ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރެއާލް ސޮސިއެޑާޑާ ބާސެލޯނާ އެއްވަރުވުމުން، ރޭގެ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ރެއާލަށް އޮތެވެ. އެކަމަކު ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ވެލެންސިއާއާ ރެއާލް އެއްވަރުވީ 1-1 އިންނެވެ.

އެހެންކަމުން ބާސާ ތާވަލުގެ އެއްވަނައިގައި އޮތީ 16 މެޗުން 35 ޕޮއިންޓާއެކުއެވެ. ރެއާލަށްވެސް 16 މެޗުން 35 ޕޮއިންޓު ލިބިފައިވާއިރު، ބާސާއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ.

ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅު ރެއާލުން ވަނީ ވެލެންސިއާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ފެޑެރީކޯ ވަލްވާޑޭ އާއި ޓޯނީ ކްރޫސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

އެކަމަކު ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް، މެޗުގެ 77 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލީޑު ނަގާފައެވެ. ޑަނިއެލް ވާސް ތަނަވަސްކޮށްދިން ފުރުސަތަކުން ވެލެންސިއާއަށް ލީޑު ނަގައިދިނީ ސޮލާ އެވެ. އެކަމަކު އިތުރު ވަގުތުގައި ކޯނަރަކުން ކަރިމް ބެންޒެމާ ވަނީ މި މެޗުން ރެއާލް ސަލާމަތް ކޮށްދީފައެވެ.

މި ހަފުތާގައި ކުޅުނު މެޗުތަކުން ރެއާލާއި ބާސާވެސް އެއްވަރުވިއިރު، ލީގުގައި ކުރިއަށް ދެން އޮތީ މި ދެޓީމުގެ ކުރިމަތިލުމެވެ. އެ މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.