ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު އެއްވަރުވުމުން، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް ދެ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވެސް އަތުން 4-0 އިން މޮޅުވެ ބާސާ ވަނީ އެއްވަނައިގައި 39 ޕޮއިންޓު ހަމަކޮށްފައެވެ. ބާސާއަށް 2 ޕޮއިންޓުގެ ލީޑެއް ލިބުނީ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓަކާއެކު ރެއާލް އޮތީ ތާވަލުގެ ދެވަނައިގައި 37 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ސެވިއްޔާއަށް ވަނީ 34 ޕޮއިންޓު ލިބިފައެވެ.

ރޭޭ ކުޅުނު މެޗުގައި ރެއާލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، މެޗުގައި ތަފާތު ދެއްކީ ބިލްބާއޯގެ ގޯލްކީޕަރު އުނާއީ ސައިމަން އެވެ. އެގޮތުން މެޗުގެ ކުރީކޮޅު ރެއާލްގެ ރޮޑްރިގޯ އާއި ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާތައް ސައިމަން ވަނީ ދިފާއުކޮށްފައެވެ.

މެޗުގައި ރެއާލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މެޗުގެ 19 ވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު ޓޯނީ ކްރޫސްއަށެވެ. އެކަމަކު ކްރޫސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވނަ ހާފުގައި ރެއާލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، 64 ވަނަ މިނެޓުގައި ރެއާލްގެ ފޯވާޑް ކަރިމް ބެންޒެމާ ފޮނުވާލި ހަމަލާއެއްވެސް ސައިމަން ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗު އެއްވަރުވެ ރެއާލުން މުހިންމު ދެ ޕޮއިންޓު ގެއްލުވާލިއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެެ ދުވަހު ކުޅޭ މެޗުގައި ރެއާލް ނުކުންނާނީ ގެޓާފޭއާ ދެކޮޅަށެވެ.