އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 7 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) ގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ މިމަހުގެ 15 އިން 17 އަށްޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ކުރިއަށްދާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އޯ.އައި.ސީ މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެއެވެ. ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުގައި މިއަދުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަމީން ވާހަކަފުޅު ދައްކަވާނެއެވެ.

މި ބައްދަލުވުމަކީ "ކޮލިޓީ އޮފް ލައިފް" މި ޝިއާރުގެ ދަށުން އޯއައިސީ.ގެ މެމްބަރު ގައުމުތަކުގެ ސިއްހީ ހާލަތު ވަޒަންކޮށް، އޯއައިސީ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން ތަންފީޒްކުރާ މިންވަރު ބެލުމަށް ކުރިއަށްގެންދާ ބައްދަލުވުމެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

މި ބައްދަލުވުން މެދުވެރިކޮށް އޯއައިސީގެ މެމްބަރު ގައުމުތަކުގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

މިއަހަރުގެ ބައްދަލުވުމުގައި އެންޓިވެކްސް ކެމްޕެއިންއާއި ގުޅިގެން މެމްބަރ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެމްބަރ ގައުމުތަތުގެ ސަމާލުކަމަށް މިކަން ގެންނާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މިކަމަށް ހައްލުހޯދުމަށް ހުރިހާ ގައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށްއެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން، ހެލްތް މިނިސްޓަރ އަމީން ހުށައެޅައިދެއްވާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

އޯއައިސީގެ 6 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) މީގެ ކުރިން ބޭއްވިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ސައުދީ އަރަބިޔާގެ ޖިއްދާގައެވެ.