ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދީ، އެޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަން މެނޭޖުމަންޓުން ބޭނުންނުވާ ކަމަށް އެޓީމުގެ އެސިސްޓަންޓް ކޯޗު އާފިއު މުހައްމަދު ހާމިދު (އާފީ) ބުނެފިއެވެ.

ދިގު ބްރޭކަކަށްފަހު ލީގުގެ ކުޅުން އަލުން ފަށާއިރު، ޓީސީން އެޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ޓީސީއަށްވެސް މާލީ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާއިރު، އެޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދެވި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ލީގުގައި މިރޭ ނިލަންދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާފީ ބުނީ ޓީސީއަކީ ވަރަށް ބޮަޑަށް ކުޅުންތެރިންނަށް ބަލާ ޓީމެއް ކަމަށާއި، އެހެންކަމުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަން ޓީމުގެ މެނޭޖުމަންޓުން ބޭނުންނުވާ ކަމަށެވެ. އެގޮތުން ކުޅުންތެރިން ހިތްހަމަނުޖައްސާ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްގެންވެސް ނުކުންނާނެ ނަތީޖާއެއް ނޯންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ދާދި ފަހުން ޓީސީން ވަނީ އެޓީމުގެ ކޯޗަކަށް މުހައްމަދު ޝާޒްލީ ހަމަޖައްސާފައެވެ. ޓީސީން އެޓީމުގެ ކޯޗަކަށް ޝާޒްލީ ހަމަޖެއްސީ މި ސީޒަނަށް އެޓީމާ ހަވާލުވި މުހައްމަދު އާތިފް (އާތީ) މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ޓީސީގެ ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު ޝާޒްލީ ބުނެފައިވަނީ ޓީސީއާ ހަވާލުވީ އެޓީމު މިހާރު އޮތް ހާލަތު ދަނެގެން ކަމަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި އަނެއްކޮޅުން ބައްދަލުކުރާ ނިލަންދޫ ސްޕޯޓްސް ކްލަބުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އަލުން ކުޅުން ފަށާއިރު އެންމެ އެކަށީގެންވާ ގޮތަކަށް ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވިފައިނުވާ ކަމަށާއި، ޓީޟުގެ ހާލަތު ފެނިގެންދިޔައީ ވަރަށް ގޯސްކޮށް ކަމަށެވެ.

ލީގުގައި މިރޭ ޓީސީ އާއި ނިލަންދޫ ބައްދަލުކުރާއިރު، ޓީސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 9 މެޗުން 16 ޕޮއިންޓާއެކުއެވެ. އަދި ނިލަންދޫ އޮތީ އަށްވަނައިގައި 12 މެޗުން 10 ޕޮއިންޓާއެކުއެވެ. ޓީސީ އާއި ނިލަންދޫ ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ 21:00 ގައެވެ.