އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މުހިންމު މޮޅެއް ހޯދައިފި އެވެ.

ރޭގެ މެޗުން މޮޅުވެ ސިޓީ ވަނީ ލީގު ތައްޓަށް ވާދަކުރަމުން އަންނަ ލެސްޓާއާ އެއް ޕޮއިންޓަށް ގާތް ކޮށްފައެވެ. ރޭގެ ނަތީޖާއަށްފަހު ތާވަލުގެ ދެވަނައިގައި ލެސްޓާ އޮތީ 18 މެޗުން 39 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ސިޓީ އަށް 18 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. އަދި ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 17 މެޗުން ވަނީ 49 ޕޮއިންޓު ލިބިފައެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ ލެސްޓާ އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ލެސްޓާއިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޭމީ ވާޑީ އެވެ. މިއީ މި ސީޒަނުގެ ލީގުގައި ވާޑީ ކާމިޔާބުކުރީ 17 ވަނަ ގޯލެވެ.

އެކަމަކު އޭގެ އަށް މިނެޓު ފަހުން ސިޓީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ލެސްޓާއަށް ކުރިން ކުޅުނު ރިޔާދު މާރޭޒް އެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީ އަކުން އިލްކާއީ ގުންޑޮގާން ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ

ސިޓީއަށް މެޗުގައި ލީޑު ފުޅާކޮށްދިނީ 69 ވަނަ މިނެޓުގައި ކެވިން ޑެބްރައިނާ ތަނަވަސްކޮށްދިން ފުރުސަތަކުން ގަބްރިއެލް ޖީސޫސް އެވެ.

ރޭ ލީގުގައި ކުޅުނު މެޗުން ސިޓީ މުހިންމު މޮޅެއް ހޯދިއިރު، ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި އެވަޓަންއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އަދި މި ސީޒަނުގައި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ޝެފީލްޑް ޔުނައިޓެޑުން ވަނީ ރޭ ރަށުން ބޭރުގައި 1-0 އިން ބްރައިޓަން ބަލިކޮށް ހަތަރުވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓަކާ ގާތަށް ޖެހިލާފައެވެ.