މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ހައްލުނުވެ އޮތް ގައުމީ ބޮޑު މައްސަލައެކެވެ. ކޮންމެ ސަރުކާރަކުން ވެސް މިކަމާ ދެކޮޅަށް ސިޔާސަތުތަކެއް ކަނޑައަޅައި މަސައްކަތްތަކެއް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް ހައްލެއް ނެތެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުންދާއިރު ދޭތެރެދޭތެރެއިން ބޮޑެތި އޮޕަރޭޝަންތައް ވެސް ހިންގައެވެ. މިގޮތުން ވެރިރަށް މާލެއާއި އަތޮޅުތަކުގެ އިތުރަށް ކަނޑުމަތީގައި ވެސް މިފަދަ އޮޕަރޭޝަންތައް ހިންގައެވެ. ވެރިރަށް މާލޭގައި ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ފުލުހުން ގެންދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މިފަހަރު ފުލުހުން ހިންގާ މި އޮޕަރޭޝަނަކީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް ގޭގޭގައި މަސްތުވާތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކޮށް، އެ ގެތަކުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ އިންތިޒާމުތައް ކެފޭތަކުން ޚިދުމަތްދޭ އުސޫލުން ހަމަޖައްސާފައިވާތީ އެގެތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ ދަށުން އެކި ދުވަސްމަތިން މިހާތަަނަށް ފަސް ގެއެއް ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ.

ފުލުހުންގެ މި ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެރޭ މ. ލޮނުމިދިލިގެއަށް ފުލުހުން ވަނީ މީޑިއާ ވެސް ގޮވައިގެނެވެ. އެރޭ އެގެއިން ވަނީ 18 އަހަރުން ދަށުގެ ހަތަރު ފިރިހެން ކުދިންނާއި، 18 އަހަރުން މަތީގެ ދެ ފިރިހެނުންނާއި، އެއް އަންހެނަކު ހައްޔަރުކޮށްފައެވެ. މިހަތް މީހުންނަކީ ދިވެހިންނެވެ. މީގެ އިތުރަށް ބިދޭސީ ފިރިހެނަކު ވެސް ހައްޔަރުކުރިއެވެ.

ލޮނުމިދިލިގެއިން ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު އަތުލައިގެންފައެވެ. އަދި ބޭރުފައިސާވެސް ހިމެނޭގޮތުން ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދިއެވެ. އޭގެ ތެރޭގައި 38،715 ދިވެހި ރުފިޔާއާއި 142 ޑޮލަރު ހިމެނެއެވެ.

ފުލުހުން ބުނީ ލޮނުމިދިލިގެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ހަތަރު ކުދިންގެ ތެރެއިން ދެކުއްޖަކު ކޯޓުން ކަނޑައެޅި ޝަރުތުތަކަކާއެކު ގޭބަންދަށް ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތުން އެއްކުއްޖަކު 5 ދުވަހަށް އަނެއް ކުއްޖާ 10 ދުވަހަށް ގޭބަންދަށް ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެގެއިން ހައްޔަރުކުރި ދެމަފިރިންގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ އެމީހުން ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލާފައިވާ ކަމަށެވެ. ބާކީތިބި 4 މީހުން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން 10 ދުވަސް ކަނޑައަޅާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ފުލުހުން ނޫސްވެރިންނަށް ލޮނުމިދިލިގެ ދައްކާލާފައިވާއިރު، ލޮނުމިދިލިގެ ހުންނަ ހަނި ގޯޅީގެ އެންމެ އެތެރެއަށް ހުންނަ އެގޭގެ ބައި ހަދާފައި ހުރީ ސެކިއުރިޓީ ވަރުގަދަކޮށް ކޯޑު ޖަހައިގެން ނޫނީ ނުވަދެވޭ ގޮތަށް ދެބުރިއަށެވެ. މި އިމާރާތުގެ ދެވަނަ ބުރީގައި ދެ ކޮޓަރި ހަދާފައި ހުރިއިރު ދެ ތަނުގައި ވެސް މަސްތުވާތަކެތި ބޭނުންކުރަން ތިބޭނެ އިންތިޒާމުތައް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން މޭޒާއި ގޮނޑި ބަހައްޓާފައި ހުރިއިރު، ތަނުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ފާރުގައި ލިޔެފައި ހުއްޓެވެ.

ގިނަ ދުވަސްވީ ލޮނުމިދިލިގޭގައި މީހުން ދިރިއުޅޭގޮތަށް ހަދާފައިވަނީ އެންމެ ކޮޓަރިއެކެވެ. ހައްޔަރުކުރި ކުދިން ތިބީ އެ ކޮޓަރީގައެވެ. އެ ކޮޓަރި ތެރެއިންވެސް މަސްތުވާތަކެއްޗާ ގުޅުންހުރި ތަކެތި ވަނީ ފެނިފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރި މިހާބޮޑަށް ފުޅާވެފައިވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މާލެއާ ހަމައިން މިކަން ނުނިމޭ ކަމަށާއި އަތޮޅުތަކުގެ ރަށްތަކަށް އަމާޒުކޮށް ވެސް ބޮޑެތި އޮޕަރޭޝަންތައް ހިންގަންޖެހޭ ކަމަށް ބުނެއެވެ. އަދި މި "މުޑުދާރު" ވިޔަފާރީގައި ޝާމިލްވާ މީހުންނަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން މާލޭގެ މޭޔަރު ވެސް ވަނީ މިކަމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރައްވާފައެވެ. މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުންގެ ގޮތުގައި ބަންދުކުރެވުނު ގިނަ މީހުން 2013 ގައި ވެރިކަމަށް އައި ބަޔަކު ވަނީ ދޫކޮށްލާފައި ކަަމަށެވެ. އަދި އެ ހަނދާން ނެތޭވަރު ނުވާ ކަމަށެވެ.

ޝިފާގެ ޓުވީޓާ ގުޅިގެން ބައެއް މީހުން ވަނީ ޝިފާއަށް ވެސް ފާޑުކިޔާފައެވެ. މިޒާތުގެ ކަންކަމުގައި އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި ކަންކަން އެޅުވުމުގެ ބަދަލުގައި މިކަން ހައްލުކުރުމަށް އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ދައުރު ބޮޑުކަން ފާހަގަކޮށް، އެންޑީއޭގެ އަޑުމަޑުވުމުން އެ އެޖެންސީއަށް ވެސް އާންމުންގެ ފާޑުކިޔުންތައް ގިނައެވެ.