މެސުޓު އޮޒިލްއަކީ އާސެނަލަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށް އެޓީމާ އަލަށް ގުޅުނު ކޯޗު ސްޕެއިންގެ މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލްގެ ކޯޗަކަށް އާޓެޓާ ހަމަޖައްސާފައވަނީ ތިން އަހަރާ ބައިގެ މުއްދަތަކަށެވެ. އެކަމަކު އާޓެޓާ ޓީމާ އަމަލީ ގޮތުން ހަވާލުވާނީ މާދަމާ އެވެ. އެހެންކަމުން އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި އިރުޝާދުދޭނީ ވަގުތީ ކޯޗު ފްރެޑީ ލިއުންބާގެވެ.

އުނާއި އެމެރީގެ ކޯޗުކަމުގައި އޮޒިލްގެ ކުޅުން ވަރަށް ބޮޑަށް ދަށްވިއިރު، އޮޒިލް ގިނަ މެޗުތަކުގައި ފެނިގެންދިޔައީ ބެންޗުންނެވެ. އުމުރުން މިހާރު 31 އަހަރުގެ އޮޒިލް އާއެކު އާޓެޓާ މީގެ ކުރިން ވަނީ އާސެނަލްގައި ކުޅެފައެވެ.

އާޓެޓާ ބުނީ އޮޒިލްއަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާއަކީ އަދިވެސް އާސެނަލަށް އެހާމެ މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާގެ މަސައްކަތަކަށް ވާނީ އޮޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް އަލުން ފެނިގެންދާ ވަރަށް އޭނާ ތައްޔާރުކުރުން ކަމަށްވެސް ބުންޏެވެ.

ބާސެލޯނާ އާއި ޕީއެސްޖީ އާއި އެވަޓަން އަށް ކުޅުމަށް ފަހު 2011 ވަނަ އަހަރު އާސެނަލަށް ބަދަލުވެ، އެ ޓީމުގެ ކެޕްޓަން ވެސް ކުރި އާޓެޓާ 2016 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު މަސައްކަތްކޮށްފައިވަނީ ތަޖުރިބާކާރު ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައި މެންޗެސްޓާ ސިޓީގައެވެ.

އާޓެޓާ އަލުން އާސެނަލާ ގުޅުނުއިރު، އެޓީމު މިހާރު އޮތީ ތާވަލުގެ 10 ވަނައިގައެވެ. އާޓެޓާ ބުނީ އާސެނަލް ލީގު ތައްޓަށް ވާދަކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކާމިޔާބުކުރަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަމަކު އެކަން ކާމިޔާބުވާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށްވެސް ބުންޏެވެ.