ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހުނުއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު ސްވިޒަލެންޑުގެ ނިޔޯންގައެވެ.

13 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ރެއާލް މެޑްރިޑް ދެވަނަ ބުރުގައި ބައްދަލުކުރާނީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއާއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ލިވަޕޫލް ދެވަނަ ބުރުގައި ވާދަކުރާނީ ސްޕެއިންގެ ގަދަ ބާރު އެތުލެޓިކޯ މެޑްރިޑާއެވެ.

މީގެ އިތުރުން އިޓަލީގެ ޗެމްޕިއަން ޓީމު ކަމަށްވާ ޔުވެންޓަސް ދެވަނަ ބުރުގައި ފްރާންސްގެ ލިޔޯންއާ ބައްދަލުކުރާއިރު، ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރާނީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑާއެވެ. އަދި ސްޕެއިންގެ ޗެމްޕިއަން ޓީމު ކަމަށްވާ ބާސެލޯނާ ދެވަނަ ބުރުގައި ނުކުންނާނީ އިޓަލީގެ ނާޕޮލީއާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ކުޅުން ކުރިއަަށްދާނީ އަންނަ އަހަރުގެ ފެބްރުއަރީ އަދި މާޗު މަހުއެވެ.

ދެވަނަ ބުރުގެ މެޗުތައް:

ބޮރޫޝިއާ ޑޯޓްމުންޑް - ޕީއެސްޖީ

ރެއާލް މެޑްރިޑް - މެންޗެސްޓާ ސިޓީ

އެޓަލާންޓާ - ވެލެންސިއާ

އެތުލެޓިކޯ މެޑްރިޑް - ލިވަޕޫލް

ޗެލްސީ - ބަޔާން މިއުނިކް

ލިޔޯން - ޔުވެންޓަސް

ޓޮޓެންހަމް ހޮޓްސްޕާސް - އާރުބީ ލެއިޕްޒީގް

ނާޕޮލީ - ބާސެލޯނާ