ޢިއްޒުއްދީން ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ބައްލަވާލައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލެއްވިއެވެ.

500 ދަރިވަރުންނަށް ޖާގަދިނުމަށް ހަމަޖެހިފައިވާ އިއްޒުއްދީން ސްކޫލު ހުޅުވޭއިރު ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 6 އާއި ހަމައަށެވެ.

އެ ސްކޫލުން ޖާގަ ބޭނުންވާ ދަރިވަރުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާއިރު ދަރިވަރުންގެ ރަޖިސްޓްރޭޝަން ފޯމު އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މާލޭ އިންގްލިޝް ސްކޫލް ކުރިން ހިންގި އިމާރާތުގައި ހަދާފައިވާ އިއްޒުއްދީން ސްކޫލު އަންނަ އަހަރު ހުޅުވާއިރު ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެއްދަންފަޅިއަށެވެ.