ފީފާ ކްލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޔޫރަޕްގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލްގެ ފްލަމެންގޯ ދަތުރުކޮށްފި އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލްގެ ޖާގައެއް ލިވަޕޫލް ހޯދީ ރޭ ކުޅުނު ދެވަނަ ސެމީގައި މެދުތެރޭ އެމެރިކާގެ ޗެމްޕިއަން މެކްސިކޯގެ މޮންޓެރޭ އަތުން ފަހުވަގުތު 2-1 އިން މޮޅުވެގެންނެވެ.

ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާ އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ފިޔުނެސް މޯރީ ވަނީ މޮންޓެރޭއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ލިވަޕޫލް މޮޅުވީ އިތުރު ވަގުތުގައި ރޮބާޓޯ ފިރްމީނޯ ކާމިޔާބުކޮށްދިން ގޯލާއެކުއެވެ.

މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރިއިރު، ސެމީގެ ޖާގައެއް ލިވަޕޫލަށް ލިބިފައިވަނީ އޮޓޮމެޓިކުންނެވެ. ލިވަޕޫލާ ބައްދަލުކުރި މޮންޓެރޭ ސެމީއަށް ދަތުރުކޮށްފައިވަނީ ދެވަނަ ބުރުގައި މުބާރާތް ބާއްވާ ގައުމު ގަތަރުގެ ޗެމްޕިއަން އައް ސާދު 3-2 އިން ބަލިކޮށްގެންނެވެ.

ލިވަޕޫލުން އެންމެ ފަހުން ކްލަބު ވޯލްޑް ކަޕްގައި ކުޅުނީ 2005 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލްގައި ބްރެޒިލްގެ ސައޮ ޕައޮލޯ އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. އެހެންކަމުން ލިވަޕޫލްގެ ތާރީޚުގައި މި މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމުގެ ފުރުސަތު އެޓީމަށް ވަނީ ލިބިފައެވެ.

ފްލަމެންގޯ އާއި އަލް ހިލާލް ބައްދަލުކުރި މެޗުގެ ތެރެއިން ---

މީގެ އިތުރުން ފްލަމެންގޯ ފައިނަލަށް ދަތުރުކުރީ އަންގާރަ ދުވަހުގެރޭ ކުޅުނު ފުރަތަމަ ސެމީގައި އޭޝިއާގެ ޗެމްޕިއަން ސައޫދީ އަރަބިއާގެ އަލް ހިލާލް 3-1 އިން ބަލިކޮށްގެންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ހިލާލުންނެވެ. މި ގޯލް ޖެހީ 18 ވަނަ މިނެޓުގައި މުހައްމަދު އަލް-ދަވްސަރީ އެވެ. ފްލަމެންގޯ އިން ދެވަނަ ހާފުގައި ފަހަތުން އަރައި މޮޅުވީ ޑި އަރައްސްކައެޓާ އާއި ބްރުނޯ ހެންރީކޭ އަދި އަލް ބުލައިހީ ޖެހި ލަނޑުތަކުންނެވެ.

ލިވަޕޫލާއި ފްލަމެންގޯ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 22:30 ގައެވެ.