އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް 3-1 އިން ބަލިކުރުމަށްފަހު އިޓާލިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ލާޒިއޯ ހޯދައިފި އެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ލާޒިއޯއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ލާޒިއޯއަށް ލީޑު ނަގައިދިނީ ލުއިސް އަލްބާޓޯ އެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާ އެވެ.

ދެވަނަ ހާފު ފަށައިގެންވެސް ލާޒިއޯއިން ޔުވެންޓަސްގެ ގޯލަށް ނުރައްކާކުރިއިރު، އެޓީމުން 73 ވަނަ މިނެޓުގައި ސެނާޑް ލުލިކް ކާމިޔާބުކޮށްދިން ގޯލުން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. އަދި ލިބުނު ކައުންޓަ އެޓޭކްއެއްގެ ބޭނުން ހިފައި މެޗުގެ އެންމެފަހު މިނެޓު އިތުރު ގޯލެއް ޖަހާ ލާޒިއޯ އިން ވަނީ ޗެމްޕިއަންކަން ޔަގީން ކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީލޯ އެވެ.

އިޓާލިއަން ސުޕަ ކަޕްގެ ރިހި މެޑެއްޔަކުން ޔުވެންޓަސް ފުއްދާލަން ޖެހުނުއިރު، މިއީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 2013 ގެ ފަހުން ކުޅުނު ފައިނަލް މެޗަކުން ބަލިވި ފުރަތަމަ މެޗެވެ.

އަދި ރޭގެ މެޗުން ޔުވެންޓަސް ބަލިވިއިރު، މިއީ މި ސީޒަނުގައި ޔުވެންޓަސް ބަލިވި ދެވަނަ މެޗެވެ. ލާޒިއޯއަކީ މި ސީޒަނުގައި ޔުވެންޓަސް ބަލިކުރި ހަމައެކަނި ޓީމެވެ.