ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަތުން އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ނުދައްކަވައިފިނަމަ މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ނަގައިދިނުމަށް ހުށަހެޅި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ސިވިލްކޯޓުގައި ފަށައިފިއެވެ.

މިިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މައުމޫން ޖާބިރުގެ އަތުން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ނުދައްކަވާ ކަމަށް ބުނެ އެ މައްސަލަ ޖާބިރު ވަނީ ސިވިލްކޯޓަށް ހުށަހަޅުއްވާފައެވެ. ޖާބިރު މިދިޔަ ހަފުތާގައި ސިވިލްކޯޓަށް ހުށަހެޅުއްވި މައްސަލާގައި ވަނީ އެފައިސާ ނުދައްކަވައިފި ނަމަ މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ނަގައިދިނުމަށެވެ.

އެމައްސަލައިގެ ލިޔެކިޔުންތައް މިހާރު ވަނީ ރައީސް މައުމޫންގެ ވަކީލުންނަށް ދީފައެވެ.

ޖާބިރު ސިވިލްކޯޓަށް ހުށަހެޅުއްވި މައްސަލާގައި ވަނީ ޖާބިރު އަތުން ރައީސް މައުމޫން ނެންގެވި 29 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްދިނުމަށެވެ. އަދި އެ ފައިސާ ނުދެއްކިއްޖެ ނަމަ މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގެ ނަގައިދިނުމަށް ހުކުމްކޮށްދިނުމަށެވެ.

އެފައިސާ މައުމޫން އަނބުރާ ނުދެއްވުމުގެ ސަބަބުން ޖާބިރުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުން ވަމުންދާކަންވެސް މައްސަލާގައި ފާހަގަކޮށްފައި ވެއެވެ.

ޖާބިރު މައުމޫނަށް ފައިސާ ދެއްވިއިރު އެ މުއާމަލަތުގައި އެއްވެސް އެއްބަސްވުމެއް ނެތް ނަމަވެސް އެވަގުތު އެތަނުގައި ތިބި މީހުންގެ ހެކިބަހުން އެކަން ސާބިތުވާނެ ކަމަށްވެސް ޖާބިރު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވެއެވެ.

ޖާބިރު މީގެ ކުރިން ވީނިއުސްއަށް ވިދާޅުވީ ރައީސް މައުމޫން، އެނާގެ އަތުން ފައިސާ ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 2017 ވަަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ދުވަސްވަރު ކަމަށެވެ.

މި މައްސަލަ ޖާބިރުގެ ފަރާތުން މީގެކުރިން ފުލުހަށްވެސް ހުށަހަޅުއްވާފައި ވެއެވެ. އެހެންނަމަވެސް އެ ފައިސާ މައާފުކުރެއްވި ކަމަށް ޖާބިރު ވިދާޅުވެފައެވެ. އަދި 29 މިލިއަން ރުފިޔާގެ ފައިސާ މައާފުކޮށް ޕޮލިހަށް ހުށަހެޅުއްވި އެ މައްސަލަ ނެންގެވުމަށް ނިންމެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކެގެ އެދިވަޑައިގަތުމުގެ މަތިން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ މައުމޫނަށް ފައިސާ ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށެވެ. އަދި އެ ފައިސާ ދެއްވީ 2017 ވަނަ އަހަރުގެ ކުރީކޮޅު މެލޭޝިއާގެ ހޮޓަލެއްގައި މަައުމޫނާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ކަމަށްވެސް ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ އޭނާގެ އަތުން ލޯނެއްގެ ގޮތުގައި ރައީސް މައުމޫން ފައިސާ ނެންގެވީ މާފަންނު ކިނބިގަސްދޮށުގެ މޯގޭޖު ކުރުމަށްފަހު ކަމަށެވެ.

29 މިލިއަން ރުފިޔާގެ މައްސަލާގައި ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް މައުމޫން ވަނީ އެކަން ދޮގުކުރައްވާފައެވެ. ޖާބިރު އެއްވެސް ފައިސާއެއް ރައީސް މައުމޫނަށް އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމްގެ ބޭފުޅަކަށްވެސް ދެއްވާފައި ނުވާ ކަމަށް ވިދާޅުވެފައި ވެއެވެ.