ޖުމްހޫރީ ޕާޓީއާއި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިޚުލާސްތެރި މަސައްކަތް ކުރައްވަނީ ހަމައެކަނި ނަމުން ނޫން ކަމަށާއި ކަމުންވެސް އެކަން ދައްކާނެ ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް މީހުން އިތުރުކުރުމަށް ބާއްވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން އަންގާރަ ދުވަހުގެރޭ ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ އެއްޗެއް ފުރާ ފުރިހަމަ ވެއްޖެއްޔާ ބަންޑުން ވާނެ ކަމަށެވެ. މާ ގިނައިން އެއްވެސް އެއްޗަކަށް، އެއްޗެހި ނޭޅޭނެ ކަމަށާއި، ފުރުމުން ދެން ވާނީ މަތިން ބަންޑުން ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، އެ ޕާޓީގައި ޖާގަ އެބައޮތް ކަމަށާއި ގިނަ ފުރުސަތުތައްވެސް އެ ޕާޓީގައި އެބައޮތް ކަމަށް ވިދާޅުވިއެވެ. ޕާޓީއާ އަލަށް ގުޅޭ މެމްބަރުންނަށް ސިޔާސީ ގޮތުންނާއި ސަރުކާރުގެ ވަޒީފާތަކުންވެސް ބޭނުން ރޮނގަކުން ކުރިއަށް ދެވޭނެ ފުރުސަތު އޮތީ ފަހިވެފައި ކަމަށް ގާސިމް ވިދާޅުވިއެެވެ. އެގޮތުން ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއާއި ބޭނުން އެހެން ދާއިރާއަކުންވެސް ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.

ޕާޓީ ހަރަކާތްތެރިކަމާއެކު ހިންގަމުން އަންނަތާ 13 ވަރަކަށް އަހަރު ވެއްޖެ ކަމާއި އެހެންނަމަވެސް އެ ޕާޓީވެސް "ހައިބަނޭޓް" ވާންޖެހޭ ނުވަތަ ޕާޓީގެ ކަންކަން މަޑުޖައްސާލަންޖެހޭ ދުވަސްވަރު އަންނަކަން ގާސިމް ފާހަގަކުރެއްވިއެވެ. ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރާ މަސައްކަތަކީ މިގައުމަށް ޑިމޮކްރަސީ ގެނެސް، އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުން ކަމަށެވެ. އެހެންނަމަވެސް، ކޮންމެ ފަހަރަކުވެސް މާ ކުރިއާލައި މިކަންކަން ކުރަން ފަށައިފިނަމަ ހުދު އެމަނިކުފާނަށާއި، އާއިލާއަށް ގެއްލުންތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެއްވިއެވެ. އެ އަނިޔާތައް ލިބެން ފެށީ ޖުމްހޫރީ ޕާޓީ އުފެއްދި ހިސާބުން އެކަނި ނޫން ކަމަށާއި ސިޔާސީ މައިދާނަށް 1984 ވަނަ އަހަރު ނުކުމެވަޑައިގަތީއްސުރެ އެ އަނިޔާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ފިކުރިއްޔާތުގެ ނަޒަރަކުން ވިސްނައިފިނަމަ ވަރަށް ސާފުކޮށް އެނގޭނެ، އަޅުގަނޑު މިމަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައިކަން. ދިވެހި ރައްޔިތުންނަށްޓަކައިކަން. ހަމއެކަނި ނަމަކުން ނޫންކަން، ކަމުންވެސް، ބަހުންވެސް، އަމަލުންވެސް އެކަން ސާބިތުވާކަން. ހަތަރުފަރާތުން ފަރިވެ ފޮޅޭނީ އެކަންތައްކަން. އެއީ ކޮންމެ ދައުލަތުގެ މުއައްސަސާއަކަށް ވިޔަސް، ކޮންމެ ދިވެހި ރައްޔިތަކަށްވެސް މިކަން އެނގޭނެ. އަޅުގަނޑަށް ފައިދާ ބޮޑީ، އަދި އަނބިދަރިންނަށް ފައިދާ ބޮޑީ މިމަސައްކަތް މިގޮތަށް ނުކުރުންކަން.
ގާސިމް އިބްރާހީމް

ގާސިމް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި ޕާޓީގެ މެމްބަރުން އަބަދުވެސް ކުރައްވަމުން ގެންދަވަނީ އިޚުލާސްތެރި މަސައްކަތް ކަމަށެވެ. އެގޮތުން ގައުމަށާއި، ދީނަށާއި ގާނޫނަށް އިޚުލާސްތެރި މަސައްކަތް ކުރެެއްވުމުގައި ޕާޓީގެ އެއްވެސް މެމްބަރަކުވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މައްސަލާގައި އެމްޑީއެން އުވާލާފައި ވުމުން ގާސިމް ވަނީ ސަރުކާރަށް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ހައްދުފަހަނައެޅުމާއި ހަރުކަށި ފިކުރުތަކާ ގުޅޭގޮތުން ވިދާޅުވީ ގައުމުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށެވެ.

އަންނަ އަހަރު ނެގުމަށް ތައްޔާރުވަމުންދާ އިންކަމް ޓެކްސްއަށް އަލިއަޅުއްވާލައްވައި ގާސިމް ވިދާޅުވީ، ބައެއް ފަހަރު ބަލިތަކުން ސަލާމަތްވުމަށް ހިތި ބޭސްގުޅައެއްވެސް ކާލަންޖެހޭ ކަމަށެވެ. އެބޭސް ގުޅަ ކާލުމުން، ވަގުތީ ގޮތުން އުނދަގޫތަކެއް ކުރިމަތިވިޔަސް، ފަހުން އެކަމުގެ ފައިދާ ކުރާނެކަން ގާސިމް ފާހަގަކުރެއްވިއެވެ.

ހަމައެގޮތަށް ޓެކްސް ނެގުމުންވެސް ފަހުން ފައިދާ ކުރާނީ ރައްޔިތުންނަށް ކަމަށް ގާސިމް ވިދާޅުވިއެވެ. ޓެކްސް ނަގައިން ލިބޭ ފައިސާއަކީ ގައުމުގެ ކުރިއެރުމަށް ލިބޭ ފައިސާކަން ފާހަގަކުރެއްވިއެވެ. މިކަން ކުރުމުގައިވެސް މުޅިގައުމަށް ފައިދާވާނެ ގޮތް ބަލައި، ކޮރަޕްޝަނާއި ފަސާދައިން ދުރުވެ ތިބުމަށް އިލްތިމާސް ކުރެއްވިއެވެ. އެގޮތުން ޓެކްސް ނަގަން ނުޖެހޭ މީހުން އަތުން ޓެކްސް ފައިސާ ނުނެގުމަށާއި އެންމެންނާމެދު ހަމަަހަމަ އިންސާފުވެރި ގޮތްތަކެއް ގެންގުޅުމަށް ގާސިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.