• ރަށްރަށުން ވޯޓުލާ މީޙުން ފަސް ކަރުދާސްކޮޅު ފުރަންޖެހޭނެ
  • އެއް ފޮއްޓަށް ގިނަވެގެން ވޯޓު ލާނީ 750 މީހުން
  • އޮފިޝަލުންގެ އަދަދާއި، ވޯޓު ކަރުދާހުގެ އަދަދުވެސް މިފަހަރު ގިނަވާނެ
  • މިހާރު ދީފަައި އޮތް ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވޭ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު ކުރިއަށް ދެން މިއޮތީ ލޯކަލް ކައުންސިލް އިންތިޚާބެވެ. އަނެއް ދެ އިންތިޚާބަށްވުރެ ލޯކަލް ކައުންސިލް އިންތިޚާބު އާންމުގޮތެއްގައި ފޯރި ކުޑަވިޔަސް މިފަހަރުގެ އިންތިޚާބަކީ އެހެން ފަހަރުތަކުގެ ލޯކަލް ކައުންސިލް އިންތިޚާބުތަކަށްވުރެ ތަފާތު އަދި އާންމު ރައްޔިތުންގެ ބައިވެރިވުން ބޮޑު އިންތިޚާބަކަށް ވެގެންދާނެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން މިފަހަރުގެ އިންތިޚާބު އެހެން އިންތިޚާބުތަކަށްވުރެ ތަފާތުވެގެންދެއެވެ. އެގޮތުން އާބާދީގައި 3000 މީހުންނަށްވުރެ މަދުނަމަ 5 ކައުންސިލަރުން އަދި 3000 މީހުންނަށްވުރެ ގިނަނަމަ 7 ކައުންސިލަރުން އިންތިޚާބުކުރުމަށް ވަނީ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އަދި ސިޓީތަކަށް އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދަށްވެސް މިފަހަރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަންހެނުންނަށް 33 އިންސައްތަ ގޮނޑި ޚާއްސަކުރުމާއި، ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސާއި، ރަށު ކައުންސިލްގެ ރައީސުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބު ކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އެކުލަވާލުމަށް ބާއްވާ އިންތިޚާބުވެސް ލޯކަލް ކައުންސިލް އިންތިޚާބާއިއެކު ބޭއްވުމަކީވެސް މިފަހަރު އަންނާނެ އެއް ބަދަލެވެ.

މީގެ ކުރީގެ އިންތިޚާބެއްގެ ތެރެއިން

މިހުރިހާ ބަދަލުތަކާއެކު އިލެކްޝަންސް ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައްވެސް މިފަހަރު އިތުރުވެގެންދާނެއެވެ. އެގޮތުން މިއަންނަމުންދާ ހުރިހާ ބަދަލުތަަކާއެކު، މިފަހަރުގެ އިންތިޚާބަށް ކުރިއަށްވުރެ އެތައް ގުނައެއް އިތުރަށް ވޯޓު ކަރުދާސް ޗާޕު ކުރަންޖެހި، އިތުރު މޮނިޓަރުންނާއި އޮފިޝަލުން ހޯދުމާއި، ވޯޓު ގުނުމުގައި ގެންގުޅޭނެ އައު އުސޫލެއް ކަނޑައެޅުމާއި މިފަދަ އެތައް ކަމެއް ކުރަންޖެހޭކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މީގެ ކުރިން ބޭއްވި އިންތިޚާބުގައި ޗާޕުކުރީ ހަތަރުލައްކަ ވޯޓު ކަރުދާސް ކަމަށެވެ. އެހެންނަމަވެސް، މިފަހަރު ގާތްގަނޑަކަށް އެއް މިލިއަން ހަތަރުލައްކަ ވޯޓު ކަރުދާސް ޗާޕު ކުރަންޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާ ބޮޑުތަނުން ވޯޓު ކަރުދާހުގެ އަދަދު އިތުރުވެގެން ދާން ޖެހޭ ސަބަބަކީ، ރަށްރަށުން ވޯޓުލާ މީހުން ފަސް ވޯޓު ކަރުދާހެއް ފުރަންޖެހޭތީ ކަމަށް ޝަރީފް ވިދާޅުވިިއެވެ. ޝަރީފް ވަނީ އެކަމުގެ ތަފްސީލްވެސް ހިއްސާ ކުރައްވާފައެވެ.

ރަށެއްގެ ވޯޓުލާ މަރުކަޒަށް ވޯޓު ލާނެ އެރަށް ހިމެނޭ އަތޮޅު ކައުންސިލުގެ ރައީސް އިންތިޚާބު ކުރުމަށް، ރަށު ކައުންސިލްގެ ރައީސް ހޮވުމަށް ވަކި ކަރުދާސްކޮޅެއް، އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް މީހުން އިންތިޚާބުކުރުމަށް ވަކި ކަރުދާސްކޮޅެއް، އަދި ބާކީ އެހެން މެމްބަރުން ހޮވުމަށް ވަކި ކަރުދާހެއް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މީހުން ހޮވުމަށް ވަކި ކަރުދާހެއް އޮންނާނެ. "
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

މިހުރިހާ ކަމަކަށް ވަކިވަކި ވޯޓު ކަރުދާސްތައް ތައްޔާރުކުރުމުގެ ބަދަލުގައި އެއް ވޯޓުކަރުދާހުގައި މިކަން ކޮށްފިކަމުގައި ވާނަމަ، ބާތިލު ވޯޓު ގިނަވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ އިންތިޒާމް ކުރިއަށްވުރެވެސް ފަސޭހަވެގެންދާނެ ކަމަަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކިޔޫގައި ގިނައިރު ޖެހެން ނުޖެހޭނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެއް ވޯޓު ފޮއްޓަކަށް އެންމެ ގިނައިން ވޯޓުލާންޖެހޭނެ އަދަދަކީ 750 މީހުން ކަމަށް ކަނޑައަޅާފައިވާނެ ކަމަށާއި، އެންމެ ގިނަވެގެންވެސް ކިޔޫގައި ތިބެންޖެހޭނީ ދިހަވަރަކަށް މިނެޓުކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މިފަހަރު މާލޭގައި އިތުރު ތަންތަނުގައި ވޯޓުލުން ކުރިއަށްދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ގަލޮޅު ދަނޑާއި ހެންވޭރު ދަނޑު އަދި އެކުވެނި ސަރަހައްދުގައި ވޯޓުލުން ކުރިއަށް ގެންދިޔުމަށް އެދި ޔޫތު މިނިސްޓްރީގައި ހުއްދައަށް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.

ވޯޓު ގުނާ ގޮތަށްވެސް ކޮންމެވެސް ބަދަލުތަކެއް ގެންނަން ޖެހޭކަން ޝަރީފް ފާހަގަކުރެއްވިއެވެ. އޭނަ ވިދާޅުވީ މިހާރު ގެންގުޅޭ އުސޫލުތަކާއެކު، ވަގުތީ ނަތީޖާ ނެރުމަށްވެސް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށެވެ. އެހެންކަމުން ވޯޓު ގުނުމުގައި ދެ ސެޓަޕް ގެންގުޅޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޮފިޝަލުންގެ އަދަދުވެސް މިފަހަރު ގިނަވެގެންދާނެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އޮފިޝަލުންވެސް ދެބަޔަކަށް ބަހާލައި، ވޯޓު ލާއިރު ހަރަކާތްތެރިވާ އޮފިޝަލުންނާއި ވޯޓު ގުނާއިރު ހަރަކާތްތެރިވާ އޮފިޝަލުން ވަކިކުރާނެ ކަމަށެވެ. އަދި ވެރިފައި ކުރުމަށްފަހު، ނުވަތަ ސައްހަ ވަގުތީ ނަތީޖާއަކާ ހަމައަށް ދިޔުމަށް ބޭނުންވާނީ ގިނަވެގެންވެސް ދެދުވަސް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރީގެ އިންތިޚާބެއްގެ ތެރެއިން

މިހުރިހާ ކަމަކަށް ބަލައި، މިފަހަރުގެ އިންތިޚާބަށް ބޭނުންވާ ބަޖެޓުވެސް ބޮޑުވާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ. އިންތިޚާބު ބޭއްވުމަށް، މިހާރު އޮތް ބަޖެޓަކީ 50 މިލިއަން ރުފިޔާ ކަމަށާއި އެހެންނަމަވެސް އިތުރު 30 ނުވަތަ 40 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިމަޝްވަރާތައް ވަރަށް އަވަހަށް ފިނޭންސް މިނިސްޓްރީއާއެކު ކުރިއަށް ގެންދާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މިބަދަލުތަކާއެކުވެސް، މިފަހަރުގެ އިންތިޚާބުވެސް ދެފުށްފެންނަ އިންސާފުވެރި އިންތިޚާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ޝަރީފް ވަނީ ދެއްވާފައެވެ. އެހެންނަމަވެސް، ބަލިވާ ފަރާތަކުން އަބަދުވެސް އިންސާފުވެރި ނޫންކަމުގެ ތުހުމަތުކުރާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ރިޔާސީ އިންތިޚާބަށްވުރެ މަޖިލިސް އިންތިޚާބު ދެފުށްފެންނަ ކަމަށް ރިޕޯޓުތަކުންވެސް ދައްކާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބާ މެދު އާންމުންގެ ފާޑުކިޔުން މަދުކުރުމަށްޓަކައި، އިންތިޚާބު ރޭވުމުގައި، އިންތިޚާބުގެ މަސްލަހަތު ހިމެނޭ ފަރާތްތަކުން ވީހާވެސް ބޮޑަށް ބައިވެރިކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު، މި އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، ކެންޑިޑޭޓުން އަންނަނީ މިހާރުވެސް ދާއިރާތަކަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށްވާންޖެހޭ ތައްޔާރީތަކުގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ބުނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ނުބޭއްވޭވަރުގެ ބޮޑު އިންތިޚާބަކަށް ވެގެންދާތީ އިލެކްޝަންސް ކޮމިޝަނަށް ވެސް އައު އެތައް ތަޖުރިބާއެއް ކުރަންޖެހޭނެ އިންތިޚާބަކަށް ވާނެއެވެ.