ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސް އަތުން ފްރޭންކް ލަމްޕާޑުގެ ޗެލްސީން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މުހިންމު މޮޅެއް ހޯދައިފި އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު ޑާބީ މެޗުން އެޓީމުގެ މައްޗަށް ޗެލްސީ ކުރިހޯދީ 2-0 އިންނެވެ. ފްރޭންކް ލަމްޕާޑުގު އިރުޝާދުގެ ދަށުން ޗެލްސީން މޮރީނިއޯގެ ޓޮޓެންހަމް ބަލިކުރިއިރު، މީގެ ކުރިން ޗެލްސީއަށް މޮރީނިއޯ އިރުޝާދުދިން ދުވަސްވަރު، ލަމްޕާޑަކީ އެޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ.

ރޭގެ މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. މި ލަގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން އެވެ. އަދި ޗެލްސީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން އިތުރު ވަގުތުގައި މި ގޯލް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ވިލިއަން އެވެ.

އޭގެ ފަހުން ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. އެކަަމަކު ޓޮޓެންހަމަށް މެޗުގައި އިތުރު ހުރަސްތަކަކާ ކުރިމަތިވީ 62 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ސޮންއަށް ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ.

ރޭގެ ޑާބީ މެޗުން ޗެލްސީ މޮޅުވިއިރު، އެޓީމު ލީގު ތާވަލުގައި އޮތީ ހަތަރުވަނައިގައި 32 ޕޮއިންޓާއެކުއެވެ. އަދި ރޭގެ މެޗުން ބަލިވި ޓޮޓެންހަމް އޮތީ ތާވަލުގެ ހަތްވަނައިގައި 26 ޕޮއިންޓާއެކު އެވެ.

ވަޓްފޯޑާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން ---

މީގެ އިތުރުން ލީގުގައި ރޭ ތާވަލުގެ ފުލުގައި އޮތް ވަޓްފޯޑުން ވަނީ 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައެވެ.

ވަޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމައިލާ ސާ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ޓްރޯއި ޑީނީ ވަނީ ވަޓްފޯޑަށް ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ ފުލުގައި އޮތް ވަޓްފޯޑަށް 12 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ އަށްވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 49 ޕޮއިންޓު ވަނީ ލިބިފައެވެ.