ޓެކުހަކީ ދިވެހި ރައްޔިތުންނަށް އައު އެއްޗެއް ނޫނެނެވެ. ގާނޫނެއްގެ ދަށުން ޓެކްސް ނަގަމުންދާތާ މިހާރުވެސް ވަނީ ގިނަ އަހަރުތަކެއް ވެފައެވެ. އެގޮތުން ވިޔަފާރި އާމްދަނީއަކީ މިހާރުވެސް ޓެކްސް ކުރެވޭ އާމްދަނީއެކެވެ. ޓެކްސް ދައްކާ ފަރާތަކީ އަމިއްލަ ފަރާތެއް ކަމުގައިވިޔަސް ނޫނީ ކުންފުންޏެއް ކަމުގައި ވިޔަސް އަހަރެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީ ފަސް ލައްކައަށްވުރެ އިތުރުވާނަމަ އޭގެ 15 އިންސައްތަ ޓެކްސް ދައްކަން ޖެހެއެވެ.

އެހެންނަމަވެސް ޓެކްސް ނެގުމުގެ ގާނޫނަށް ބަދަލުތަކެއް ގެނެސް މިހާރު މިވަނީ އާމްދާނީންވެސް ޓެކްސް ނަގަން ފެށުމަށް ނިންމާފައެވެ. އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފަށާއިރު އިންކަމް ޓެކްސްދައްކަން ޖެހޭ ގޮތާއި އެއީ ކޯއްޗެއް ކަމާއި މެދު އަހުލުވެރިވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން ޓެކްސް ނެގުމަށް އައި މައިގަނޑު ބަދަލުތަކަށް ބަލާއިރު ޓެކްސް ކުރެވިގެން ދާނެ މުހިންމު އެއްބަޔަކީ މުވައްޒަފުންނަށް ލިބޭ އުޖޫރައެވެ. މި ވިތުހޯލްޑިންގް ޓެކްސް ނަގަން ހަމަޖެހިފައިވަނީ މަހެއްގެ މައްޗަށް ލިބޭ އުޖޫރަ ވަކި ވަރަކަށް ވުރެ އިތުރުވެއްޖެ ނަމަ އެއިން އަދަދެއް އުނިކުރުމަށްފަހު މީރާއަށް ދައްކާގޮތަށެވެ. މީގެ އިތުރަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ރައްޔިތުންގެ އަތުން ނެގޭ ނޮން ރެސިޑެންޓް ވިތުހޯލްޑިންގ ޓެކުހުގެ ތެރޭގައި ޑިވިޑަންޑް އަދި އިންޓަރަސްޓުގެ ބައިވެސް ގާނޫނުގައި ވަނީ ހިމަނާފައެވެ.

އައު ގާނޫނުގެ ދަށުން އާމްދަނީން ނަގާ ޓެކްސް ދައްކަން ޖެހޭނީ އާމްދަނީ 60،000 އަށްވުރެ މަތިވެއްޖެ ނަމައެވެ. ޓެކްސް ނެގުމާ ގުޅޭގޮތުން މީރާގެ ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އާމިނަތު ޒުމްރާ ވިދާޅުވީ 60،000 އަށްވުރެ މަތީ އާމްދަނީތައްވެސް ވަނީ ވަކި ބްރެކެޓްތަކަކަށް ބަހާލެވި ރޭޓްތަކެއް ދެވިފައި ކަމަށެވެ. އެގޮތުން މި އާމްދަނީތައް ވަނީ 4 ބްރެކެޓަކަށް ބަހާލެވިފައި ކަމަށާއި މި ޓެކްސް ނަގަން ފަށާނީ 1 އޭޕްރީލް 2020 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ރާއްޖޭގެ ކުންފުނިތަކުން ޓެކްސް ދައްކަން ޖެހެނީ، ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި އެފަރާތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީ 5 ލައްކަ އަށްވުރެ އިތުރުވާނަމަ އިތުރުވާ އެއްޗެއްގެ 15 އިންސައްތަ ކަމަށްވެސް ޒުމްރާ ވިދާޅުވިއެވެ. އަދި ބޭންކްތަކުން ދައްކަން ޖެހެނީ 25 އިންސައްތަ ކަމަށާއި އަމިއްލަ ފަރުދުންގެ އަތުން ނަގާ ޓެކްސް ނަގަނީ އަހަރެއްގެ މައްޗަށް ޓެކްސް ބިނާކުރެވޭ އާމްދަނީ 7 ލައްކަ 20 ހާސް ރުފިޔާއަށް ވުރެ އިތުރުވެއްޖެ ނަމަ ކަމަށާއި މި އާމްދަނީންވެސް ޓެކްސް ނެގޭނީ 4 ބަޔަކަށް ރޭޓްތައް ބަހާލައިގެން ކަމަށް ޒުމްރާ ވަނީ ވިދާޅުވެފައެވެ.

ޒުމްރާ ވިދާޅުވީ އައު ގާނޫނުގެ ދަށުން ނޮން ރެސިޑެންޓް ވިތުހޯލްޑިން ޓެކްސް ދައްކަން ޖެހޭ ޕޭމަންޓްތަކުގެ ތެރޭގައި ހިމެނެނީ ރޯޔަލްޓީ ޕޭމަންޓްސް، އިންޓަރެސްޓް، ޑިވިޑަންޑް، ޓެކްނިކަލް ސާވިސަސް ފީ މިފަދަ ހާއްސަ ޕޭމަންޓްތައް ކަމަށެވެ. މި ޕޭމަންޓުތަކުން ވިތުހޯލްޑިންގ ޓެކްސް ނެގުމުގެ އާންމު ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10 އިންސައްތަ ކަމަށްވެސް ވިދާޅުވިއެވެ.

މުވައްޒަފުންގެ އުޖޫރައިން ނެގޭ ޓެކުހަކީ މަހުން މަހަށް ނެގުމަށް ހަމަޖެހިފައިވާ ޓެކުހެކެވެ. ކަނޑައަޅާފައިވާ އަދަދަށްވުރެ އުޖޫރަ އިތުރުވާނަމަ ޓެކުހަށް ދައްކަން ޖެހޭ ބައި ކެނޑުމަށްފަހު އެ އަދަދު މީރާއަށް ދެއްކުމަކީ އުޖޫރަ ދޭފަރާތުގެ ޒިންމާއެކެވެ. ނޮން ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސްއަކީ ވަކި ޕޭމަންޓުތަކަކުން ދައްކާ އެއްޗެއް ކަމުން އެ ޓެކްސް ދައްކަން ޖެހެނީ އެފަދަ ޕޭމަންޓެއް އައިސްފައިވާ މަސްތަކުގައި އެކަންޏެވެ.

މީގެ އިތުރަށް ބޭންކް، ކުންފުނި އަދި އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް ދައްކަން ޖެހެނީ ދެ އިންޓަރިމް ޕޭމަންޓް އަދި އެއް ފައިނަލް ޕޭމަންޓުގެ ގޮތުގައި ކަމަށް ޒުމްރާ ވިދާޅުވިއެވެ. އެއީ އެ އަހަރެއްގެ 31 ޖުލައިގެ ކުރިން ފުރަތަމަ ޕޭމަންޓު، ދެވަނަ އިންޓަރިމް ޕޭމަންޓު ދައްކަން ޖެހެނީ ވިދިގެން އަންނަ އަހަރުގެ 31 ޖެނުއަރީގެ ކުރިން، އަދި އެ އަހަރެއްގެ ފައިނަލް ޕޭމަންޓު ދައްކަން ޖެހެނީ ވިދިގެން އަންނަ އަހަރުގެ 30 ޖޫންގެ ކުރިންނެވެ.

ޓެކްސް ދައްކާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު ކުރިން ނެގިގެންދިޔައީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އެވެ. އެއީވެސް ގާނޫނުގެ ދަށުން ނެގެމުން އައި ޓެކުހެކެވެ. ޓެކްސް ނެގުމުގެ ގާނޫނަށް މިއައި ބަދަލުތަކާއި އެކު ބީޕީޓީ މިވަނީ އިންކަމް ޓެކުހުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައެވެ. އަދި ބޭންކް ޕްރޮފިޓް ޓެކްސްވެސް ހިމެނެނީ އިންކަމް ޓެކުހުގެ ތެރޭގައެވެ.

އެހެންނަމަވެސް މި ގާނޫނާއި އެކު ރެމިޓެންސް ޓެކްސްއާއި ލޭންޑް ސޭލްސް ޓެކްސް އެއްކޮށް އުވިގެންދާނެ ކަމަށް މީރާއިން ވަނީ މައުލޫމާތު ދީފައެވެ. މި ގާނޫނުތައް އުވިގެން ގޮސް އެ ޓެކްސްތައް ނަގަން ނުޖެހޭނީ 1 ޖެނުއަރީ 2020 ފެށިގެންނެވެ. އެހެންނަމަވެސް މިއަހަރުގެ 31 ޑިސެމްބަރާ ހަމައަށް ރެމިޓެންސް ޓެކްސްއަށްވީ އަދަދު ނެގުމަށް ފަހު އެ ފައިސާ އަންނަ އަހަރުގެ ޖެނުއަރީ 15 ގެ ކުރިން މީރާއަށް ދައްކަން ޖެހޭނެ ކަމަށްވެސް މީރާއިން ވަނީ މައުލޫމާތު ދީފައެވެ.

އިންކަމް ޓެކްސް ނެގުމުގެ ގާނޫނު ރައިސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިވާއިރު ޓެކްސް ނަގަން ފެށުމަށް މިހާރު އޮތީ ކުޑަ ދުވަސްކޮޅެކެވެ. ޓެކްސް ނަގަން ފެށުމުގެ ގޮތުން ހާއްސަ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ. އެގޮތުން އެކަމަށް ހާއްސަ ކޮމިޓީއެއް އުފައްދާފައިވާ ކަމަށް މީރާއިން ބުނެއެވެ. މީގެ އިތުރަށް މިކަމަށް އާންމުން ހޭލުންތެރިކުރުމަށް ސޯޝަލް މީޑިއާ ޕޯސްޓްތަކާއި ބްރޯޝާތައް ހަދައި މި ނޫންވެސް ހަރަކާތްތައް ކުރިއަށްގެންދިޔުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.