މިހާރަކަށް އައިސް އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ސްޓިކާއިން ސަލާމަތްނުވާ ވާހަކައެވެ. ވެހިކަލްތަކުގައި ހަމައެއް ލަމައެއްނެތި ސްޓިކާޖަހާ ކަމުގެ ޝަކުވާއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމުން ޕާކުކުރާނެ ތަނެއްނެތި ސްޓިކާ ނުޖަހާނެކަމަށް ބުނެފައިވެއެވެ. އަދި ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތަކެއްވެސް ވަނީ ހަދާފައެވެ. އެކަމަކު ސްޓިކާއިން ވެހިކަލްތައް ސަލާމަތެއް ނުވެއެވެ. ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ސައިކަލާއި ކާރުގައި އަންނަނީ ސްޓިކާ ޖަހަމުންނެވެ. ސްޓިކާގެ މައްސަލަ ހައްދުފަހަނަ އަޅާފައިވާކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. ސްޓިކާޖަހާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ. އެއްބަޔަކު ބުނަނީ މިސްކިތަށް ނަމާދަށް އަރާފައި ފައިބާއިރު ސްޓިކާ ޖަހަނީކަމަށެވެ. މިއީ ބޮޑުވަރު ކަމަށެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެންފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓް އޮޕަރޭޝަން ހެޑު ސަބް އިންސްޕެކްޓަރ މުހައްމަދު ނައީމް ވިދާޅުވީ ވެހިކަލްތަކުގައި ސްޓިކާ ޖެހުމުގައި އުސޫލުތަކެއް ކަނޑައެޅިފައި ހުންނަ ކަމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް ޕާކުކުރާ އެއްޗެއްސާ އަދި މީހުންނަށް ދަތިވާގޮތަށް ޕާކުކުރާ އެއްޗެހީގައި ސްޓިކާ ޖަހާނެ ކަމަށެވެ.

އަޅުގަނޑުމެން އަމަލުކުރާ އުސޫލެއް އިންނާނެ އެއީ ސްކޫލް ވަގުތުތަކުގަޔާއި ނަމާދު ވަގުތުތަކުގައި އެސަރަައްދު ތަކުގައި ޕާކުކުރާ އެއްޗެހީގައި ސްޓިކާ ނުޖަހާނެ. އެކަމަކު ސްކޫލު ކައިރީގައިވެސް ސްކޫލަށް ވަދެނިކުތުމަށް ދަތިވާގޮތަށް ހުންނަ އުޅަނދުތަކަށް ފިޔަވަޅު އަޅާނެ، ހަމަ އެގޮތަށް މިސްކިތައް އަރާއިރުވެސް ދެން އަންނަ މީހުންނަށް އުދަނގޫ ވާނެހެން ޕާކުކުރާ އެއްޗެއްސާމެދު ފިޔަވަޅު އަޅަމުން ދާނެ
ޓްރެފިކް ޑިޕާޓްމަންޓް އޮޕަރޭޝަން ހެޑް ސަބް އިންސްޕެކްޓަރ މުހައްމަދު ނައީމް

ބޭންކުތަކުން ހިދުމަތް ހޯދުމަށްދާ މީހުންނާއި ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ހިދުމަތް ހޯދުމަށްދާ މީހުންނަށް ވެހިކަލް ޕާކުކުރާނެ ތަނެއްނެތުމުން އެތަނެއްގެ ކުރިމަތީގައި ޕާކުކުރަން މަޖުބޫރުވާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި އެވަގުތަކުގައި ސްޓިކާ ޖެހުމަކީ އެންމެ ރަގަޅުގޮތް ނޫންކަމަށްވެސް ގިނަބަޔަކު ދެކެއެވެ.

ފުލުހުން ބުނީ ބޭންކުތަކުގެ ކައިރީގައި ހުންނަ އުޅަނދުތަކާއި ހޮސްޕިޓަލްތަކުގެ ކުރިމަތީގައި ޕާކުކުރާ ސައިކަލްތަކުގައި ސްޓިކާ ޖަހާތީ އެކަމުގެ ޝަކުވާ އަންނަ ކަމަށާ، އެހެންނަމަވެސް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާނަގައި އެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ފަސޭހަވާނެހެން އަމަލުތައް ބަހައްޓަން ޖެހޭކަމަށެވެ.

ވިސްނަންޖެހޭކަމަކީ ކޮންމެތާކު ޕާކިންޒޯނެއް ނުހުރެދާނެކަން. އަޅުގަނޑުމެން އެބަޖެހޭ ދެންތިބި މީހުންނަށްވެސް ވިސްނަން. އެމީހަކު ބޭނުންވާ މަގުސަދެއް ހާސިލް ކުރުމަށްޓަކައި ޖެހުނުތަނެއްގައި ޕާކުނުކޮށް، އެބޭފުޅާގެ ޒިންމާއެއްވެސް ވާކަންދަނެގެން، މީހުންނަށް ދަތިނުވާނެހެން ޒޯންތައް ހުންނަ ދިމާތަކުގައި އުޅަނދު ބަހައްޓަންޖެހޭ. ހާއްސަ ގޮތެއްގައި ބޭންކަށް ވަންނަ މީހުން ޒޯން ކުރިމަތީގައި އޮންނައިރުވެސް ދޮރުމަތިގައި ޕާކުކޮށްފަ އެބަ ވަދޭ ބޭންކަށް. އެހެންނަމަވެސް ދެން އެމަގުން ދުއްވާ ސައިކަލްތަކަށް ވާނެ އުދަނގޫ ވިސްނަން އެބަޖެހޭ. ދެން މިސާލަކަށް އައިޖީއެމްއެޗް، އެއީ މީހުން ބޭސްފަރުވާއަށްދާ ތަންތަން، އެސަރަހައްދުގައިވެސް ޕާކިން ޒޯނެއް އެބަހުރި އެކަމަކު ދޮރުމަތީގައި ޕާކުކުރީމަ ދަތިވާނެ ދެއްތޯ އެމަގުން ދެން ދަތުރުކުރާ އުޅަދުތަކަށް.
ސަބް އިންސްޕެކްޓަރ މުހައްމަދު ނައީމް

ސްޓިކާ ޖަހާތީ އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާއިރު، ފުލުހުންނަށް ތަފާތު ތުހުމަތުތައް އަންނަނީ ކުރަމުންނެވެ. އެގޮތުން ބައެއްމީހުން ބުނަނީ ފުލުހުންނަށް ކޮންމެދުވަހަކު ވަކިވަރަކަށް ސައިކަލްތަކުގައި ސްޓިކާ ޖަހަން ލާޒިމުކަމަށް. ސްޓިކާ ޖަހައިގެން ނަގާ ޖޫރިމަނާގެ ފައިސާއިން ފުލުހުންނަށް ވަކި ޕަސަންޓެއް ލިބޭކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ.

ފުލުހުންބުނީ މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނާ ދުއްވާ އުޅަނދުތަކަށް ފަސޭހަވާނޭހެން މަގުތައް ބެލެހެއްޓުމަކީ ފުލުހުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޒިންމާ ފުލުހުން އަދާކުރަމުންދާނެ ކަމަށެވެ. އަދި ފުލުހުންނަށް ވަކި ވަރަކަށް ސްޓިކާ ޖެހުމަށް އަންގާފައި ނުވާ ކަމަށާ، ފުލުހުންނަށް ސްޓިކާ ޖަހައިގެން އާމްދަނީ ނުލިބޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ މަގުމަތި ބޭނުންކުރާ ހުރިހާ މީހުންނަށް އަމާންތަނަކަށް މަގުތައް ހެދުމަށް. ވަކިވަރަކަށް ސްޓިކާ ޖަހާކަށް އެއްވެސް ފަރާތަކުން އަޅުގަނޑުމެންނަށް އަންގާފައެއް ނޯވޭ
ސަބް އިންސްޕެކްޓަރ މުހައްމަދު ނައީމް

ފުލުހުން ބުނީ ސްޓިކާއިން ސަލާމަތްވެވޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ. އެގޮތުން ދާންޖެހޭތަނަކަށް ވަގުތު އޮއްވާ ގޮސް ޕާކިން ޒޯންގައި ޕާކުކުރުން މުހިންމު ކަމަށެވެ.

އެހެންނަމަވެސް އުފެދޭ ސުވާލަކީ ސްޓިކާޖަހަނީ ޕާކުކުރާނެ ތަން ނެތުމުން ބާއޭ ނޫނީ ހަމަ ގަވާއިދާ ހިލާފަށް ޕާކުކުރާތީ ބާއެެވެ. މިއިން ކޮންމެ ގޮތެއްގައިވިޔަސް ސްޓިކާއިން ސަލާމަތްވާނެ ގޮތެއް ހޯދަން އެބަޖެހެއެވެ. މާލޭގައި ދުއްވާ އުޅަނދުތަކަށް ޕާކު ކުރެވޭނެ ޕާކިން ޒޯންތައް އަދިވެސް މަދުކަމަށް ގިނަބަޔަކު ބުނަމުންދާއިރު، މާލޭގައި އިތުރަށް ޕާކިން ޒޯން ހަދާނެ ބިމެއް ނެތްކަމަށް ސިޓީ ކައުންސިލުންވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް ސްޓިކާއިން ސަލާމަތް ވުމަށްޓަކައި ޕާކިން އޭރިޔާތައް އިތުރު ކުރުމަކީ މުހިންމު ކަމެކެވެ.