މިހާރަކަށް އައިސް އެންމެ ބޮޑަށް އަޑުއިވޭ އެއް ވާހަކައަކީ ހަރުކަށި ފިކުރުގެ ވާހަކައެވެ. މިހަރުކަށި ފިކުރުގެ މީހުންނަކީ ފެންމަތިވެފައިވާ ހުރިހާ ކަމެއް ނުވަތަ ކުށެއްގެ މުލުގައި ތިބޭ މީހުންނަށް މިވަނީ ވެފައެވެ. ހަމައެކަނި މިފަހުން ފެންމަތިވި ކުށްތައް އެކަންޏެއް ނޫނެވެ. މީގެ ހައެއްކަ އަހަރު ކުރިން ހިންގާފައިވާ ޖަރީމާތަކުގެ ފަހަތުގައިވެސް ތިބީ ހަމަ މިބައިމީހުންކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މިއީ ހަމަ މިކަން ވެދާނެ ގޮތް ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ހަމަ ކޮންމެ ކުށެއްގެ ފަހަތުގައި ތިބީ ހަރުކަށީ ފިކުރުގެ މީހުންނޭ ބުނެ ހުރިހާ ކަމެއް ނިންމާލަންވީތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. އަދި އެހާހިސާބުން އެކަން ނިންމާނުލައި، އެހަރުކަށި ފިކުރުގެ ބަޔަކީ ކޮބައިތޯ ހާމަކޮށްދިނުމަށް އެދި ދިވެހި ރައްޔިތުން ދިޔައީ އާދޭސް ކުރަމުންނެވެ.

އެއާދޭސް ތަކަށް، މާބޮޑު ފަރުވާލެއް ނުދީ ތިއްބައި ދެން އަޑުއިވެން ފެށީ އެއަށްވުރެ ބިރުވެރި ވާހަކަތަކެކެވެ. ވާހަކަ ފެށިގެން އައީ، ހުއިފިލަނޑާ ނަގަން ގޮސް އުޅުނު ދޯންޏެއްގައި މާރާމާރީ ހިންގައި އެކަކަށް އަނިޔާވި ހިސާބުންނެވެ. އެހިސާބުން، އެއަނިޔާވި މީހަކީ އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ، ޝަރުއީ އުސޫލުތަކާ ހިލާފަށް ކައިވެނިކޮށްގެން އުޅޭ ވާހަކަ ގައުމީ ފެންވަރެއްގައި ދެކެވެން ދެށިއެވެ. ކަމާބެހޭ އިދާރާތަކުން ޔަގީންކޮށްދީފައި ނުވި ނަމަވެސް، ރ. މަޑުއްވަރީގައި ދިރިއުޅެމުންދާ 13 އަހަރުގެ ކުއްޖާ، އެއަށްވުރެ ކުޑަ އިރުވެސް "ކައިވެނި" ކޮށްފައިވާ ކަމުގެ އަޑުތައް ފެތުރެން ފެށިއެވެ. އެކުއްޖާ ބަނޑުބޮޑުވެ، ވިހެއި ވާހަކަވެސް ޔަގީންވެ ކަށަވަރުވެގެން ދިޔައެވެ. އެކުއްޖާގެ އާއިލާއަށް ނިސްބަތްވާ އެއްވެސް ކުއްޖަކަށް ވެކްސިން ޖަހާފައިނުވާ ކަމާއި އެކުދިން ތައުލީމުން މަހުރޫމުކޮށްފައިވާކަންވެސް ހާމަވެގެން ދިޔައެވެ.

މިހިސާބުން މިވާހަކަތައް ނިމުނީކީއެއް ނޫނެވެ. ރ. މަޑުއްވަރިއަކީ މިފަދަ ކުށްތަކުގެ ހާއްޔެއްކަން ހާމަވެގެން ދިޔައެވެ. މިރަށުގައި އުޅެމުން ދަނީ ހަމައެކަނި އެރަށަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ މީހުން ނޫންކަން ހާމަވިއެވެ. "އައްސޭރި" ނަމުގައި ޕޮލިހުންނާއި، ސިފައިންނާއި ޖެންޑަރ މިނިސްޓްރީއާއި ކަމާ ގުޅޭ އިދާރަތައް ގުޅީގެން ކުރިއަށް ގެންދާ އެއޮޕަރޭޝަންގައި އެރަށަށް ނިސްބަތްވާ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ހަރުކަށި ފިކުރުގެ މީހުންނަކީ ކޮބައިކަން ހާމަކޮށްދިނުމަށް އެދި ރައްޔިތުން އާދޭސް ކޮށްކޮށް ތިއްބާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓާ ގުޅިގެން މަޖިލިސް ތެރެއިން ޖަމިއްޔަތުއް ސަލަފަކީ ހަރުކަށި ފިކުރު ކަމަށްބުނެ ވާހަކަތައް ދެކެވެން ފެށުނެވެ. އެވާހަކަތަކަށް ޖަމިއްޔަތުއް ސަލަފުން ވަނީ ރައްދު ދީފައެވެ.

"ޖަމިއްޔަތުއްސަލަފަކީ ސިއްރުން އެއްވެސް ކަމެއް ކުރިއަށްގެންދާ ބައެއްނޫން. ދަރުސްތަކާއި، މިސްކިތު ގުރްއާން ކްލާސްތަކާއި ސްޓޫޑިއޯގައި ރިކޯޑްކޮށްގެން ގެނެސްދޭ ޕްރޮގްރާމްތައްވެސް އާންމުކޮށް ފެންނަން ހުންނާނެ. އޭގެން އެއްވެސް ޕްރޮގްރާމެެއްގައި ހަރުކަށި ފިކުރަށް ގޮވާލާފައި ނުވާނެ. ދީނާ މެދު ޝައްކު އުފެދޭ ޒުވާނުންނަށް ނަސޭހަތާއި ކައުންސިލިންގ ދީގެން އިސްލާހުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ދިޔައީ ކުރަމުން"
ނައިބްރައީސް ހަސަން މޫސާ ފިކުރީ

މިވާހަކަތައް މިގޮތަށް ދެކެވިފައި އޮއްވާ ދެން ފެނިގެން ދިޔައީ މިދިޔަ ބުދަ ދުވަހު ތިން އިލްމުވެރިއަކު ސަސްޕެންޑް ކުރިތަނެވެ. އެއީ އާންމުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކަށް މަގުފަހިވާގޮތަށް ދީނުގެ ނަމުގައި ވާހަކަ ދައްކަމުން ދިޔުމުގެ އިތުރުން ރާއްޖޭން ބޭރުގައި ހިންގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭނެ ގޮތަށް ވާހަކަދެއްކުމާއި އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލަތަކާ ބެހޭގޮތުން މުޖުތަމައުގައި ބައިބައިވުމާއި ފިތުނަ ފަސާދައަށް މަގުފަހިވާ ގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށް ބުނެއެވެ. ސަސްޕެންޑް ކޮށްފައިވާ ތިން އިލްމުވެރިންނަކީ ނ. ޅޮހި މަނަދޫގެ އަބްދުއްރަހީމް މުހައްމަދު، ސ. މީދު، ދެކުނުގެ ޖައުފަރު ފާއިޒް އަދި ރެޑްސީ ގދ. ތިނަދޫ މުހައްމަދު ހަސަނެވެ.

މިސަސްޕެންޝަނާ ގުޅުވައިގެން މިމީހުންގެ މައްޗަށް ތަފާތު ތުހުމަތުތައް ކޮށް ސޯޝަލް މީޑީޔާގައި ވެސް ވާހަކަތައް ދެކެވެމުން ދިޔައެވެ. އެއާއެކު ޝެއިޚް މުހައްމަދު ހަސަން ހިމެނޭގޮތަށް މަކްތަބާ ސަލަފިއްޔާ ޖަމިއްޔާއިން އަވަސްވެގަތީ އެވާހަކަތަކުން އެމީހުން ބަރީއަވެގެންވާކަން ހާމަކުރުމަށެވެ. އެގޮތުން ހޮނިހިރު ދުވަހު ހަވީރު ޖޮޓެލް ޖެންގައި މަކްތަބާ ސަލަފިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމީހުން އެތުހުމަތުތަކުން ސަލާމަތްވެގެންވާކަން ހާމަކޮށްދީ، އެއިލްޒާމްތައް އެހެން މީހުންނަށް ރައްދުވާފަދަ ގޮތަކަށް ހެއްކާއެކު ގެނެސްދީފައިވެއެވެ.

"އަޅުގަނޑުމެންނަކީ އެއްވެސް އިރެއްގައި ހަރުކަށި ފިކުރަށް ތަބާވާ ބައެއްނޫން. އަޅުގަނޑުމެން މިބުނަނީ އެފިކުރަށް އަޅުގަނޑުމެން ތާއީދުކޮށް ދައްކާފައި ހުރި ވާހަކަތަކުގެ ހެކި ދައްކާށޭ. "
އައްޝެއިޚް މުހައްމަދު ހަސަން

ޕްރެސް ނިމުނުއިރު ޓެރަރިޒްމްގެ ބޮޑެތި ތުހުމަތުތައް، އެންމެ ފަހުން އަނެއްކާވެސް އެޅުނީ ޖަމިއްޔަތުއް ސަލަފުގެ އެކި ޝެއިޚުންގެ ބޮލުގައެވެ. އައްޝެއިޚް ޑރ. މުހައްމަދު އިޔާޒާއި، އައްޝައިހް އާދަމް ޝަމީމް ބިން އިބްރާހިމް، ޝެއިހް އާދަމް ނިޝާން އަލީ، އަދި އަބްދުﷲ ޖުނާބު ފާހަގަކޮށްލެވެއެވެ. އެގޮތުން އެއީ ޓެރަރިޒަމާއި ހައްދު ފަހަނައަޅާފައިވާ ފިކުރުތަކަށް ތާއީދުކުރާ ބައެއްކަން ދެއްކުމަށް އެބޭފުޅުން ކުރައްވާފައިވާ ބައެއް ޕޯސްޓުތަކާއި ލިންކުތައް ވަނީ ހިއްސާކޮށްފައެވެ.

މިތުހުމަތުތަކަށް ޑރ. އިޔާޒުވެސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން މަކްތަބާ ސަލަފިއްޔާ ޓެގު ކުރައްވައި އިޔާޒު ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ، މުސްލިމުން ކެޓަގެރައިޒްކޮށް، ތިމާމެންގެ ފިކުރާ ދިމާ ނުވާ ބަޔަކާ ހަތަރުކަޅި ހަމަނުކޮށް، ސަލާމް ގޮވީމައި ސަލާމް ބަލައިނުގަނެ މޫނު އަނބުރާލާފައިދާ މީހުންގެ އަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލުތަކަށް ފެތޭ ކަންކަން ނޫންކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ.

ދީނީ އިލްމުވެރިންގެ ބަހުގެ ހަމަލާތައް ހޫނުވެފައިވާއިރު، ގިނަ ރައްޔިތުން އަދިވެސް ތިބީ ވާނުވާ ނޭނގޭ ހާލުގައެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ހަރުކަށި ފިކުރުތަކަށް ތަބާވާ ބައެއް ކަމުގެ ތުހުމަތުތައް ކުރަމުންދާއިރު، މިއީ އާބާދީގެ ގޮތުން މިހާ ކުޑަ ގައުމެއްގެ އިލްމުވެރިންގެ މެދުގައި ފެންނަންވާނެ ވަރުގެ ކަންކަން ނޫންކަމަށް ދިވެހި ރައްޔިތުން ދެކެއެވެ.

އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ބަދަލުގައި، މިކަމުގެ ތެދު ހަގީގަތް ރައްޔިތުންނަށް ހާމަވުމަކީ ރައްޔިތުން އެދޭ ގޮތެވެ. ދައުރުވަމުންދާ ސޯޝަލް މީޑިޔާގެ ޕޯސްޓްތަކަށް ބަލާލުމުންވެސް މިކަން އެނގިގެން ދެއެވެ. މިކަމުގެ ފަހަތުގައި ތިބީ ކޮންމެ ބަޔަކު ކަމުގައިވިޔަސް، މިހަރުކަށި ފިކުރު މިގައުމުން ނައްތާލުމަކީ ކޮންމެ ރައްޔިތެއްގެ ވެސް އެދުމެވެ.