ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލްގެ ފްލަމެންގޯ 1-0 އިން ބަލިކޮށް ފީފާ ކްލަބު ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް ޔޫރަޕުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލުން ކާމިޔާބުކޮށްފި އެވެ.

މިއީ ލިވަޕޫލްގެ ތާރީޚުގައި ކްލަބު ވޯލްޑް ކަޕް އެޓީމުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އިންގްލެންޑުގެ ކްލަބެއް ކްލަބު ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ކްލަބު ވޯލްޑް ކަޕް 2008 ވަނަ އަހަރު ކާމިޔާބުކޮށްފައިވަނީ ލިވަޕޫލާ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުންނެވެ.

ގަތަރުގެ ވެރިރަށް ދޯހާގައ ހުންނަ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކީ ފްލަމެންގޯއިންނެވެ. އެގޮތުން މިހާފުގައި އެޓީމުން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާކޮށްފައެވެ.

ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދިޔައިރު، ދެވަނަ ހާފު ލިވަޕޫލުން ފެށީ ވަރުގަދަކޮށެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު ރޮބާޓޯ ފިރްމީނޯއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު ގޯލް ކުރިމަތިން ފިރްމީނޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެކަމަކު އޭގެ ފަހުން ދެ ޓީމުންވެސް ވަނީ މި މެޗުގައި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ ފްލަމެންގޯގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު ފްލަމެންގޯގެ ގޯލްކީޕަރު ޑިއޭގޯ އަލްވޭސް ވަނީ ހުޝިޔާރުކަމާއެކު އެ ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގައި މާނޭއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ލިވަޕޫލަށް ޕެނަލްޓީއެއް ދިން ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެއީ ފައުލެން ނޫން ކަމަށް ނިންމާފައެވެ.

90 މިނެޓުގެ ކުޅުން ހަމަވިއިރު، ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ މެޗުގައި ފެނގެންދިޔަ ހަމައެކަނި ގޯލް ޖަހާފައެވެ. މި ގޯލް ސަޑިއޯ މާނޭ ދިން ޕާހަކުން 99 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯ އެވެ.

މިރޭގެ މެޗުން މޮޅުވެ ފުރަތަމަ ފަހަރަށް ލިވަޕޫލުން ކްލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި 2005 ވަނަ އަހަރުވެސް ލިވަޕޫލުން ވަނީ ކުޅެފައެވެ. އެކަމަކު އެ ފަހަރު ބްރެޒިލްގެ ސައޮ ޕައޮލޯ އަތުން ވަނީ 1-0 އިން ބަލިވެފައެވެ.