ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އދ އޮތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި އެއަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފިއެވެ.

ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލާ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ ދާއިރާގައި ހިމެނޭ މާމިިގިއްޔާއި ފެންފުށީގެ އިތުރުން އަތޮޅުގެ ހުރިހާ ރަށްތަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ގާސިމްގެ މިދަތުރުފުޅުގައި އެ ރަށްތަކަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މަސައްކަތް ކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ގެންދަވަނީ ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ޕާޓީ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާ ކުރައްވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވީނިއުސް އަށް ވިދާޅުވީ ޕާޓީގެ ލީޑަރު މިވަގުތު އދ އަތޮޅަށްވަޑައިގެންނެވި ނަމަވެސް ރާއްޖޭގެ އެހެން ރަށްތަކަށްވެސް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ. އަދި މިހާރުވެސް ޖޭޕީގެ އިސްބޭފުޅުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ޕާޓީގެ ލީޑަރާއި ޕާޓީގެ އިސްބޭފުޅުން ކުރައްވާ ދަތުރުތަކުގެ ބޭނުމަކީ ޕާޓީއަށް މެމްބަރުން އިތުރުކޮށް ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް މެމްބަރުންނާއި އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ މި ހަރަކާތް ވަރަށް ކާމިޔަބު ކަމަށާ ކޮންމެ ދުވަހަކުވެސް ރާއްޖޭގެ އެކި ރަށްރަށުން މެމްބަރުން ޖޭޕީއާއި ގުޅެމުންދާ ކަމަށެވެ.

ޖުމްހޫރީޕާޓީއާއި ޕާޓީގެ ލީޑަރުގެ މަސައްކަތްތަކަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް މިވަގުތައް ކޮންމެހެންވެސް ބޭނުން މަސައްކަތްތަކެއްކަން ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ކަމަށް އާރިފް ވިދާޅުވިއެވެ.

ޖުމްހޫރީޕާޓިއަށް މެމްބަރުން އިތުރުކުރުމަށް އެޕާޓީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕާޓީއަށް އިތުރު މެމްބަރުން ސޮއިކުރުމަށް ކޮންމެ ހަފްތާއަކުވެސް އަންނަނީ ޖަލްސާއެއް ބާއްވަމުންނެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީއިން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާކަންވެސް އެޕާޓިން ވަނީ ހާމަކޮށްފައެވެ. އެއާއެކު ޕާޓީގެ މަސައްކަތްތައް ގެންދަނީ ވަރުގަދަ ކުރަމުންނެވެ.