ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ބޮޑަށް ސަމާލުކަން ދޭ މެޗު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި އެލް ކްލަސިކޯ މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

މި މެޗު އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އެކަމަކު އެފަހަރު މެޗު ފަސްކުރީ ކެޓަލޫނިއާ ވަކި ދައުލަތަކަށް ހެދުމަށް އެސަރަހައްދުގައި ސިޔާސީ ހަމަނުޖެހުންތަކެއް ހިނގަމުންދާ ދުވަސްވަރަކަށް ވުމާއި ގުޅިގެންނެވެ.

ރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، މިއީ 2002 ވަނަ އަހަރުގެ ނޮވެމްބަރު މަހަށްފަހު ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ އެލް ކްލަސިކޯ މެޗެވެ.

ރޭގެ މެޗުގައި ރަނގަޅަށް ކުޅެފައިވަނީ ރެއާލުންނެވެ. އެގޮތުން އެޓީމުން ވަނީ ބާސާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއްވެސް ފޮނުވާލާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ކެސެމެއިރޯ އާއި ވަލްވޭޑޭ ފޮނުވާލި ހަމަލާތައް ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި ދެ ޓީމަށްވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ދެވަނަ ހާފުގައި ގެރެތު ބޭލް ވަނީ ގޯލެއް ޖަހާފައެވެ. އެކަމަކު ބޭލްއަށް ބޯޅަދިން ފާލަންޑް މެންޑީ އޮފްސައިޑުގައި ހުރުމާއެކު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ގޯލް ބަލައިނުގަންނަށް ނިންމާފައެވެ.

މި މެޗުގައި ބާސާއަށް ގޯލެއް ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށެވެ. އޭރިއާ ތެރެއިން މެސީއަށް ރަނގަޅު ހަމަލާއެއް އުފައްދަން ފުރުސަތު ލިބުނު ނަމަވެސް، މެސީ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިޔައީ އޭނާގެ ފައިގައި ރަނގަޅަށް ލައްވާނުލައެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު އެލް ކްލަސިކޯ މެޗު އެއްވަރުވިއިރު، މި މެޗުން ޕޮއިންޓެއް ހޯދާ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ އެ ކްލަބުގެ ރެކޯޑެއް ހަދާފައެވެ. އެއީ ބާސާގެ ދަނޑުގައި ޖެހިޖެހިގެން ކުޅުނު ފަސް މެޗުން ބަލިނުވެ ނިންމާލި ފުރަތަމަ ރެއާލްގެ ކޯޗުގެ ޝަރަފެވެ.

ރޭގެ ނަތީޖާއާއެކު ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ބާސާއެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ބާސާއަށްވެސް 36 ޕޮއިންޓު ލިބިފައިވާއިރު، ބާސާއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ތިންވަނައިގައި އޮތް ސެވިއްޔާއަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.