މަސްވެރިކަމާއި އެކުއާކަލްޗަރ ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއެރުވުމަށް ބާއްވާ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގެ 34 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

މިބައްދަލުވުން ކުރިއަށްދަނީ މި ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ.

މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އިންފޯފިޝްގެ 13 މެމްބަރުގައުމުގެ ތެރެއިން 7 ގައުމަކުން މި ބައްދަލުވުމުގައި ބައިވެރިވެއެވެ.

މިއަހަރު ރާއްޖޭގައި މި ބާއްވާ އިންފޯފިޝްގެ ގަވަރިނިންގ ކައުންސިލްގައި ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމުޢިއްޔާ (އެފް.އޭ.އޯ) ގެ މަންދޫބުންގެ އިތުރުން، އިންޓަރނެޝަނަލް 2 އޮބްސަރވަރުން ބައިވެރިވެވަޑައި ގަންނަވައެވެ. އަދި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ސެމީ ކޮރޮއިލަވެސައު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޮންފަރެންސާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިންފޯފިޝް ގަވަނިންގ ކައުންސިލްގެ ޗެއާމަން އާދަމް މަނިކު ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގައި މެރިކަލްޗަރގެ ހިދުމަތް ތަރައްގީކުރުމަށް އިންފޯފިޝްއިން ކުރަން ނިންމާފައިވާ ކަންކަމާއި، މިކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮން ދާއިރާތަކަކުންތޯ ބަލައި، މިކަމާ މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ.

އަދިވެސް މަސްވެރިކަމުގެ ދާއިރާައިން ރާައްޖެއަށް އިތުރު ކުރިއެރުންތައް ލިބޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް މަނިކު ވިދާޅުވިއެވެ.

އިންފޯފިޝް ކައުންސިލް ބައްދަލުވުން ފެށުން

މަނިކު ވިދާޅުވީ މި ބައްދަލުުވުމުގައި ގައުމުތަކުގެ މެދުގައިވެސް ގިނަ މަޝްވަރާތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ގައުމުތަކުގައި އިންފޯފިޝްގެ ފަރާތުން ކުރިއަށް ގެންދާނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވި، މިކަންކަން ފާސްކުރުން ކުރިއަށްދާނެ ކަމަށެވެ.

އަދި އިންފޯފިޝްގެ ގަވަރނަންސްއާ ގުޅޭގޮތުން ހުށައެޅިފައިވާ ބައެއް މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ގައުމުތަކުގެ މެދުގައި އެހީތެރިކަން ފޮރުކޮށްދެވޭނީ ކޮން ދާއިރާތަކަކުންކަން ބަލައި، މަޝްވަރާ ކުރެވޭނެ ކަމަށެވެ.

މަނިކު ވިދާޅުވި އިންފޯފިޝް ކައުންސިލް ބައްދަލުވުންތަކުގެ އިތުރުން އިންފޯފިޝްގެ ފަރާތުން ކޮންމެ ދެއަހަރުން އެއް އަހަރު ބާއްވަމުން އަންނަ ޓޫނާ ކޮންފަރެންސް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ބައްދަލުވުމުގެ ތެރެއިން ޓޫނާ ކޮންފަރެންސަށް ތައްޔާރުވުމުގެ މަޝްވަރާތައްވެސް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދިވެސް އިންފޯފިޝްއާ ގުޅުންހުރި މިފަދަ ބައިވަރު މަޝްވަރާތަކެއް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިންފޯފިޝް އިން ގެންދަނީ ދުނިޔޭގައި މަސްވެރިކަން ކުރިއަރުވައި އާލާކުރުމަށް ގިނަ މަސައްލަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަމާއި އެކުއާކަލްޗަރގެ ބައެއް ޕްރޮޖެކްޓްތައް، އެހެން ބައެއް އެހީދޭ ޖަމްއިއްޔާތަކާ ގުޅިގެން ހިންގަމުން ގެންދެއެވެ.

އިންފޯފިޝް މެދުވެރިކޮށް މަސްވެރިކަމާއި އެކުއާކަލްޗަރގެ ވިޔަފާރި މާކެޓް ކުރުމާގުޅޭ ފަންނީ ލަފަޔާ މަޝްވަރާ، އިންފޯފިޝް މެދުވެރިކޮށް މެމްބަރު ގައުމުތަކަށް ލިބޭނޭ ނިޒާމެއްވެސް ވަނީ ހަމަޖެހިފައެވެ.