗައްލައިގެން މަސައްކަތްކުރި މުވައްޒަފުންތަކެއް ތިބި ތަނެއް ކަމުގައެވެ. އަދި އޭރު މަސައްކަތްކުރަން ޖެހިފައި އޮތް ބިރުވެރިކަމާއެކުވެސް ޕްރޮގްރާމްތަކުގައި މަޖާ ނުވަތަ ހިއުމާ ބޭނުން ކޮށްފައިވާކަން އެއީ އެ ހާސްކަމާ ނުރައްކާތެރިކަމުގެ ތެރޭން ރާއްޖެޓީވީ ސަލާމަތްވި މައިގަނޑު ސަބަބުކަމަށް ގަބޫލުކުރެވޭކަމުގައި ފަޒްނާ އަޙްމަދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އޭރު ހުރި ގޮންޖެހުންތަކާ އެ މާހައުލު މިހާރު ނެތްނަމަވެސް، މިހާރުގެ ކަންކަން ރިޕޯޓް ކުރުމުގައި ވެސް ރާއްޖެޓީވީއޭ ބުނުމުން އެސިފަވާ ރޫޙުގައި ރާއްޖެޓީވީގެ މުވައްޒަފުން މަސައްކަތް ކުރެއްވުމަކީ އެކަމަނާ ގަބޫލުކުރައްވާ އަދި އެދިވަޑައިގަންނަވާ ގޮތްކަމަށެވެ.

ރާއްޖެޓީވީގެ 9 ވަނަ އަހަރީދުވަހުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖެޓީވީން 2012 އިން ފެށިގެން 2018 އާހަމައަށް ފަސްޖެހުމެއްނެތި ކުރި މިންނެތް މަސައްކަތްތައް ފާހަގަކުރެއްވައި ރާއްޖެ ޓީވީ މުވައްޒަފުންނާއި މެނޭޖްމަންޓަށް ޝުކުރު އަދާކުރައްވާފައެވެ.

ރޭގެ ހަފުލާގައި، ރާއްޖެޓީވީގެ މުވައްޒަފުންގެ އެކިއެކި 18 އެވޯޑެއް ދީފައިވާއިރު އޭގެތެރެއިން ރާއްޖެ ޓީވީގެ "ސްޓާފް އޮފް ދަ އިޔަރ 2019" ހާސިލުކުރި ރާއްޖެޓީވީގެ އެޑިޓަރ، އަހްމަދު ސިރާޖަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.