ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކުރުމުގެ ގޮތުން "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް" މަޝްރޫއުގެ ދަށުން 48 ރަށެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދަން ފަށައިފިއެވެ.

މިމަސައްކުތުގެ ފެށުން އިއުލާނުކޮށްފައިވަނީ އެންވަޔަރންމެންޓް މިނިސްޓްރީން މިކަމަށް ހާއްސަކޮށް މއިަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަންމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން އަދި ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލމްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިކަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖޭގައި ކަރަންޓު ބޭނުންކުރާ މިންވަރު މިހާރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ. ރާއްޖެއަކީ ތެޔޮ އުފައްދާ ގައުމަކަށްނުވާތީ ރާއްޖެއިން ބޭރުން ތެޔޮ އެތެރެކޮށް، ކަރަންޓު އުފެއްދުމަށް ރާއްޖޭގެ އިގްތިސޯދީ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ހޭދަވާ ކަމަށް ޑރ. ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ރާއްޖެއިން ތެލަށް ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިކަން ކުޑަކުރެވޭނެ ހަމައެކަނި ނިޒާމަކީ ރާއްޖެއިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ބޭނުންކުރުން ކަމުގައެވެ. އެގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން މީހުން ދިރިއުޅޭ 160 ރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ މި މަޝްރޫއަކީ ހަކަތައިގެ ދާއިރާގެ މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ރަށްރަށުގައި ސޯލަރ ޕީވީ، ބެޓެރީ، ޑީސަލް ޖެނެރޭޓަރު އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ހިމެނޭ ހައިބްރިޑް ނިޒާމުތައް ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ނިޒާމުތަކުން އުފައްދާ ކަރަންޓު އިސްރާފުވެގެންދާ މިންވަރު ކުޑަކުރުމަށްޓަކައި ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުންވެސް ހިމެނޭކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށްވަނީ 48 ރަށެއްގައި 7.5 މެގަވޮޓުގެ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ނިމިފައިވާކަމަށް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ވިދާޅުވިއެވެ. މިއާއެކު މުޅި ރާއްޖޭގައި ޖުމްލަ އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ މިންވަރު 21.5 މެގަވޮޓަށް އިތުރުވެފައިވާކަމަށްވެސ މިނިސްޓަރ ވިދާޅުވިވެއެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ ގއ. ވިލިގިލި، ބ.ގޮއިދޫ، ތ.ބުރުނި، ޅ.ކުރެންދޫ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައާއި ހއ.އަތޮޅުގެ 14 ރަށް، ށ.އަތޮޅުގެ 13 ރަށް އަދި ނ.އަތޮޅުގެ 13 ރަށުގައި ހައިބްރިޑް ނިޒާމުތައް ގާއިމުކޮށްފައިވާކަމަށެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ ނިޔަލަށް ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި ސ އަތޮޅުގައި އިތުރު 25 މެގަވޮޓުގެ ނިޒާމުތައް ގާއިމުކުރެވޭނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި 2023 ވަނަ އަހަރުގެ ނިޔަލަށް، 2018 ވަނަ އަހަރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ އިންސައްތައަށްވުރެ، 20 އިންސައްތަ އުތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މި މަޝްރޫއުގެ ސަބަބުން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ވިދާޅުވެފައެވެ.