އިސްލާމްދީނަށާއި ކީރިތި ރަސޫލާ (ސޢވ) އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ޚިލާފު އެތައް ވާހަކަތަކެއް ވަނީ ލިޔެ ޝާއިއުކޮށްފައެވެ. އެމްޑީއެންއިން ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސްގެ ނަމުގައި އިނގިރޭސިބަހުން ލިޔެފައިވާ ރިޕޯޓު ޝާއިއުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެރިޕޯޓު އާންމުންގެ ތެރެއަށް ފެންމަތިވީ މިއަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.

އެމްޑީއެންގެ އަޑު ގަދަވެގެން ދިޔައީ މިރިޕޯޓު ފެންމަތިވި ހިސާބުންނެވެ. ދީނީ އިލްމުވެރިންނާއި، ސިޔާސީ އިސް ބޭފުޅުންނާ އަދި އާންމު ރައްޔިތުން ގޮވަމުން ދިޔައީ ރިޕޯޓު ލިޔުނު މީހުންނަށް ފިޔަވަޅު އަޅައި އެޖަމިއްޔާ އުވާލުމަށެވެ. އެމްޑީއެންއާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާތައް ކުރަމުންދިޔައިރު، އެ ޖަމިއްޔާ އުވާލައި ފިޔަވަޅު އެޅުމަށް 110 އަށްވުރެ ގިނަ ކައުންސިލުން ވަނީ ގޮވާލާފައެވެ.

އެމްޑީއެންގެ ރިޕޯޓުގައި، ކީރިތި ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައި ވެއެވެ. އަދި މާތް ނަބިއްޔާ (ސޢވ) އިސްރާ އާއި މިއުރާޖަށް ކުރެއްވި ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލުކުރެވޭ ވާހަކަތަކެއް ނޫންކަމަށް އެ ރިޕޯޓުގައި ވަނީ ލިޔެފައެވެ. އަދި އިސްލާމްދީނުގެ އަސާސްތަކާއި އަގީދާއާމެދު ސުވާލު އުފައްދައި ހަޖޫޖަހާފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓާމެދު އާންމުން ނުރުހުން ފާޅުކޮށް، ޖަމްއިއްޔާ އުވާލުމަށް ގޮވާލަން ފެށުމުން އެމްޑީއެން އިން ވަނީ އެ ރިޕޯޓުގައި އެފަދަ ވާހަކަތަކެއް ހިމެނުނީތީ މައާފަށް އެދިފައެވެ. އަދި ފަހުން ވަނީ އެމްޑީއެންގެ ވެބްސައިޓުން އެ ރިޕޯޓު ނަގާފައެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލައިގެ ބޮޑު ތަހުގީގެއް ފުލުހުން ހިންގާފައިވާއިރު ފުލުހުންނާއި ދީނީ އިލްމުވެރިންތަކެއް ގުޅިގެން ވަނީ އެ ރިޕޯޓު ދިރާސާކޮށްފައެވެ. އެއަށްފަހު ފުލުހުން ބުނެފައިވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑުކިޔާފައިވާކަން ފާހަގަވެފައިވާ ކަމަށާއި ދީނަށާއި ރަސޫލާއަށް ވެސް އެ ރިޕޯޓުގައި ފުރައްސާރަކޮށްފައިވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ހޫނުވެފައި ވަނިކޮށް އެޖަމްއިއްޔާ ސަސްޕެންޑް ކުރީ އޮކްޓޫބަރު 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެމަހަށްވުރެ ގިނަދުވަސް ވެފައި ވަނިކޮށް، ޔޫތު މިނިސްޓްރީން މިވަނީ މިއަދު އެންޑީއެން އުވާލާފައެވެ. އެޖަމިއްޔާގެ މުދަލާއި ދަރަންޏާ އަދި ޖަމިއްޔާއާއި ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށް ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު 45 ދުވަހުގެ މުއްދަތެއް ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޔޫތު މިނިސްޓްރީން ވަނީ ދީފައެވެ.

ޖަމިއްޔާތަކާއި ބެހޭ ގަވާއިދުގެ 45 ވަނަ މާއްދަގައި ބަޔާންކޮށްފައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި ދަރަންޏާ އަދި ޖަމިއްޔާއާއި ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށް ދިން 45 ދުވަހުގެ މުއްދަތު ހަމަވިއިރުވެސް އެޖަމިއްޔާއިން ޖަވާބުދާރީވެފައިނުވާތީ އެޖަމިއްޔާ މިހާރު ވަނީ ރަސްމީކޮށް އުވާލާފައި ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އެމްޑީއެން އުވާލުމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ޔޫތު މިނިސްޓްރީއަށް ޝުކުރު އަދާކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ އެމްޑީއެން އުވާލި ކަމަށްޓަކާ ޔޫތު މިނިސްޓްރީއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެއީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ލޯބި ކުރާ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އެމްޑީއެން މިއަދުން ފެށިގެން އުވާލުމަށް ޔޫތު މިނިސްޓްރީން ނިންމާފައިވާއިރު ޖަމްއިއްޔާތައް އުވާލުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ޖަމިއްޔާތައް އުވާލުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ޖަމިއްޔާއަކުން ނެރޭ ރިޕޯޓަކާ ގުޅިގެން ޖަމިއްޔާއެއް އުވާލުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖަމިއްޔާއަކުން ލިޔާ ރިޕޯޓަކުން ފިޔަވަޅު އަޅަން ޖެހޭނީ އެ ރިޕޯޓެއް ލިޔުނު ފަރާތަށް ކަމަށެވެ.

އެމްޑީއެން އުވާލުމަށް ނިންމި ނަމަވެސް، މައްސަލަ ބޮޑުވި ރިޕޯޓު ނެރުމުގައި ޝާމިލްވި އެއްވެސް މީހަކާމެދު މިއަދާ ހަމައަށް ވެސް ފިޔަވަޅެއް ނޭޅެއެވެ. އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލަ ބެލުމަށް ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެ ޖަމިއްޔާގެ މެންބަރު ޝަހިންދާ އިސްމާއީލަށާއި، އަދި ރިޕޯޓް ތައްޔާރު ކުރުމުގައި ބައިވެރިވި އަޒްރާ ނަސީމަށް ފުލުހުންގެ އިދާރާއިން ވަނީ ޗިޓް ފޮނުވާފައެެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ރާއްޖޭގައި ރައްކާތެރި މާހައުލެއް ލިބޭނެކަމުގެ ޔަގީންކަމެއްނެތް ކަމަށް ބުނެ ރާއްޖެއައުމަށް އުޒުރުވެރިވާ ކަމަށް އަޒުރާ ނަސީމް ފުލުހުންގެ އިދާރާއަށް ވަނީ އަންގާފައެވެ.

އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި އެމްޑީއެން އުވާލާފައިވާއިރު މިއީ މިފަދަ މައްސަލައެއްގައި ފަހުގެ ތާރީޚެއްގައި ޖަމްއިއްޔާއެއް އުވާލި ފުރަތަމަ ފަހަރެވެ. ޖަމްއިއްޔާ އުވާލި ނަމަވެސް ރިޕޯޓު ނެރުނު މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ އަދިވެސް ރައްޔިތުންގެ ކަންބޮޑުވުމެކެވެ.