މިދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކުން އިވެމުންދަނީ މައިގަނޑު ދެ ވާހަކައެކެވެ. އެއް ވާހަކައަކީ ހަރުކަށި ފިކުރުގެ މީހުންގެ ވާހަކައެވެ. އެމީހުންގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެދާނެ ބިދުވެރިކަމުގެ ވާހަކައެވެ. މިވާހަކަ ބާއްވާފަ ދެވަނަ ވާހަކަ އަށް ބަލާލަން ހިނގާށެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެބޭނުންކުރާ މީހުން ހޯދުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ ވާހަކަ އެވެ. މިއީ ރައްޖޭގައި ޒަމާނުއްސުރެ އެކި ގޮތްގޮތަށް ފެތުރެމުން އައިސް މިހާރު ރައްޔިތުންނަށް އުޅެންދަތިވާ ވަރަށް މުޅި ގައުމަށް ފެތުރިފައި އޮތް ވަބާއެކެވެ.

މަސްތުވާތަކެތީގެ ވާހަކަ ދައްކާ އިރު އޭގެ ބިރުވެރިކަން ތަހައްމަލް ކުރަމުންދާ މީހަކު ނެތް ގެއެއް ރާއްޖޭގައި މަދޭ ބުނުމަކީ ފަހަރެއްގައި ވެސް ދޮގަކަށް ނުވާނެ އެވެ. ދަރިން މަސްތުވާތަކެތި ބޭނުންކުރާތީ އެކަމުގެ ހިތާމައިގައި މައިންބަފައިން އަވަދި ވަނީއެވެ. އެކަމަކު އެއަށް އެކަށީގެންވާ ހައްލެއް ނުލިބެއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިއްޖެނަމަ އެކަމުން ސަލާމަތްވުމަށް އެކަށީގެންވާ ފަރުވާއެއް ދެވޭނެ ރިހެބިލިޓޭޝަން ސެންޓަރެއް ނެތެވެ.

މިވަބާ ރާއްޖޭގައި ފެތުރިފައި އޮތް މިންވަރަށް ބަލާއިރު އުމުރުން 18 އަހަރު ނުވާ ކުޑަކުދިންނާ މެދުއުމުރުގެ މީހުންނާ ދޮށީ އުމުރުގެ މީހުންގެ ވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް މައުލޫމާތުލިބެއެވެ. މި ތަކެތި ބޭނުންކުރާ މީހުން، އެހންމީހުންގެ މުދަލަށް އަރައި ގަތުމާ ފޭރުމާ މާރާމާރީގެ އެތައް މައްސަލަތަކެއް މިމުޖުތަމައަށް ދަނީ ތިލަކުރަމުންނެވެ.

މިކަންކަން ހުއްޓުވުމަށް ފުލުހުން މިމަހުގެ ފަސްވަނަ ދުވަހު އަނެއްކާވެސް ބޮޑު އޮޕަރޭޝަނެއް ފަށަފައިވާއިރު ހޮނިހިރު ދުވަހުވެސް ވަނީ މާލޭގެ ދެ ގެއެއް ބަލާ ފާސްކޮށް 21 މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ހޮނިހިރު ދުވަހު ރެއިޑް ކޮށްފައި ވަނީ މާފަންނުގައި ހުންނަ އެވަރެސްޓް އާގެ އާއި ޏަމްޏަމްގެ އެވެ. ފުލުހުން ބުނީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މި ދެ ގޭގެ ތެރެއިން މ. އެވެރެސްޓްއާގެ ބަލާ ފާސް ކުރުމަށް ފަހު 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި އަށް ފިރިހެނުން އަދި ބަންގްލަދޭޝަންގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ ދެވަނައަށް ރެއިޑް ކުރި ޏަމްޏަމް ގެއިން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެހި އަންހެނަކާއި ނުވަ ފިރިނެނުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން ބުނީ ދެ ގެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި ކަމަށާއި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ދެ ގެއިން ވެސް ފެނިފައިވާ ކަމަށެވެ.

މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ތަކުގައި ހޮނިހިރު ދުވަހު ރެއިޑް ކުރި ދެގެ އާއެކު މިހާތަނަށް ޖުމް ހަތް ގެއެއް ވަނީ ބަލާ ފާސްކޮށްފައެވެ. އެއީ މ. ފެޝަންމީޑް، މ. ނަދީއިރުމަތީބައި، ހ. ވެލިރަންގެ، ގ. މެމޮރީވިލާގެ މ. ލޮނުމިދިލިގެ، މ. އެވަރެސްޓް އާގޭގެ އިތުރުން މ. ޏަމްޏަމްގެއެވެ. މީގެތެރެއިން ފަސް ގެއެއް ބަލައިފާސްކޮށް 37 މީހަކު މީގެ ކުރިން ވަނީ ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއްގެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ކެފޭ އުސޫލުން ހިދުމަތް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒު ކުރެވިގެން ހިންގޭ އޮޕަރޭޝަނެއްކަމަށެވެ. އަދި މި އޮޕަރޭޝަންތަކަކީ ގެ ތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގޭ އޮޕަރޭޝަނެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.މި އޮޕަރޭޝަނުގެ ތެރޭގައި މިކަމަކީ ގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއްކަން ފާހަގަވެފައިވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަންތައް ކާމިޔާބުވެ މާލޭގެ ތޮއްޖެހިފައިވާ މިމާލެއިން މަސްތުވާތަކެތީގެ ވަބާއަށް ކުޑަވަރެއްގެ މަޑުޖެހުމެއް ލިބިއްޖެ ނަމަވެސް އެއީ މިތަނުގައި މިހާރު ދިރިއުޅޭ ރައްޔިތުންގެ ހިތަށް ލިބިގެންދާނެ ކޮންމެވެސް ވަރެއްގެ ފިނި ކަމަކަށް ވެގެންދާނެ އެވެ.