ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޑެޕޯޓިވޯ އަލަވޭސް ބަލިކޮށް، އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ ބާސެލޯނާއިން އަހަރު ނިންމާލައިފި އެވެ.

މިއަހަރު އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 28 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 24 މެޗުން މޮޅުވެފައިވާއިރު، އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއީ 2011 އަށްފަހު އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ ބާސާއިން އަހަރު ނިންމާލި ފުރަތަމަ ފަހަރެވެ.

ލީގުގައި ރޭ ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 4-1 އިންނެވެ. މި މޮޅާއެކު ބާސާ ވަނީ ދެވަނައިގައި އޮތް ރެއާލަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެން 39 ޕޮއިންޓު ހަމަކޮށްފަ އެވެ. ރެއާލަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.

ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް ދިން ބޯޅައަކުން އެންޓޮއިން ގްރީޒްމަން އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާޓޫރޯ ވިޑާލް ވަނީ ބާސާ އަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި އަލަވޭސްއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ގޯލް އެޓީމަށް ޖަހައިދިނީ ޕެރޭ ޕޮންސް އެވެ. ބާސާއަށް މެޗުގައި އަލުން ލީޑު ފުޅާކޮށްދިނީ 69 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މެސީގެ މި ގޯލަކީ މިއަހަރުގެ ތެރޭ އޭނާ ޖެހި 50 ވަނަ ގޯލެވެ. މިއަހަރުވެސް 50 ގޯލް މެސީ ހަމަކުރިއިރު، އޭނާ ވަނީ ފާއިތުވެދިޔަ 10 އަހަރުގެ ތެރެއިން 2013 ފިޔަވައި ކޮންމެ އަހަރަކު މަދުވެގެން 50 ގޯލް ޖަހާފައެވެ.

ރޭގެ މެޗުގައި ބާސާގެ ހަތަރުވަނަ ގޯލް މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ.

ރޭގެ މެޗުން މޮޅުވެ އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ ބާސާއިން އަހަރު ނިންމާލިއިރު، ބާސާއަށް ދެން ލީގު މެޗެއް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު އެވެ. ރަށުން ބޭރުގައި އެ ދުވަހު ބާސާ ނުކުންނާނީ އެސްޕާންޔޯލްއާ ދެކޮޅަށެވެ.